އަމިއްލަ ނަފްސަށް އީޖާބީ ގޮތެއްގައި ފަޚުރުވެރިވާން ބާރުއެޅުމުގެ ގޮތުން އިމާދުއްދީނުން "ތެރަޕީ ވޯލް"އެއް ތައާރަފު ކޮށްފިއެވެ. މިއީ މިފަދަ ކަމެއް ރާއްޖޭގެ ސްކޫލަކުން ފެށި ފުރަތަމަ ފަހަރެވެ.
އިމާދުއްދީން ސްކޫލަށް ވަދެގެން ހޯލަށް ދެވެން އޮންނަ މަގުގެ އެއް ފަރާތުގައި ހަދާފައިވާ މި ވޯލްގައި ވަނީ ހަތަރު ލޯގަނޑު ބަހައްޓާފައެވެ. އެތަނުން ހުރަސް ކުރާ ކޮންމެ ކުއްޖަކަށް ވެސް އެކުއްޖެއްގެ ހަށިގަނޑު އެ ލޯގަނޑުތަކުން ފެންނާނެއެވެ. މިއީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުކޮށް ދިނުމަށް އެ ސްކޫލުން ފެށި މުހިންމު މަސައްކަތެކެވެ.

އިމާދުއްދީން ސްކޫލުން ބުނީ، މިއީ ދަރިވަރުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި އަމިއްލަ ނަފުސަށް ފަޚުރުވެރިވާން ހަނދާން ކޮށްދިނުމުގެ ގޮތުން ތަޢާރަފު ކުރި "ތެރަޕީ ވޯލް" އެއް ކަމަށެވެ.
"ކޮންމެ ކުއްޖަކުވެސް އަމިއްލަ ނަފުސަށް ފަޚުރުވެރިވާން އެބަޖެހޭ. އަޅުގަނޑަށް އަޅުގަނޑުގެ ނަފުސު ކަމުނުދަންޏާ އެހެން މީހަކަށް ކަމަކުނުދާނެ. ކޮންމެ ކުއްޖަކު ވެސް ލޯގަނޑުތަކުގެ ކުރިމަތީގައި ހުއްޓިލާއިރު، ހަނދާންކޮށް މި ދެނީ، އަމިއްލަ ނަފުސަށް ފަޚުރުވެރިވާން. އިރާދަކުރެއްވިއްޔާ މިކަން މަށަށް ކުރެވޭނެއޭ. އިންޝާ ﷲ ތިމަންނައަށް ވާނެއޭ. ކޮންމެ ދުވަހަކު ތަކުރާރުކޮށް، މިކަން އަމިއްލަ ނަފުސަށް ހަނދާންކޮށް މި ދެވެނީ" އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަންދޫހު ވިދާޅުވިއެވެ.
"އަމިއްލަ ނަފުސަށް މި ބުނަނީ އަހަރެންނަކީ ރީތި ކުއްޖެކޭ. އަހަރެންނަކީ އިންޓަލިޖެންޓް ކުއްޖެކޭ. ކޮންމެ ދުވަހަކު ލޯގަނޑު ކުރިމަތީގައި ހުރެގެން އަމިއްލަ ނަފުސާ މިވާހަކަ ދެއްކީމާ ކޮފިޑެންޓް އިތުރުވާނެ. އަމިއްލަ ނަފުސަށް ކުރާ އިޙުތިރާމް ބޮޑުވާނެ"
މަންދޫހު ވިދާޅުވި ގޮތުގައި " ތެރަޕީ ވޯލް" އާ މެދު ދަރިވަރުންނާއި މުދައްރިސުންނާއި ސްޓާފުން ދެކެނީ ވަރަށް " ޕޮޒިޓިވް" ކޮށެވެ.
މަންދޫހު ވިދާޅުވީ، ހޯލަށް ދާ ގަޑީގައި ނޫނީ ނިމިގެންދާޢިރު ވެސް، ދަށަށް ޖެހިފައިތޯ ހުރީ، ޓައިހުރީ ރީއްޗަށްތޯ، ކޮންމެ ކުއްޖެއްވެސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓި ބަލާލާ ކަމަށެވެ.
" މިހާރުވެސް ބައެއް ކުދިން ލޯގަނޑު ކުރިމަތީގައި ހުއްޓިލާފައި ރީތިވެލައިގެން ދާނީ. ޓީޗަރުންނާއި ސްޓާފުން ވެސް ލޯގަނޑުގެ ބޭނުން އެބަކުރޭ. މަސައްކަތު ދައްތަ ވެސް ހިނގާލާފައި ދާޢިރު ލޯގަނޑު ކުރިމަތީގައި ހުއްޓިލާފައި ދާނީ" މަމްދޫހު ވިދާޅުވިއެވެ.
1400 އެންހާ ދަރިވަރުން ކިޔަވަމުންދާ އިމާދުއްދީން ސްކޫލްގައި ޖުވެލް ސެންޓަރުގެ ނަމުގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ފުޅާދާއިރާއެއްގައި ކިޔަވައިދެމުން ގެންދެއެވެ.
advertisment
ހިޔާލު