ނ. ކުޑަފަރީ ސްކޫލުން އިންތިޒާމުކޮށްގެން އެ ސްކޫލާއި ނ. މަގޫދޫ ސްކޫލުގެ ދަރިވަރުން ދިވެހި އިމްތިހާނަށް ތައްޔާރުކުރުމަށް ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ނިންމާލައިފިއެވެ. ދެ ދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕަކީ ކުޑަފަރީ ސްކޫލުގެ ގްރޭޑް 9 ،10 އަދި 12ގެ ދަރިވަރުންނާއި މަގޫދޫ ސްކޫލުގެ ގްރޭޑް 10ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސްޓަޑީ ކޭމްޕެކެވެ. މިއީ އެސް.އެސް.ސީ ދިވެހި މި މާއްދާއަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.

މި ކޭޕްގައި ކިޔަވައި ދެއްވާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރ ޝިއުނާ އަޙްމަދާއި ސީއެސްއެޗްއީގެ ދިވެހި ޓީޗަރު މުޙައްމަދު ޤާސިމްއެވެ.
މި ކޭމްޕްގައި މަގޫދޫ ސްކޫލުގެ ދަރިވަރުން ބައިވެރިކޮށްފައިވަނީ އެއީ އާބާދީގެ ގޮތުންވެސް ކުޑަ ރަށަކަށްވެފައި، އެރަށު ސްކޫލުގައި ގްރޭޑް ދިހައެއްގައި ކިޔަވަމުންދަނީވެސް އެންމެ 3 ދަރިވަރުންނަށްވާތީއާއި ދެ ސްކޫލުގެ މެނޭޖްމަންޓްގައި އޮންނަ ގާތްކަމަކުންކަމަށް ނ. ކުޑަފަރީ ސްކޫލުގެ ސީނިއަރ ލީޑިންގ ޓީޗަރ ރަޙްމަތުﷲ އަބްދުލް މުޙްސިން ވިދާޅުވިއެވެ.

މިއީ މި އަހަރުގެ ތެރޭގައި މި ކޭމްޕްކުރިއަށްގެންދިޔަ ދެވަނަ ފަހަރެވެ. ފުރަތަމަ ބާއްވާފައިވަނީ ހުރަވީ ސްކޫލްގެ ކެމިސްޓްރީ ޓީޗަރު އަބްދުﷲ އިކްރާމާއި އެކުގައެވެ. އެ ސްކޫލުން ރާވާފައިވަނީ މިއަހަރު ދިހައެއްގައި ކިޔަވާ ހުރިހާ މާއްދާއަކަށް ވަކިވަކި ކޯޗިންގ ކޭމްޕްތައް ކުރިއަށް ގެންދަންކަމަށްވެސް ސީނިއަރ ލީޑިންގ ޓީޗަރ ވިދާޅުވިއެވެ.
ކޮންމެ އަަހަރަކުވެސް ތަފާތު މާހައުލެއްގައި ކުރިއަށް ގެންދާ މި ސްޓަޑީ ކޭމްޕްގެ ސަބަބުން ކުދިންގެ ކިޔެވުމަށް އިތުރު ކުރިއެރުމެއް އަންނަކަމަށް ފާހަގަކުރެވޭކަމަށްވެސް ވިދާޅުވިއެވެ.

މި ކޭމްޕްގައި ޓީޗަރުންވެސް ބައިވެރިވުމުން އެއްޓީޗަރަކު އަނެއް ޓީޗަރަކަށް މައުލޫމާތު ބަދަލުވެ، ޓީޗަރުންނަށްވެސް ތަފާތު މައުލޫމާތުތައް ލިބިގެންދާކަމަށް ސީނިއަރ ލީޑިންގ ޓީޗަރ ރަޙްމަތުﷲ އަބްދުލް މުޙްސިން ވިދާޅުވިއެވެ.
މިއަހަރުގެ ސްޓަޑީ ކޭމްޕްތައް ކުރިއަށް ގެންދަނީ ކުޑަފަރީ ކައުންސިންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގައިކަން އެ ސްކޫލުން ފާހަގަކުރެއެވެ.
advertisment
ހިޔާލު