ށ. ބިލެތްފަހީ ސްކޫލަށް ކައުންސިލުގެ ޚަރަދުގައި " ދަރިވަރުންގެ ހިޔާއެއް" ހަދައިދީފިއެވެ.
އެ ސްކޫލަށް ދާ ދަރިވަރުން މަޑުކޮށްލައިގެން ތިބެން އެރަށު ކައުންސިލުން ހަދައިދިން މި ހިޔާ ރަސްމީކޮށް ބޭނުން ކުރަން ފެށީ ދެވަނަ ޓާމުގެ މެދު ޗުއްޓީއަށްފަހު، ކިޔަވަން ފެށުމާއެކުގައެވެ.
ބިލެތްފަހީ ކައުންސިލުގެ ރައީސް އަބްދުﷲ ޒިޔާދު ދަރިވަރު ނޫހަށް މިރޭ ވިދާޅުވީ، ސްކޫލަށް ދާ ބެލެނިވެރިންނާއި ދަރިވަރުން ގަޑިޖެހެންދެން މަޑުކޮށްލައިގެން ތިބޭއިރު، ވާރެއާއި އަވިން ރައްކާތެރިވެ ތިބުމަށް އެ ފަދަ ހިޔާއެއްގެ ބޭނުން ވަރަށް ބޮޑު ކަމަށާއި އެއީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.

" މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން އެތަނުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި މިހާރު ވެސް ހިފަމުން ދަނީ" ޒިޔާދު ވިދާޅުވިއެވެ.
ތިންލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން ހެދި " ދަރިވަރުންގެ ހިޔާ" ގައި އެއްފަހަރާ 50 މީހަކަށް އިށީދެގެން ތިބެވޭނެ ގޮތަށް ގޮނޑިތައް ވަނީ ބަހައްޓާފައެވެ. އަދި އެތަނުގައި ތިބޭ ވަގުތުގައި ވެސް ދަރިވަރުންނަށް ފިލާވަޅު ހެދުމާއި ޑިސްކަޝަންތައް ކުރިއަށް ގެންދެވޭނެ ގޮތަށް މޭޒުތަކެއް ވެސް ވަނީ ބަހައްޓާފައެވެ.

" ބޭނުމަކީ ސްކޫލުގެ ގަޑިޖެހުމުގެ ކުރިން ވެސް ދަރިވަރުންނަށް ތިބެވޭނެ ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން" ޒިޔާދު ވިދާޅުވިއެވެ.
ދަރިވަރުންގެ ހިޔާގެ މައިގަނޑު މަސައްކަތް ކުރީ ކޮންޓްރެކްޓް އުޞޫލުން ބަޔަކު ލައްވައެވެ. އިންޓީރިއާގެ މަސައްކަތް ކޮށްފައި ވަނީ ކައުންސިލުގެ މުވައްޒަފުން އަމިއްލައަށް ހިލޭ ސާބަހަށެވެ.
768 މީހުން ބިލެތްފަހީގައި މިވަގުތު ދިރިއުޅެމުންދާއިރު އެ ރަށު ސްކޫލުގައި 100 އެއްހާ ދަރިވަރުން، ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު