މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގޭނީ މަތީ ތަޢުލީމާޢި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ރަޖިސްޓަރ ކުރުމަށް ފަހު ކަމަށާއި މިއަދާ ހަމައަށް ރީ ރަޖިސްޓްރީ ނުކުރާ 101 އިންސްޓިޓިއުޓްތަކުން ހިންގާ ޕްރޮގްރާމްތައް ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ކުރި އާންމު އިއުލާނެއްގައި ބުނެފައި ވަނީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައި ނުވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުން ހިންގާ ޕްރޮގްރާމްތައް މިއަދުން ފެށިގެން ބަލައި ނުގަންނާނީ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ބ ގެ ދަށުން ކަމަށެވެ. ނަމަވެސް ކުރިން އެޕްރޫވަލް ދީފައިވާ ޕްރޮގްރާމްތަކުން ކިޔަވާފައިވާ އަދި އެމްކިޔުއޭއަށް ބެޗް އޮޑީޓަށް ފޮނުވާފައިވާ ދަރިވަރުންގެ ސަނަދު އެ އޮތޯރިޓީން ޤަބޫލުކުރާނެ ކަމަށެވެ.
އެ އޮތޯރިޓީން ވަނީ މި އިޢުލާނާއެކު 101 ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް ހިމަނާފައެވެ. އަދި ބުނެފައި ވަނީ އެ އޮތޯރިޓީގެ ވެބްސައިޓްގައި ހިމެނޭ " ޕްރޮގްރާމް އެކްރެޑިޓޭޝަން" ބައިގައިވާ " ޕްރޮވިއަސް އެޕްރޫވްޑް ޕްރޮގްރާމް" ލިސްޓްގައި ވާ މަރުކަޒުތަކާއި ދިމާލުގައި މިކަން ފާހަގަކޮށް ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށެވެ.


advertisment
ހިޔާލު