ޤުރްއާނުން މީހާ ޒީނަތްތެރިވުން ވާޖިބު

ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާނަށް ޢަމަލުކުރުމަކީ، އަހުރެމެންގެ މައްޗަށް ވާޖިބު ކަމަކަށްވީ ހިނދު، ޤުރްއާނުން މީހާ ޒީނަތްތެރިވުމަކީ ވެސް ވާޖިބު ކަމެކެވެ. މިއަދުގެ ހުކުރު ޙުތުބާގައި ވަނީ ޤުރުއާނުން ޒީނަތްތެރިވާނެ ހަތަރު ގޮތެއް ބަޔާން ކުރައްވާފައެވެ.

ކީރިތި ޤުރްއާނަކީ މާތް الله އެކަލާނގެ ރަސޫލާ މުޙައްމަދު z އަށް ބާވައިލެއްވި، އެކަލާނގެ ކަލާމްފުޅެވެ. ކީރިތި ޤުރްއާނަކީ މާތް الله އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ޤާނޫނެވެ. މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖެވެ. އެހެންކަމުން އަހުރެމެން މުސްލިމުން ކީރިތި ޤުރްއާން ކިޔަވައި، އެފޮތާ އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަންކުރަން ޖެހެއެވެ. އަހުރެމެންގެ ދަރީންނަށް ކީރިތި ޤުރްއާން އުނގަންނައިދޭން ޖެހެއެވެ. އެކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނުގެ ލޯބި އަށަގަންނުވައި، އެފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދޭން ޖެހެއެވެ. ކީރިތި ޤުރްއާނަށް އިޙްތިރާމްކުރަން ދަސްކޮށްދޭން ޖެހެއެވެ. الله تَعَالَى ވަޙީކުރައްވައިފައި ވާ އާޔަތެއްގެ މާނައީ: "ހަމަކަށަވަރުން، އެ ޤުރްއާނަކީ، ޢާލަމުތަކުގެ ވެރި ރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރްއާނައިގެން ފައިބައިވަޑައިގަތީ، ޖިބްރީލުގެފާނެވެ. އެއީ (މީސްތަކުންނަށް) އިންޒާރު ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ." ކީރިތި ޤުރްއާނަކީ ބަލާޣާތްތެރިކަމާއި ފަޞާޙަތްތެރިކަމުގައި ވެސް މުޢުޖިޒާތެކެވެ. ޖާހިލީ ޒަމާނުގައި ޢަރަބީންގެ ތެރޭގައި އުޅުނު އެންމެ ފަޞާޙަތްތެރީން ވެސް ވަނީ އެފަދަ ޤުރްއާނެއް ގެނައުމަށް ނުކުޅެދިފަ އެވެ. އެކަމަށް އިޝާރަތްކުރައްވައި الله تَعَالَى ވަޙީކުރައްވައިފައި ވާ އާޔަތެއްގެ މާނައިގައިވެއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރްއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ." ކީރިތި ޤުރްއާން ބާވައިލެއްވީ الله تَعَالَى އެފޮތުގެ ކުރިން ބާވައިލެއްވި ހުރިހައި ފޮތްތަކެއް ތެދުކުރަނިވި އަދި އެ ފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއްގެ ގޮތުގައެވެ.

މިއަދު އަހުރެމެންނަށް ވަނީ ކީރިތި ޤުރްއާން ކިޔަވައި ތިލާވަތު ކުރުމާއި، އެ ފޮތަށް ޢަމަލުކުރުން އުނދަގޫ ކަމަކަށްވެފައެވެ. އެކަމުގެ ސަބަބުން އަހުރެމެން ވަނީ ދީނާ ދުރުވެފައެވެ. އަދި ޣައިރު މުސްލިމުންގެ ކުރިމަތީގައި އަހުރެމެން ވަނީ ނިކަމެތިވެފައެވެ. الله تَعَالَى ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އަދި ރަސޫލާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ قوم ގެމީހުން، މި قرآن އަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ."

ކީރިތިޤުރްއާނަކީ އަހުރެމެން މުސްލިމުންގެ ހިތާއި ފުރާނައާއި ޟަމީރުގެ ކާނާއެވެ. އަދި ޤުރްއާނަކީ ބަލިތަކަށް އޮތް ޝިފާއެކެވެ.

ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާނަށް ޢަމަލުކުރުމަކީ، އަހުރެމެންގެ މައްޗަށް ވާޖިބު ކަމަކަށްވީ ހިނދު، ޤުރްއާނުން މީހާ ޒީނަތްތެރިވުމަކީ ވެސް ވާޖިބު ކަމެކެވެ. އެގޮތުން ތިމާގެ އެތެރެފުށާއި ބޭރުފުށުގެ ޠާހިރުކަމަކީ އެންމެ ފުރަތަމަ ޒީނަތެވެ.

ދެވަނަ ޒީނަތަކީ ﷲއަށް ބިރުވެތިވުމުގައި ތިމާގެ ނަފުސު ޒީނަތްތެރިކުރުމެވެ. الله تَعَالَى ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"الله، އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ حال ގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރުއަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް الله ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ الله ގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި الله މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެތެވެ." الله تَعَالَى ވަޙީކުރައްވައިފައިވާ އެހެން އާޔަތެއްގެ މާނައިގައިވެއެވެ.

"އެއުރެންނީ، إيمان ވި މީހުންނެވެ. އަދި الله ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، الله ހަނދުމަކުރުމުން ނޫންހެއްޔެވެ؟" ކީރިތި ޤުރްއާން ކިޔެވުމަކީ الله ހަނދުމަކުރުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިއްމު އަދި އެންމެ މާތް އެއްކަމެވެ.

ޤުރްއާނުން ޒީނަތްތެރިވުމުގައި ތިންވަނަ ޒީނަތަކީ އެފޮތުގައިވާ އެންމެހައި ކަމެއް ތެދުކުރުމެވެ. ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް އީމާންކަމާއި އިސްލާމްކަމުގެ ރުކުންތައް ތެދުކޮށް ޤަބޫލުކުރާނަމަ، ތިމާގެ ޢަމަލާއި ބަސް ދިމާވާން ޖެހޭނެއެވެ.

ޤުރްއާނުން ޒީނަތްތެރިވުމުގައި ހަތަރުވަނަ ޒީނަތަކީ މަޑުމައިތިރިވުމާއި ކެތްތެރިވުމެވެ. ކެތްތެރިވުމާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ވަރަށް ގިނަ އާޔަތް އައިސްފައިވުމުން އެނގެނީ އެކަމުގެ މުހިއްމުކަމެވެ. އަދި ކެތްތެރިވުމުގެ ފޭރާމުން ފޭރާން އެޅުމަކީ، ކީރިތި ޤުރްއާން ޤަބޫލުކުރާ ކޮންމެ މީހަކު، ކުރަންޖެހޭނެ ކަމެއްކަމެވެ. އަދި މަޑުމައިތިރިކަމާއެކު ވާހަކަދައްކައި ހެދުމަކީވެސް ކެއްތެރިވުމުގެ ސިފައެކެވެ. ތިމާއަކީ ރައްބެއް ކަމުގައި ދަޢުވާކުރި ކިބުރުވެރި ފިރުޢައުނުގެ ގާތަށް މޫސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ އަޚު، ހާރޫނު ޢަލައިހިއްސަލާމް ފޮނުއްވިހިނދު  الله تَعَالَى މި ފަދައިން އެންގެވިއެވެ. "ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ."

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *