ސާކް ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ހަތް ބެޗްލަރސް ޑިގްރީއާއި ހަތް އެމްބީބީއެސްއާއި އެއް ބީޑީއެސް އަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ، ބަންގުލެދޭޝްގައި ކިޔެވުމަށް ދޭ މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތަކީ މި މަހުގެ 14 ވަނަ ދުވަހުގެ 12:00އަށް ހަމަވާނެ ކަމަށެވެ. އެ މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ހޮވުނުކަން އެންގުމުން، ޑިރެކްޓަރޭޓް ޖެނެރަލް އޮފް މެޑިކަލް އެޑިޔުކޭޝަން ގެ ވެބްސައިޓް ގައިވާ ލިންކް https://foreignstudents.dgme.gov.bd/login އަށް 31 ޖަނަވަރީ 2025 ވާ ހުކުރު ދުވަހުގެ ކުރިން ހުށަހަޅަންވާނެ ކަމަށެވެ.
ކޯސްތަކުގެ ޝަރުޠު (ބެޗްލާސް ޑިގްރީ)
1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް، 2021ގައި ނުވަތަ އޭގެ ފަހުން ހާސިލުކުރައްވާފައިވުން. (މި މާއްދާ ތަކުގެ ތެރޭގައި ކެމިސްޓްރީ، ބައިއޮލޮޖީ، އަދި ފިޒިކްސް ހިމެނެންވާނެއެވެ)
2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް، 2023/2024 ގައި ހާސިލުކުރައްވާފައިވުން. (މި މާއްދާ ތަކުގެ ތެރޭގައި ކެމިސްޓްރީ، ބައިއޮލޮޖީ، އަދި ފިޒިކްސް ހިމެނެންވާނެއެވެ)
3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހެކެވެ.
ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.
ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި.
ނ.TOEFL އިން 550 އިން ފެށިގެން މަތި.
ރ.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އެހެން އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައިވުމެވެ.
އެހެނިހެން ޝަރުތު
1. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަވުމާއި
2. އެދޭ ކޯހާއި ގުޅޭގޮތުން ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ވެބްސައިޓްގައި ނުވަތަ ކޯސް ހިންގާ ޔުނިވަރސިޓީން އިތުރު ޝަރުތެއް ކަނޑައަޅާފައިވާނަމަ އެޝަރުތެއް ފުރިހަމަވެފައިވުމެވެ.
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:
1. މި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމާއި
2. އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުމެވެ.
މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މި މިނިސްޓްރީއިން ނޮމިނޭޓް ކުރެވޭނެއެވެ، އަދި ފައިނަލް ސެލެކްޝަން ހަދަނީ ބަންގްލަދޭޝް ހެލްތް ޕްރޮޓެކްޝަން އިންސްޓިޓިއުޓް (ބީ.އެޗް.ޕީ.އައި) ގެ ފަރާތުންނެވެ.
މި ސްކީމްގެ ދަށުން ކޯސް ފުރިހަމަކުރެވޭނެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ މަޢުލޫމާތު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ހިނގާނޭ ޚަރަދުތަކުގެ ތަފްޞީލް މި އިޢުލާނާއެކު އެ ނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެ ކަމަށާއި ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުން ދިނުމަށް ކަނޑައެޅިފައިވާ ޚަރަދުތަކުގެ އިތުރުން ހިނގާ ޚަރަދެއް ހަމަޖައްސަންޖެހޭނީ ކޯހަށް ހޮވޭ ކެންޑިޑޭޓުން އަމިއްލައަށް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕަށް ހޮވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހެއެވެ.
އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.


advertisment
ހިޔާލު