ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން ހުޅުމާލެގެ ކުލާސްރޫމްތަކުގައި އޭސީ ކޮށްދޭނެ ބަޔަކު ހޯދަން އެ ސްކޫލުން އިއުލާން ކޮށްފިއެވެ.
އެ ސްކޫލުން ކުރި އިޢުލާނުގައި ބުނެފައި ވަނީ، އޭސީ ހަރުކުރުމާ ގުޅޭ ގޮތުން އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު 10:00ގައި މައުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވާނެ ކަމަށެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ކަމަށާއި ބިޑް ހުށައެޅުން އޮންނާނީ ޖެހޭނީ 16 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އެ ސްކޫލުގައި ކަމަށެވެ.
ސީއެޗްއެސްއީ ހުޅުމާލެގެ ކުލާސްރޫމްތައް އޭސީ ކުރަން ބޭނުންވާ ތަކެތި ފޯރުކޮށްދީފައި ވަނީ ޗައިނާ އެމްބަސީންނެވެ. ޗައިނާ އެމްބަސީން ވަނީ އެ ސްކޫލުގެ 35 ކުލާސްރޫމް އޭސީ ކުރަން ބޭނުންވާ 76 އޭސީ ހަދިޔާކޮށްފައެވެ.
ސީއެޗްއެސްއީ ހުޅުމާލެ ހުޅުވިއިރު އެ ސްކޫލް އިމާރާތް ކޮށްފައި ވަނީ އޭސީ ހަރުކުރާ ގޮތަކަށް ނޫނެވެ. އެހެންވެ އޭސީ ކުރުމުގެ ކުރިން ކުލާސްރޫމްތަކަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ.
ސީއެޗްއެސްއީ ހުޅުމާލޭގައި 1200 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު