އެމްއެންޔޫގެ ތެވެލި ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށައަޅަން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ބައިނަލްއަޤްވާމީ ދިރާސާ ކޮންފަރެންސް އަންނަ އަހަރުގެ އޮގަސްޓް މަހުގެ 18ން 20އަށް ބާއްވަން ނިންމައި، އެ ކޮންފަރެންސަށް

އެބްސްޓްރެކްޓް ހުށައަޅަން ހުޅުވާލައިފިއެވެ.

އަންނަ އަހަރު ބާއްވާ ތެވެލި ކޮންފަރެންސްގެ ޝިއާރަކީ "އިވެލޮވިންގ ޕެރެޑައިމްސް: މަރޖިންގ ރިސާޗް، އެވިޑެންސް އެންޑް ޕްރެކްޓިސް" އެވެ.

ތެވެލި ކޮންފަރެންސް ލޯންޗް ކުރުމަށް އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ވައިސް ޗާންސެލަރު، ރިސަރޗް އެންޑް އެންޓަރޕްރައިސް ޑރ ރަހީމާ އަބްދުއްރަހީމް ވިދާޅުވީ، 2017 ވަނަ އަހަރު ފެށިގެން ބާއްވަމުން އަންނަ ތެވެލި ކޮންފަރެންސްގެ މަޤްޞަދު ވަރަށް ކާމިޔާބު ކަމަށެވެ. ފުރަތަމަ އަހަރު 60 ކަރުދާސް ހުށައެޅިއިރު، މިދިޔަ އަހަރު 200 އެއްހާ ކަރުދާސް އެ ކޮންފަރެންސަށް ހުށައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންފަރެންސަށް ހުށައަޅާ ކަރުދާސްތަކުގެ ފެންވަރު ވެސް ބޮޑުތަނުން މަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތެވެލި ކޮންފަރެންސްގެ މުހިއްމު ތާރީޚްތައް:

އެބްސްޓްރެކްޓް ހުށަހަޅަން ޖެހޭ ތާރީޚް: 30 މެއި 2025

ހުށައަޅާ އެބްސްޓްރެކްޓް ފާސްކޮށް ގޮތް ނިންމުން: 5 ނޫން 2025

ފުލްޕޭޕަރު ހުށައަޅަން ޖެހޭ ތާރީޚް: 30 ޖޫން 2025

ޕްރެޒެންޓޭޝަންތަކާއި ޕޯސްޓަރ ހުށައެޅުން: 31 ޖުލައި 2025

އާރލީ ބަރޑް ރަޖިސްޓްރޭޝަން: 5 ޖުލައި 2025

ރެޖިސްޓްރޭޝަން: 5 އޮގަސްޓް 2025

ތެވެލި ސްޓޫޑެންޓް ސިމްޕޯޒިއަމް: 18 އޮގަސްޓް 2025

ކޮންފަރަންސް ބާއްވާ ތާރީޚް: 18-20 އޮގަސްޓު 2025

ތެވެލި ކޮންފަރެންސަށް ދިވެހިބަހުންނާއި އނގިރޭސި ބަހުގެ އިތުރުން އަރަބި ބަހުން ވެސް އެބްސްޓްރެކްޓް ހުށައެޅެއެވެ.

މިދިޔަ އަހަރު ބޭއްވި ތެވެލި ކޮންފަރެންސަށް 206 ކަރުދާސް ހުށައެޅިއެވެ. އޭގެތެރެއިން ކޮންފަރެންސަށް ހުށައެޅީ 186 ކަރުދާހެވެ. މީގެތެރޭގައި، ރާއްޖޭގެ އެކި ފަރާތްތަކުން 142 ކަރުދާސް އަދި ބައިނަލް އަޤްވާމީ އެކި ފަރާތްތަކުން 44 ކަރުދާހެވެ. މިއީ މިހާތަނަށް ބޭއްވުނު ތެވެލި ކޮންފަރެސްތަކުގައި ހުށަހަޅާފައިވާ ކަރުދާސްތަކުގެ އަދަދަށް ބަލާއިރު ރެކޯޑް އަދަދެއްކަން  އެންއެންޔޫއިން މިދިޔަ އަހަރު ފާހަގަ ކުރިއެވެ.

ކުރީ އަހަރުތަކާ ޚިލާފަށް އަންނަ އަހަރު ބާއްވާ ކޮންފަރެންސްގެ ތެރެއިން ސްޓޫޑެންޑް ސިމްޕޯޒިއަމެއް އަލަށް ބާއްވާން ވަނީ ނިންމާފައެވެ. މިއީ އަންޑަރ ގުރެޖުއޭޓް ދަރިވަރުންނަށް، ރިސަރޗް ދާއިރާއަށް އަހުލުވެރިކޮށް ފުރުޞަތު ހޯދައިދިނުމަށް ޚާއްޞަކޮށްގެން ބާއްވާ ސިމްޕޯޒިއަމެކެވެ.

އެމްއެންޔޫއިން ބުނީ، އެ ޔުނިވަރސިޓީގެ ދަރިވަރުންނަށް މި ކޮންފަރެންސްގައި ހިލޭ ބައިވެރިވެވޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *