ސީއެޗްއެސްއީ ހުޅުމާލޭގެ ކެޕްޓަނުންނަށް މުހައްމަދު ޝަޔާން ސައިޒަން އާއި ފާތިމަތު އިސްރާ އިސްމާއިލް ހޮވައިފިއެވެ.
ސީއެޗްއެސްއީ ހުޅުމާލޭގެ ވައިސް ކެޕްޓަނުންނަށް ހޮވީ، އާފު އަލީ އަޙްމަދާއި ޔަޝާ ޝަފީ ޝަފީޤެވެ. ގޭމްސް ކެޕްޓަނަކީ މުޙައްމަދު ޔައިސް ސާމީއެވެ. ޑެޕިއުޓީ ގޭމްސް ކެޕްޓަނުންނަކީ އަލީ ދާނިޝް އަބްދުﷲ އާއި ފާތިމަތު ނަބާހާ ޚާލިދު އަބްދުﷲއެވެ.

މި މަޤާމްތަކުގެ އިތުރުން އެކްސްކޯއަށާއި ކުލަބުތަކަށާއި ހައުސްތަކަށް ވަނީ ކެޕްޓަނުން އިންތިޙާބު ކޮށްފައެވެ.

އަންހެން ކެޕްޓަންކަމަށް ހޮވުނު އިސްރާ، ސާނަވީ ނިންމީ ތާޖުއްދީން ސްކޫލުންނެވެ. ސާނަވީގައި ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދި އިސްރާ މަތީ ސާނަވީއާ ކުރިމަތިލީ ޑޮކްޓަރަކަށް ވުމުގެ އަޒުމާ އެކުގައެވެ. ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހޯދަން މިހާރުއްސުރެ ދަނީ މަސައްކަތް ކުރަމުންނެވެ. ތާޖުއްދީނުގައި ޕްރިފެކްޓެއްގެ އިތުރުން، އިތުރު ހަރަކާތެއްގެ ގޮތުގައި އުޅުނީ ކުރިކެޓްގެ ތެރޭގައެވެ.
އިސްރާ ބުނީ، ސީއެޗްއެސްއީ ހުޅުމާލޭގައި ކިޔަވަން ފެށުމާއެކު ގިނަ ރައްޓެހިންގެ ފަރާތުން ފާހަގަ ކުރި އެއްކަމަކީ އޭނާގެ ލީޑަރޝިޕްގެ ހުނަރަށް ބަލައި ސްކޫލުގެ ކެޕްޓަން ކަމަށް ކުރިމަތި ލުމެވެ.
" ގާތް އެކުވެރިންނާއި ރައްޓެހިންގެ ފަރާތުން އައި އެ ރިކްއެސްޓަށް ކެޕްޓަންކަމަށް ކުރިމަތިލީ" އިސްރާ ދަރިވަރު ނޫހަށް ބުންޏެވެ.

އަންހެން ކެޕްޓަނަކަށް އިސްރާ ހޮވުނީ އިތުރު ދެ ދަރިވަރުންނާއެކު ވާދަވެރި އިންތިޚާބެއްގެ ތެރެއިންނެވެ.
" އެންމެ ފަހުވަގުތާ ހަމައަށް ވެސް ވަރަށް ވާންކޮށް ދިޔައީ" އިސްރާ ބުންޏެވެ.
ފިރިހެން ކެޕްޓަނަކަށް ހޮވުނު ޝަޔާންއަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފާއިތުވި އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ. އަދި އެއީ ފާއިތުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. ސާނަވީގައި ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދިއެވެ.

ޤުރުއާން ކިޔެވުމުގެ ގިނަ މުބާރާތްތަކުން ސްކޫލާއި އަތޮޅާއި އަދި ޤައުމީ މުބާރާތްތަކުން ވަނަ ހޯދާފައިވާ ޝަޔާންއަކީ ޒުވާން ޙަޠީބެކެވެ.
ޝަޔާންގެ ޚާއްޞަ ޝައުޤު ހުންނަ ދާއިރާގެ ތެރޭގައި ފުޓްބޯޅައާއި ދިވެހިބަހާއި ޑިޖިޓަލް އާޓްހިމެނެއެވެ.
ދަރިވަރު ނޫހަށް ޝަޔާން ބުނީ، މަތީ ސާނަވިއާ އޭނާ ކުރިމަތިލީ، ސާނަވީގައި ހޯދި ކާމިޔާބީތައް ދަމަހައްޓަން ކަމަށާއި އުއްމީދަކީ މަތީ ސާނަވީން ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހޯދުމެވެ. އެއީ ޑޮކްޓަރެއްގެ ގޮތުގައި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޙް އޭނާގެ ހިތުގައި މާ ކުރިއްސުރެ އުފެދިފައިވާތީއެވެ.
advertisment
ހިޔާލު