އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަކުރަން ގިނަ ބަޔަކު ދިޔައީ ކައްދޫ އެއަރޕޯޓަށެވެ. މިއީ ކާމިޔާބީ ފާހަގަކުރަން ގިނަ އަދަދެއްގެ ދަރިވަރުންނާއި އާންމުން އެ އެއަރޕޯޓަށް ޖަމާވި އެއް ފަހަރަށް ވާނެއެވެ.
ހޭންޑް ބޯޅަ މުބާރާތުގައި ޙަމަދު ވަނީ 17 އަހަރުން ދަށުގެ އަންހެން ރަނަރަޕެވެ. ފައިނަލުގައި އެ ސްކޫލް ކުޅުނީ އއ. އަތޮޅު ތައުލީމީ މަރުކަޒާއެވެ.
17 އަހަރުން ދަށުގެ އަންހެން ފައިނަލަށް އެ ސްކޫލް ދިޔައީ ސެމީގެ ދެވަނަ މެޗްގައި ޣާޒީ ސްކޫލުއަތުން މޮޅުވެގެންނެވެ. އެ މެޗްގެ ވަގުތު ހަމަވިއިރު 17-17އިން އެއްވަރު ވުމުން ނަތީޖާ ނެރެން ޖެހުނީ ފަސް މިނެޓްގެ އިތުރު ދެ ހާފުކުޅެގެންނެވެ. ޣާޒީގެ މައްޗަށް ޙަމަދުން ކުރި ހޯދީ 19-21ންނެވެ.
ޙަމަދު ސްކޫލުގެ 15 އަހަރުން ދަށުގެ އަންހެން ޓީމު ވަނީ ސެމީއާ ހަމައަށް ގޮސްފައެވެ. ސެމީގައި ޙަމަދުގެ މައްޗަށް ކާމިޔާބު ހޯދީ ރެހެންދި ސްކޫލުންނެވެ.
15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ކުޅުންތެރިންގެ ތެރޭގައި ވެސް އެ ސްކޫލުގެ ދަރިވަރުން ހިމެނުނެވެ. މިއިން ކޮންމެ ކެޓަގަރީއަކުން ދެ ކުޅުން ތެރިން ވަނީ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
ޙަމަދު ސްކޫލުން ބުނީ، އެ ސްކޫލަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އިސްނެގީ ގަމުގެ މުއައްސަސާތަކުން ކަމަށެވެ. އެކަމުގައި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީ އެމްޓީސީސީ ފެނެކައާއި ފުލުހުންނާއި ސިފައިންނާއި އަދި ބެލެނިވެރިންނާއި އެ ސްކޫލުގެ ދަރިވަރުން ހިމެނޭ ކަމަށެވެ.
" މިހާ ގިނަ އަދަދެއްގެ ބަޔަކު ޓީމަށް މަރުޚަބާ ކިޔަން ދިއުމަކީ އެއީ ހޭންޑްބޯޅަ ޓީމަށާއި ސްކޫލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް. އެހާމެބޮޑު އުފަލެއް" ޙަމަދު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މުޙައްމަދު ޝަރީފު ވިދާޅުވިއެވެ.
" ހުރިހާ ފަރާތްތަކުން ގުޅިގެން އެއްރޫހެއްގައި ކާމިޔާބީ ފާހަގަކުރުމަކީ އެއީ އިތުރު ކާމިޔާބީ ހޯދަން ކުރަން ޖެހޭ މަސައްކަތަށް ލިބޭ ހިތްވަރެއް"
ލ. ގަމުގައި ހުންނަ ހަމަދު ސްކޫލުގައި، ފައުނޑޭޝަނުން ފެށިގެން އޭލެވެލްއާ ހަމައަށް ކިޔަވައިދޭއިރު، އެ ސްކޫލުގައި 800އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
ހިޔާލު