ވިލާ ކޮލެޖުން ކޮންމެ އަހަރަކު ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން މިއަދު ލޯންޗްކޮށްވިއެވެ. މި ކޮންފަރެންސް އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ން11 އަށެވެ.
އަންނަ އަހަރު ބާއްވަނީ ނުވަ ވަނަ ކޮންފަރެންސެވެ.
ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން (އައި.އާރު.އައި.) އިން އިންތިޒާމްކޮށް ކޮންމެ އަހަރަކު ބާއްވާ ރިސަރޗް ކޮންފަރެންސްގައި ތައުލީމީ ދާއިރާއިން، ސިނާޢަތްތަކުން، އަދި މަދަނީ ޖަމިއްޔާތަކުން ތަފާތު ފަންތީގެ ބައިވެރިންނަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާތައް ހިއްސާކުރެއެވެ. މި ކޮންފަރެންސްއިން މޫސުމަށް އަންނަ ބަދަލުތަކާއި، ވަސީލަތްތައް ބެލެހެއްޓުމުން ފެށިގެން އިޖުތިމާއީ އަދި އިޤްދިޟާދީ ހަމަހަމަކަމާއި، ޒިންމާދާރު ޓެކްނޮލޮޖީ އެޑޮޕްޓްކުރުމަށް ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުން ހިމެނޭގޮތަށް، މަޝްވަރާއާއި އެއްބާރުލުން ދިނުމުގެ ޕްލެޓްފޯމެއް ލިބިގެންދާނެއެވެ.
މިއަހަރުގެ ދެ ދުވަހުގެ ކޮންފަރެންސްގެ ޝިއާރަކީ ސިނަރޖީސް އޮފް ޑިސްކަވަރީ: އިގްނިޓިން ސޮލިއުޝަންސް ފޯ ދަ ފިއުޗަރ" އެވެ. ބައިނަލްއަޤްވާމީ ގޮތުން ދިމާވާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލު ހޯދަމުން ގެންދާއިރު، މި ޝިޢާރުގެ ދަށުން، ޚިޔާލުތަކާއި، އެކި ދާއިރާތަކުން ކުރިއަރަމުން އަންނަ ޢިލްމުގެ ގުޅުންތައް ދެނެގަތުމަށް ސައިންސްވެރިންނަށާއި، ޢިލްމުވެރިންނަށާއި، ޕްރެކްޓިޝަނަރުންނަށް ހުޅުވާލެވިފައިވެއެވެ. 2025 ވަނަ އަހަރުގެ ކޮންފަރެންސްގެ އަމާޒަކީ ޢިލްމީދާއިރާތަކުގެ ފަރަގުތައް ނައްތާލުމާއި، އިންޓަރޑިސިޕްލިނަރީ އެޕްރޯޗްތަކަށް (އެކި ދާއިރާތައް އެކުގައި މަސައްކަތްކުރުމަށް) ހިތްވަރުދިނުމާއި، އެކްޝަން އޮރިއެންޓެޑް (ކަމާއިގުޅޭ ހަރަކާތްތަކަށް ވިސްނާ) މަޝްވަރާތަކަށް ބާރުއެޅުމާއި، އެންމެންނަށް އުޖާލާ މުސްތަޤްބަލެއް ބައްޓަންކުރުމަށް މަގުފަހިކޮށްދިނުން ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަންގައި ފާހަގަކޮށްލެވޭ ކީނޯޓް ސްޕީކަރުންގެ ފަރާތުން ބައިވެރިންނަށް ޢިލްމު ހޯދުމާއި، ގުޅުންތައް ގާއިމްކުރުމާއި، ސިނާއަތުގެ ތެރޭގައި މަޝްވަރާކުރެވެމުންދާ މަޢުލޫޢުތަކަށް އަލިއަޅުވާލުމަށް އަގުހުރި ފުރުސަތެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ސިނާއަތުގެ ތެރެއިން ލޯކަލް އަދި އިންޓަނޭޝަނަލް ތަޖުރިބާކާރުންގެ ފަރާތުން ވަކިވަކިން ބާއްވާ ޕެނަލް ޑިސްކަޝަންތައް ހުށައަޅާނެއެވެ.
އިފްތިތާޙީ ރަސްމިއްޔާތުގައި، ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ.އަލީ ނަޖީބް ވަނީ ކޮންފަރެންސްގެ ތަފްޞީލާއި ހައިބްރިޑް އިވެންޓް ފޯމެޓް އިޢުލާން ކުރައްވާފައެވެ. އެމަނިކުފާނާއިއެކު ކޮންފަރެންސްއާ ބެހޭ އިތުރު މައުލޫމާތު ދެއްވީ ICSRIގެ ކޯޑިނޭޓަރު ޑރ. މަމްދޫހާ އިސްމާއީލް އަދި އައި.އާރު.އައި.ގެ ޑީން ޑރ.ފަޒީލާ އިބްރާހިމް އެވެ.
އައިސީއެސްއާރުއައި ގެ ކޯޓިނޭޓަރު، އަދި ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަންގެ ޑީން ޑރ.ފަޒީލާ ވިދާޅުވި ގޮތިގައި ދިރާސާކުރާ ފަރާތްތަކަށް ފިޒިކަލީ ނުވަތަ އޮންލައިންކޮށް ކަރުދާސް ހުށަހެޅޭނެއެވެ. ހުށަހުޅޭ އެބްސްޓްރެކްތައް ބަލައިގަނެފައިވާ ކެޓަގަރީތަކުގައި ހިމެނެނީ ޑޭޓާ އެއްކޮށް އެނަލިސިސް ހިމެނޭ ދިރާސާ ކަރުދާހާއި، ކޮމްޕްރިހެންސިވް ރިވިއު ކަރުދާސް (ސިސްޓަމެޓިކް، ބިބްލިއޯމެޓްރިކް، ސްކޯޕިންގ، ފަދަ)، އަދި ކޮންފަރެންސްގެ ތީމްތަކާ ގުޅޭ ޕްރެކްޓިކަލް އެޕްލިކޭޝަންތައް ނުވަތަ ވަކި ކޭސް ސްޓަޑީތަކުގެ ތަފްސީލީ އެނޭލިސިސްތަކެވެ. މީގެއިތުރުން، ރިވިއު ޕްރޮސެސްއަށްފަހު ބަލައިގަނެވޭ އެބްސްޓްރެކްޓްތަކުގެ ފުލް ޕޭޕަރސް ހުށަހެޅުމަށް ބައިވެރިންނަށް ދައުވަތު ދެވޭނެކަމަށްވެސް ޑރ. ފަޒީލާ އިބްރާހިމް ވިދާޅުވިއެވެ. ހުށައެޅޭ ކަރުދާސްތަކުން އެންމެ ފާހަގަކޮށްލެވޭ ކަރުދާހަށް ބެސްޓް ޕޭޕަރ އެވޯޑް ދެވިގެންދާނެއެވެ. އަދި އައިސީއެސްއާރުއައިގެ ރިވިއު މަރުހަލާއިން ފާހަގަ ކުރެވޭ ކަރުދާސްތައް ސްކޯޕަސް އިންޑެކްސްޑް ޖަރނަލްތަކުގައި ޝާއިއުކުރުމަށް ހުށަހެޅިގެންދާނެއެވެ. ސްކޯޕަސް ޖަރނަލްތަކުގެ ތަފްސީލް ކޮންފަރެންސް ވެބްސައިޓުގައި އަޕްޑޭޓް ކުރެވޭނެ ކަމަށާއި، ފުލް ޕޭޕަރސް ހުށައަޅާ ބައިވެރިން މިޖަރނަލްތަކުގެ މަޤްޞަދުތަކާއި ސްކޯޕް މުރާޖަޢާކޮށް، އެ ޖަރނަލްތަކުގެ ޝަރުޠުތަކާ އެއްގޮތްވާކަން ކަށަވަރުކުރުމަށްފަހު ކަރުދާސް ހުޅައެޅުމަށްވެސް ޑރ. ފަޒީލާ އިބްރާހިމް ވިދާޅުވިއެވެ.
އައިސީއެސްއާރުއައި 2025 އަކީ ދެމެހެއްޓެނިވި ތަރައްޤީއާއި، ހަރުދަނާކަމާއި، ތަނަވަސްކަމަށް މަގުފަހިކޮށްދޭ، ވަކިވަކި ފަރުދުންގެ ވިސްނުމާއި، ޙައްލުތަކަށް އަމަލު ކުރެވޭނެ އިޖުތިމާއީ ދިރާސާތަކާއި އިނޮވޭޝަންގެ އާ މިސްރާބުތައް ދެނެގަނެ، ދިރާސާކުރުމަށް އެހީތެރިވެދޭނެ ކޮންފަރެންސެއް ކަމަށް ބެލެވެއެވެ. އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު ޖޫން 30، 2025 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކޮންފަރެންސްގެ ވެބްސައިޓުން އޯގަސްޓް 15، 2025 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެއެވެ.
ޝައުޤުވެރިވާ ފަރާތްތަކަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ICSRI 2025 ގެ ވެބްސައިޓްއިން އިތުރު މައުލޫމާތު ލިބިލައްވާނެއެވެ
advertisment
ހިޔާލު