ށ. ގޮއިދޫ ކައުންސިލުގެ އެހީތެރިކަމާއެކު އަންނަ ރޯދައަށް ލެޓިސް ހެއްދުމުގެ މަސައްކަތް އެރަށު ސްކޫލުން ފަށައިފިއެވެ.
ކައުންސިލުން ހަދިޔާކުރި ހައިޑްރޯޕޯނިކް ސިސްޓަމުގައި ލެޓިއުސް ހައްދަން ޝައުޤުވެރިވާ ގުރޭޑް 5ން މަތީގެ ދަރިވަރުންނަށް ތަމްރީނު ދިނުމަށް އެ ސްކޫލުން ދަނީ ތައްޔާރު ވަމުންނެވެ. މިއީ ގޮއިދޫ ސްކޫލުގެ ޓީޗަރުންގެ ބެލުމުގެ ދަށުން ދަރިވަރުން ކުރިއަށް ގެންދާ ގޮތަށް ރާވާފައިވާ މުހިންމު ޕްރޮގްރާމެކެވެ.
"ދަރިވަރުން ލެޓިއުސް ހައްދައި އެ ވިއްކުމުގެ ހުރިހާ ކަމެއް ކުރާނީ. ޓީޗަރުން ތިބޭނީ ދަރިވަރުންގެ މަސައްކަތް ކުރިއަށް ގެންދާގޮތް ބަލައި އެ ދަރިވަރުންނަށް ސަޕޯޓް ދިނުމުގައި" ޕްރިންސިޕަލް އަލީ ހައިދަރު ވިދާޅުވިއެވެ.
ގޮއިދޫ ސްކޫލުން ބުނީ، ލެޓިއުސް ހައްދަން ބޭނުންވާ މައުލޫމާތާއި ހުނަރުގެ އިތުރުން އަމަލީ ތަޖުރިބާ ދަރިވަރުންނަށް ހޯދައި ދިނުމަށް ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށެވެ.
" ގޮއިދޫއަކީ ދަނޑުވެރި ރަށެއް. އެއާއެކު ވޯލްޑް ބޭންކުން ހިންގާ އެފަދަ ޕްރޮޖެކްޓެއް މިހާރު ވެސް ކުރިއަށް އެބަގެންދޭ. އެހެންވެ އަޅުގަނޑުމެން ބޭނުންވީ ދަނޑުވެރި ރަށަކުން ކިޔަވައިގެން ނުކުންނަ ކުދިންގެ ޝައުޤު ދަނޑުވެރިކަމަށް އުފައްދަން" ޕްރިންސިޕަލް ހައިދަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ، ލެޓިއުސް ހައްދަން ފެށުމުގެ ކުރިން ގްރީންހައުސްއެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަނީ ހިލޭ ސާބަހަށް ރަށުގައި އެ މަސައްކަތް ކުރާ މީހުންނައި ބެލެނިވެރިންގެ އެހީތެރިކަމާއެކު ކަމަށެވެ.
" ރޯދައަށް ލެޓިސް ހެއްދުން އަޅުގަނޑުމެންގެ އަމާޒަކީ. ތައްޔާރީތައް ނިމި ދަރިވަރުންނަށް ޓްރެއިނިންގ ދީ ނިންމައި އަންނަ މަހުގެ ތެރޭގައި ލެޓިއުސް ހެއްދުމުގެ އަމަލީ މަސައްކަތް ފަށައިގަނެވޭނެ ކަމަށް ބަލަނީ" ހައިދަރު ވިދާޅުވިއެވެ.
ކައުންސިލުން ހަދިޔާ ކުރި ހައިޑްރޯޕޯނިކް ސިސްޓަމުގައި އެއްފަހަރާ 148 ގަސް އިންދެއެވެ.
ހައިދަރު ވިދާޅުވީ، ދަނޑުވެރި ޕްރޮގްރާމް އެ ސްކޫލުގައި ފެށުމަށް ބޭނުންވާ ސިސްޓަމް ހޯދައި ދިނުމަށް ކައުންސިލުގައި އެދުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ހަމަޖައްސައި ދިނީތީ ކައުންސިލަށް ޚާއްޞަ ޝުކުރެއް އަދާކުރާ ކަމަށެވެ. އެ ސްކޫލުން ކުރިއަށް ގެންދާ ކަންތައްތަކަށް ޚާއްޞަކޮށް ތައުލީމާ ގުޅުން ހުރި ކަންތައްތަކަށް ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.
ހިޔާލު