ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ލ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުން އައްޑޫ ސިޓީއާއި ފުވައްފުލައް ސިޓީގެ ސްކޫލްތަކަށް ޒިޔާރާތްކުރައްވައިފިއެވެ.
ޑިސެމްބަރު މަހުގެ 5ން 13އަށް ކުރި ތަޖުރިބާ ދަތުރުގެ ބޭނުމަކީ އައްޑޫ އަދި ފުވައްމުލައް ސިޓީގެ ސްކޫލްތަކުގައި ބޭނުންކުރަމުން އަންނަ އެންމެ ރަނގަޅު އުސޫލުތައް ހޯދައި ތަޖުރިބާ ކުރުމުގެ ފުރުޞަތު ލާމު ޕްރިންސިޕަލުންނަށް ހޯދައި ދެއްވުމެވެ.
މި ތާރީޚީ މުހިންމު ދަތުރުގައި ލ. އަތޮޅުގެ 13 ޕްރިންސިޕަލުންގެ ތެރެއިން 9 ޕްރިންސިޕަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ތަޖުރިބާ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ޕްރިންސިޕަލުން:
- މަރިޔަމް އަރޫޝާ – އިސްދޫ ސްކޫލް
- ރުޤިއްޔާ ސިތާރާ – ކަލައިދޫ ސްކޫލް
- ޝަރީފާ ޢަބްދުﷲ – ލާމު އަތޮޅު ސްކޫލް
- ފާތިމަތު ނަޒީރާ – މުންޑޫ ސުކޫލް
- އިބްރާހިމް ޝާފީ – ދަނބިދޫ ސްކޫލް
- އަސްލަމް މުޚްތާރު – މާމެންދޫ ސްކޫލް
- ޢަބްދުލްމުޢީޒް އަޙްމަދު – ހިތަދޫ ސްކޫލް
- މުޙައްމަދު ޢަލީ – މާވަށު ސްކޫލް
- މުޙައްމަދު ޝައުކަތު – ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލް
ބައެއް ސަބަބުތަކާ ހުރެ ހަތަރު ސްކޫލެއްގެ ޕްރިންސިޕަލުންނަށް މި ދަތުރުގައި ބައިވެރިވެވަޑައި ނުގެންނެވުނެވެ.
ޕްރިންސިޕަލުންނަށް މިފަދަ ތަޖުރިބާ ދަތުރެއްގެ މުހިންމުކަން ފާހަގަކޮށް، ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު ދަތުރު ރާވާ އިންތިޒާމް ކުރީ ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝައުކަތެވެ.
ޝައުކަތު ދަރިވަރު ނޫހަށް ވިދާޅުވީ، އައްޑޫއާއި ފުވައްމުލައް ސިޓީގެ ސްކޫލްތަކުން އަމަލުކުރަމުން އަންނަ ބެސްޓް ޕްރެކްޓިސްތައް ޚާއްޞަކޮށް ކިޔަވައިދިނުމާއި ނަތީޖާ ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތައް ވަރަށް މުހިންމުކަމެއްގެ ގޮތުގައި މި ދަތުރުން ފާހަގަ ކުރެއްވުނު ކަމަށާއި އެފަދަ ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކަކީ ލ. އަތޮޅުގެ ސްކޫލުތަކުގައި ވެސް ކުރިއަށް ގެންދެވޭނެ ކަންތައްތަކެއް ކަމަށެވެ.
"ލ. އަތޮޅު ސްކޫލްތަކުގެ ކިޔަވައި ދިނުމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކަށް ބަލާއިރު، އެސްޓެބްލިޝްޑް ތަނެއްގެ ގޮތުގައި އައްޑޫ ފުވައްމުލައް ސްކޫލްތައް ފެންނަނީ. މިއީ ވަރަށް ތާރީޚީ ދަތުރެއް. ހޯދައި ބަލައި އެ ސްކޫލްތަކުގެ ބެސްޓް ޕްރެކްޓިސްތަކުން އެތައް ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ލިބިގެން ދިޔަ. ދަތުރުން ފާހަގަ ކުރެވުނު ކަންތައްތަކުގެ ހެޔޮ އަސަރު ލާމުގެ ސްކޫލްތަކަށް އަޅުގަނޑުމެންނަށް ގެނެވޭނެ" ޝައުކަތު ވިދާޅުވިއެވެ.
ޕްރިންސިޕަލުން ފާހަގަކުރައްވާ ގޮތުގައި މި ދަތުރުން، ސްކޫލުގައި ހިނގަމުންދާ ކަންތައްތައް ދެނެގަނެ، ސްކޫލްގެ މާޙައުލާއި، ވަސީލަތްތަކާއި، ދަރިވަރުންނަށް ނުވަތަ ބެލެނިވެރިންނަށް ފަސޭހަކަން އިޙްސާސްކުރެވޭނެ ގޮތްތައް ދެނެގަނެ އެކަންތައްތަކަށް އަހުލުވެރިވެގެން ދިޔައެވެ. ސްކޫލުތަކުގައި ހިންގާ ތަޢުލީމީ ޕްރޮގްރާމްތަކާއި، މާއްދާއިން ބޭރު ހަރަކާތްތަކާއި، ޓީޗިންގ ސްޓާފުންނާއި، ވަސީލަތްތައް ހިމެނޭ ގޮތަށް، ސްކޫލު ތަކުގެ ފެންވަރު ވަޒަންކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ހަމައެއާއެކު ސްކޫލުގެ ސަގާފަތާއި، ދަރިވަރުންނާއި، އާއިލާތަކާއި، މުޖުތަމަޢާ ގުޅިގެން މަސައްކަތް ކުރާނެ އިތުރު ގޮތްތައް ވެސް ފާހަގަކުރެވުނެވެ.
އެޑްމިޝަން ޕްރޮސެސްތަކާއި ކަރިކިއުލަމް އޮޕްޝަންތަކާއި، ސްކޫލް ޕޮލިސީތަކާއި، އަދި ލިބެންހުރި ވަކި ޕްރޮގްރާމްތައް ނުވަތަ ފުރުޞަތުތަައް ބަލަައި ، މުދައްރިސުންނާއި، އެޑްމިނިސްޓްރޭޓަރުންނާއި، އަދި ދަރިވަރުންނާ ބައްދަލުކޮށް، އެކުވެރިކަމުގެ މާހައުލެއް އުފައްދާނެ ގޮތުގެ މައުލޫމާތު ވެސް ލިބިގެން ދިޔައެވެ. އައްޑޫއާއި ފުވައްމުލައް ސިޓީގެ ސްކޫލްތަކުން ވަނީ އެމީހުންގެ ތަޖުރިބާތަކާއި ކާމިޔާބީތަކާއި ނަތީޖާ ހާސިލްކުރުމަށް ބޭނުންކުރާ ދެމެހެއްޓެނިވި އުޞޫލުތައް ވެސް ހިއްސާ ކޮށްފައެވެ.
އައްޑޫއާއި ފުވައްމުލައް ސިޓީގައި ހުރި ތާރީޚީ އަދި އާސާރީ ތަންތަނަށް ޒިޔާރަތްކޮށް އެ ތަންތަނުގެ މައުލޫމާތު ވެސް ޕްރިންސިޕަލުން ވަނީ ހޯއްދަވާފައެވެ.
އައްޑޫ އަދި ފުވައްމުލައް ސިޓީގެ ސްކޫލްތަކުގައި ތަޢާރަފު ކޮށްފައިވާ ފާހަގަކުރެވޭ މުހިންމު އަދި އެންމެ ރަނގަޅު އުސޫލުތައް އަންނަ ދިރާސީ އާ އަހަރަށް ސްކޫލްތަކުގެ ޕްލޭންތައް ހަދާއިރު ބޭނުން ކުރެވޭނެ ކަމަށް ވެސް މި ދަތުރުގެ ބައިވެރިވެވަޑައިގެންނެވި ޕްރިންސިލުން ދެކެވަޑައިގަންނަވައެވެ.
ޝައުކަތު ވިދާޅުވީ، މި ދަތުރުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް އެކުލަވާލާނެ ކަމަށާއި އެ ރިޕޯޓްގައި މުހިންމު ނިންމުންތަކެއް ވެސް ފާހަގަކޮށްފައި ހުންނާނެ ކަމަށެވެ.
" އެ ރިޕޯޓްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ޕްލޭންތަކެއް ހަދާނީ. އެ ޕްލޭންތައް ހަދާނީ ހުރިހާ ސްކޫލްތަކެއްގައި ކުރެވޭނެ ކަންތައްތަކާއި ވަކިވަކި ސްކޫކްތަކުގައި ކުރެވޭނެ ކަންތައްތަކަށް ބަލައިގެން" ޝައުކަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަންނަ ދިރާސީ އަހަރު ފަށާއިރު ރިޕޯޓްގައި ކަނޑައަޅާފައިވާ ކަންތައްތައް ސްކޫލްތަކުގައި ތަންފީޒު ކުރައްވަން ފައްޓަވާނެ ކަމަށެވެ.
ޝައުކަތު ވިދާޅުވީ، ލާމު ޕްރިންސިޕަލުންގެ ތަޖުރިބާ ދަތުރަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކުރެއްވި ދަތުރެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ދަތުރުތަކެއް ކުރައްވަން ޕްލޭންކޮށްފައިވާ ކަމަށެވެ.
" އަޅުގަނޑުމެން އުއްމީދު ކުރަނީ ޕްރިންސިޕަލުންގެ ޑިވެލޮޕްމަންޓަށް އަހަރަކު އެއް ފަހަރު މި ފަދަ ދަތުރެއް ކުރެވޭނެ ކަމަށް. އެއީ ޢަމަލީ ގޮތުން ކަންކަން ބަލައި ތަޖުރިބާ ކުރުމަކީ މުހިންމު ކަމަކަށް ވާތީ" ޝައުކަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕްރިންސިޕަލުންގެ އަމިއްލަ ޚަރަދުގައި ކުރި ދަތުރަކަށްވާއިރު، މި ދަތުރުގެ އިމްތިޒާމްތަކާއި ޚަރަދުގެ ގޮތުން ބަލާއިރުވެސް މުހިންމު ކަންތައްތަކެއް އައްޑޫ ހައި ސްކޫލާއި އައްޑޫ އަދި ފުވައްމުލަކު ސުކޫލުތަކުން ކޮށްދީފައިވާ ކަމަށެވެ. އަދި އެ ދެ ސިޓީގެ ކައުންސިލުން ދެއްވި އެހީތެރިކަންކަންވެސް ވަނީ ފާހަގަކޮށްފައެވެ.
"ހަތް ދުވަހުގެ މި ދަތުރުގެ ކަންތައްތައް އިންތިޒާމްކޮށް ހުރިހާ ކަމެއް ރާވާއި ހިންގައި ދިނީ ހައްޑޫ ހައި ސްކޫލާއި ޏ. އޭއީސީން. އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ސްކޫލްތަކުންނާއި ކައުންސިލުތަކުން ދިން އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވަން. އެ ހުރިހާ ފަރާތްތަކުން ދެއްވީ ވަރަށް ފުރިހަމަ މެހުމާންދާރީއެއް" ދެ ސިޓީ ކައުންސިލާއި ސްކޫލްތަކުން ކޮށްދިން ކަންތައްތަކަށް ޕްރިންސިޕަލް ޝައުކަތު ޝުކުރުއަދާކުރެއްވިއެވެ.
ހިޔާލު