ސްކޫލްތަކުގެ ކުދިން ބައިވެރިކޮށްގެން ހަރަކާތެއް ހިންގާނަމަ ހުއްދަހޯދަން ޖެހޭނެ: އެޑކިޔުކޭޝަން

ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ދައުލަތުގެ އިދާރާތަކުން ހަރަކާތެއް ހިންގާ ނަމަ އެ ހަރަކާތެއް ހިންގަންވާނީ އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ ހުރިހާ އިދާރާއަކާއި ސިޓީ އަދި ލޯކަލް ކައުންސިލްތަކާއި ކްލަބް ޖަމިއްޔާ، ޖަމާއަތްތަކަށް ސެޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުހައްމަދު ސޮއިކުރައްވައި ފޮނުއްވި ސަރކިއުލާގައި ބުނެފައި ވަނީ، ދައުލަތުގެ އިދާރާތަކުން އިންތިޒާމުކުރާ ހަރަކާތެއްގައި ސްކޫލްތަކުގެ ކުދިން ބައިވެރިކުރާ ނަމަ އެއީ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފައި އޮންނަ ހަރަކާތަކަށް ވާން ޖެހޭނެ ކަމަށެވެ. ސްކޫލްތަކުގައި ހިންގާ ހަރަކާތްތަކަކީ ދުރާލައި، ރާވައިގެން ވަކި އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތަކަށް ހެދުމަށް ކޮންމެ އަހަރެއްގެ ދިރާސީ އަހަރުގެ ކަލަންޑަރާ އެއްގޮތަށް އެކްޓިވިޓީ ކަލަންޑަރު ވެސް ތައްޔާރުކުރަމުންދާ ކަމަށެވެ.

ދައުލަތުގެ އިދާރާއަކުން ސްކޫލްތައް ބައިވެރި ކޮށްގެން ހަރަކާތެއް ހިންގާ ނަމަ ދިރާސީ އަހަރު ފެށުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭނެ ކަމަށާއި ދަރިވަރުން ބައިވެރިވާ ހަރަކާތްތައް ހިންގަން ވާނީ އެ ކުދިންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، ސްކޫލްގެ އެކްޓިވިޓީ ކަލަންޑަރުގައި ނުހިމަނައި އަދި އެ މިނިސްޓްރީއާ އެކަށީގެންވާ ގޮތަކަށް މަޝްވަރާ ކުރުމެއް ނެތި ސްކޫލްތަކަށް ހުޅުވާލައިގެން އެކިއެކި ހަރަކާތްތަކާއި މުބާރާތްތައް ބައެއް އިދާރާތަކުން ބާއްވަމުން އަންނަ ކަމަށެވެ. އޭގެ ސަބަބުން ކުދިންގެ އުނގެނުމަށާއި ޓީޗަރުންނާއި ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރާކަމަށެވެ.

އޭޑިޔުކޭޝަން މިނިސްޓްރީގެ ސަރކިއުލާގައި ބުނެފައި ވަނީ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފައި ނުވާ ހަރަކާތްތައް ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމުގެ ސަބަބުން ސްކޫލާއި ބެލެނިވެރިންނަށް މާލީ ބުރައަކަށްވެ، ސްކޫލް ތެރޭގައި ނުތަވަސްކަން އުފެދޭ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *