ކިހާދޫ ސްކޫލުގެ "ދިވެހި ސުފުރާ"އަށް 320،000 ރުފިޔާ

"ދިވެހި ސުފުރާ"ގައި ނީލަންކީ މަލާފަތަށް 8100 ރުފިޔާ

ޕީޓީއޭއަށް ފައިސާއަށް ހޯދަން ކިހާދޫ ސްކޫލުން ކޮންމެ އަހަރަކު ވެސް ބާއްވާ އެ ސްކޫލުގެ "ދިވެހި ސުފުރާ" އަށް މި އަހަރު  320،000 ރުފިޔާ ލިބިއްޖެއެވެ. މި ޚާއްޞަ ޑިނަރ ނައިޓް އޮތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ސްކޫލުގައެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ތައްޔާރު ކުރި "މަލާފަތް" 8100 ރުފިޔާއަށް ވަނީ ނީލަން ކިޔާފައެވެ.

ދިވެހި ސުފުރާގައި ނީލަމުގެ އަގު 8100އަށް ބޮޑުކޮށް މަލާފަތް ގަތީ އިބްރާހިމް ޔޫސުފެވެ. މަލާފަތުގައި ހިމެނެނީ ދިހަ މީހުންގެ ކެއުމެކެވެ.

ޕީޓީއޭއަށް ފައިސާ ހޯދަން ޓިކެޓް ވިއްކައިގެން ކުރިއަށް ގެންދާ "ދިވެހި ސުފުރާ" އަކީ ކިހާދޫގައި ކޮންމެ އަހަރަކު ވެސް އީދެއްގެ ގޮތުގައި ބާއްވާ ބޮޑު ހަރަކާތެކެވެ. ދުރާލާ ތައްޔާރުވެ ގިނަ އަދަދެއްގެ ދިވެހި ކާބޯތަކެތި ބެލެނިވެރިން ތައްޔާރު ކުރެއެވެ. އެކަމުގައި އެރަށުގެ ރައްޔިތުން ކަހަލަ ގޮތަކަށް ބައިވެރިވެއެވެ. ކުރީ އަހަރުތަކާ ޚިލާފަށް އިސްރަށްވެހިންނާއި އެ ސްކޫލުގެ ދަރިވަރުން މިފަހަރު ބައިވެރިވިއެވެ.

"ދިވެހި ސުފުރާ"ގެ އެ ހަރަކާތުގައި ބައިވެރިވުމަށް އެރަށާއި ކައިރި ރަށްތަކަށާއި ރިސޯޓްތަކަށް ދައުވަތު ވެސް ދެއެވެ. ބައިވެރިވާ ކޮންމެ މީހަކަށް 190 ރުފިޔާއަށް ޓިކެޓެއް ވިއްކި ނަމަވެސް ޚާއްޞަ ޓިކެޓް ވިއްކީ 1500 ރުފިޔާއަށެވެ.

އެ ސްކޫލުން ބުނި ގޮތުގައި 1025 ޓިކެޓް ވިކިފައިވާއިރު އޭގެ ތެރޭގައި ގޯލްޑަން ޓިކެޓްގެ ގޮތުގައި ވިކުނު 15 ޓިކެޓްވެސް ހިމެނެއެވެ. ޚާއްޞަ މަލާފަތުގައި ބައިވެރިވި 10 މީހުންނާއެކު ޖުމްލަ 1035 މީހުން އެ ސުފުރާގައި ބައިވެރިވެފައިވެއެވެ.

ދިވެހި ކެއުމުގެ ގިނަ ބާއްވަތްތައް ކެއުމުގެ ފުރުޞަތު ދިވެހި ސުފުރާގައި ހަމަޖައްސާފައިވާއިރު، ލުއިކާނާގެ ގޮތުގައި ބޭނުންކުރާ ދިވެހި އެތައް އުފެއްދުންތައް ގަތުމުގެ ފުރުޞަތުު ވެސް އެ ހަރަކާތުގައި ބައިވެރިވާ މީހުންނަށް ލިބެއެވެ.

ކިހާދޫ ސްކޫލުން ބުނީ، ޕީޓީއޭއިން ހޯދި ފައިސާ ޚަރަދު ކުރަނީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު މަތި ކުރުމަށާއި އެ ސްކޫލުގެ މުހިންމު ހަރަކާތްތަކަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *