ނޮޅިވަރަންފަރު ސްކޫލު ހޯލު އެރަށު ކައުންސިލުން އޭސީކޮށް ދެނީ

ހދ. ނޮޅިވަރަންފަރު ކައުންސިލުގެ އެހީތެރިކަމާއެކު ނޮޅިވަރަންފަރު ސްކޫލު ހޯލު އޭސީ ކުރަން ނިންމައިފިއެވެ.

ހޯލު އޭސީ ކުރަން ބޭނުންވާ އަށް އޭސީ ނޮޅިވަރަމްފަރު ކައުންސިލުން މިހާރު ވަނީ އެ ރަށު ސްކޫލާ ހަވާލުކޮށްފައެވެ.

ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް އަޙްމަދަ އަލީ އަޙްމަދު ދަރިވަރު ނޫހަށް އިއްޔެ ވިދާޅުވީ، "ކޫލް ސްކޫލް" އަކަށް އެ ސްކޫލު ބަދަލުކުރުމަށް ރާވާފައިވާ ޕްލޭނުގެ ދަށުން ފުރަތަމަ އޭސީ ކުރަން ނިންމީ އެ ސްކޫލުގެ ހޯލު ކަމަށެވެ. ހޯލަށް ބޭނުންވާ އޭސީ ކައުންސިލުން ފޯރުކޮށްދީފައިވާއިރު، އެ ސްކޫލުގެ ސާދަ ކުލާސްރޫމް އޭސީ ކުރަން ބޭނުންވާ އޭސީތައް ޕީޓީއޭއާއި ކައުންސިލުގެ އެހީތެރިކަމާއެކު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށެވެ.

އަޙްމަދު ވިދާޅުވީ، ހޯލު އޭސީ ހަރުކުރުމުގެ މަސައްކަތް ކުރާއިރު، ކަރަންޓް ނެޓްވޯކާއި ހޯލުގެ އިމާރާތަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

" އޭސީ ކުރުމުގެ ކުރިން ހޯލުގެ ފެންލައިޓްފަދަ ތަންތަން ބަންދުކުރަން ވެސް ޖެހޭ. އެއާއެކު ކަރަންޓް ވިއުގައަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ" އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތް ކުރުމުގައި ވެސް ކައުންސިލުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށާއި ސްކޫލުގެ ތަރައްޤީއަށް ކައުންސިލުގެ އެހީތެރިކަން އަބަދުވެސް ލިބެމުން އަންނަ ކަމަށެވެ.

306 ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލުގެ ކުލާސްރޫމްތައް ވެސް އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން އޭސީކޮށް ނިންމާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *