މަސްނޫއީ ފަޔާއެކު ވެސް ޝަވަން ދެއްކީ ފުޓްބޯޅައިގެ ހުނަރު

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ހދ. މަކުނުދޫ ސްކޫލުގެ ފުޓްބޯޅަ ފެސްޓިވަލެއްގައި އެއްފައި ބޭނުން ކޮށްގެން ފުޓްބޯޅަ ކުޅެނިކޮށް ގިނަ ބައެއްގެ ސަމާލުކަމަށް އައި މުޙައްމަދު ޝަވަން މިފަހަރު ހުނަރު ދެއްކީ އޭނާގެ މަސްނޫއީ ފައި ބޭނުން ކޮށްގެންނެވެ.

އޭރު ލިބުނު ސަމާލުކަމާއެކު ސަރުކާރުގެ ޚަރަދުގައި އޭނާއަށް ބޭސްފަރުވާ ކުރުމުގެ އިންތިޒާމާއި ރަނިން ބްލޭޑެއް ނުވަތަ މަސްނޫއީ ފައެއް ޖެހުމުގެ އިންތިޒާމް އޭރުގެ ސްޕޯޓްސް މިނިސްޓަރު އިސްވެ ހުންނަވައި ސަރުކާރުން ޝަވަންއަށް ހަމަޖައްސައި ދިނެވެ.

ސަވަން އުފަންވިއިރުވެސް ކަނާތު ފައި އިންނަނީ ކަކުލުހުޅާ ހަމައަށެވެ. އާންމުކޮށް ހިނގަނީ ވެސް ދަނޑުމަތީގައި އެހެން ކުދިންނާއެކު ކުޅުނީ ވެސް އެއް ފައި ބޭނުންކޮށްގެންނެވެ. ގިނަ ބައެއްގެ ސަމާކުކަމަށް އެކަން އައީ ވެސް އެއްފައިން ފުޓްބޯޅަ ކުޅެމުން އޭނާ ދެއްކި ހުނަރުންނެވެ.

އިންޑިޔާއަށް ގޮސް ފައި ޖެހުމުގެ ކަންތައް ކުރިއަށް ގެންދިޔަ ނަމަވެސް ދިމާވި ބައެއް ކަންތައްތަކާ ހުރެ އޭނާއަށް އެ ފައިގެ މައްޗަށް ތެދުވެ ހިނގައިގަންނަން ދުވަސްތަކެއް ނެގިއެވެ.

ރަނިން ބްލޭޑްގައި ނުވަ އަހަރުގެ ޝަވަން ކުޅެން ނުކުމެ ހުރީ އޭނާއާ އެއް ފުރައިގެ ކުދިންނާއެކު މަކުނުދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގައި ކުޅޭށެވެ. އޭގެ ކުރިން ޕްރެކްޓިސްތަކެއް ވެސް އޭނާ ކުރިއެވެ. މިއަދުގެ މެޗްގައި ޝަވަން ކުޅުނީ ފުރަތަމަ ހާފުގައެވެ. އޭނާގެ ފަރާތުން ފެނުނީ މީގެ ދެ އަހަރު ކުރިން ވެސް ފެނުނު ހުނަރުވެރިކަމާއި ހިތްވަރެވެ. ފުޓްބޯޅައަށް އޮތް ޝައުޤުވެރުކަމާއި ލޯތްބެވެ.

އޭނާގެ ކުޅުން ބެލެނި އެންމެން ވެސް ކުރީ ތައުރީފެވެ. ދިނީ ހިތްވަރެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *