ނާއިޝްގެ އިސްލާމިކް ކެލިގްރަފީ ހުނަރު ތަރައްޤީ ކުރަން އިސްލާމިކް މިނިސްޓްރީން އެހީވަނީ

ޖަމާލުއްދީން ސްކޫލުގެ ސެން ދަރިވަރު، ހުސައިން ނާއިޝްގެ އިސްލާމިކް ކެލިގްރަފީ ހުނަރު ތަރައްޤީ ކުރަން އިސްލާމިކް މިނިސްޓްރީން އެހީވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ނާއިޝްއަކީ ކުރެހުމާއި އިސްލާމިކް ކެލިގްރަފީއަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުންނަ ދަރިވަރެކެވެ. ތަފާތު އެތަކެއް އެގްޒަބިޝަންތަކުގައި އޭނާގެ ހުނަރު ވަނީ ދައްކާފައެވެ.

ނާއިޝްއާ ބައްދަލުކުރައްވައި އޭނާގެ ކެލިގްރަފީ ހުނަރަށް މިނިސްޓަރ ޑރ. ޝަހީމް ވަނީ ތައުރީފުކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވ، އިންޝާ ﷲ ނާއިޝް އެދުނު ގޮތަށް، މި ދާއިރާއިން އޭނާއަށް ބޭނުންވާ އިތުރު ހުނަރު ދަސްކޮށް ދިނުމަށް އެ މިނިސްޓްރީ އިން އެހިވާނެ ކަމަށެވެ. އަދި ނާއިޝް ސްކޫލް ނިމުމުން، ޤުރުއާން މަރުކަޒު ތެރޭގައި މި ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް އޭނާއާ މަސައްކަތްތަކެއް ޙަވާލު ކުރާނެ ކަމަށެވެ.

ނާއިޝްގެ އާއިލާއާ ބައްދަލުކުރުމަށްފަހު، މިނިސްޓަރު ޑރ. ޝަހީމް ފޭސްބުކުގައި ލިއުއްވާފައިވާ ގޮތުގައި، އަންނަ އަހަރު ހުޅުވާ އައްޑޫ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބަހައްޓާނެ ކަމަށެވެ.

"އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހައި ޒަމާނީ ވަސީލަތްތައް މި ދަރިވަރަށް ހޯދައިދެވޭނެ. އަދި މި ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސާނެ. އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުޤު ހުރި މިފަދަ ހުރިހައި ކުދިންނަށް މި ފުރުޞަތު އޮންނާނެ" މިނިސްޓަރު ވިދާޅުވިއެވެ.

އަޑުއިވުމުން މަހުރޫމް ވިޔަސް ނާއިޝްގެ އަންނަނީ ކުރެހުމާއި ކެލިގްރަފީގައި އޭނާގެ ހުނަރު ތަރައްޤީ ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *