އާ ކޮންސެޕްޓެއްގެ ދަށުން ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފެށުމުގެ މަރުހަލާގައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަ ކުރަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އާ ކޮންސެޕްޓެއްގައި އިންކްލޫސިވް ގޮތެއްގައި ހުރިހާ ޓީޗަރުންނަކީ ވެސް އެ ދާއިރާއިން ތަމްރީނު ލިބިފައިވާ ޓީޗަރުންނަށް ހެދުމާއި، ޚާއްޞަކޮށް، އެ ދާއިރާގެ ޓީޗަރުން އުފެއްދުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.
" މިކަމުގައި ޝައުޤުވެރިކަން ފާޅުކުރާ ހުރިހާ ފަރާތްތަކަކަށް ފުރުޞަތުދީގެން، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް ގޮތެއްގައި ހަމަ އެއްވެސް ތަފާތެއް ނުގެނެސް، ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް ގޮތަށް، އެ ސިޔާސަތު ތަންފީޛު ކުރުމަކީ އަޅުގަނޑު ހަމަ އެންމެ ބޭނުންވާ ގޮތް. އެގޮތަށް އެކަންތައް އިރާދަކުރެއްވިއްޔާ ކޮށްދެވޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު ވަރަށް ގާތުން މާފަންނު މަދަރުސާގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ވަރަށް ލޯތްބާއި ކުލުނާ އެކީގައި އެހީތެރިކަން ދެމުންދާ ތަން ފެނިވަޑައިގެންނެވި ކަމަށެވެ.
" އެހެންވީމާ، ޓްރެއިންޑް ޓީޗަރުން އަދި ތިޔަ ލޮބުވެތި ޓީޗަރުންނަށް އެ ޓްރޭނިންގ ލިބިގެންދިޔައިމަ، އިތުރަށް ތިޔަ ލޮބުވެތި ޓީޗަރުންނަށް އެ ކުދިންނަށް ދެވޭނެ އެހީތެރިކަން އަދި ޓްރޭނިންގ އަދި ތަޢުލީމު ވަރަށް ބޮޑަށް އިތުރުވެގެންދާނެ" މާފަންނު މަދަރުސާގެ ޓީޗަރުންނަށް ވެސް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެޑިޔުކޭޝަން މިނިސްޓްރީން މިހާރު އެވަނީ ރާއްޖޭގެ ހުރިހާ ދިމާއެއްގައި ހުރި އެފަދަ ސްކޫލްތައް ޝާމިލުވާ ގޮތެއްގައި އެކަން ފުޅާކުރުމުގެ މަސައްކަތްތަކެއް ފަށާފައި ކަމަށެވެ. އަދި ވިދާޅުވީ، އުންމީދު ކުރަނީ އަންނަ އަހަރުގެ ތެރޭގައި، އެކި ލެވެލް ލެވެލްއަށް، ޑިޕްލޮމާ އިން ފެށިގެން ޑިގްރީއާ ހަމަޔަށް ޓްރޭނިންގ ދިނުމުގެ ޕްރޮގްރާމްތަކުން ޓީޗަރުން ތަމްރީނު ކުރެވިގެންދާނެ ކަމަށެވެ.
އިމާދުއްދީނު ސްކޫލުގެ ތެރަޕީ ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ވަނީ މިފަދަ ޕްރޮގްރާމެއް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.


advertisment
ހިޔާލު