ދަރިވަރުން އެދުނު ގޮތަށް މާފަންނު މަދަރުސާގެ ތިރީބުރީގައި ހޯލެއް އިމާރާތްކޮށް ދެނީ

މާފަންނު މަދަރުސާގެ ދަރިވަރުން އެދުނު ގޮތަށް އެ ސްކޫލުގެ ތިރީބުރީގައި ހޯލެއް އިމާރާތް ކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

އެ ސްކޫލަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި އެމަނިކުފާނު ވިދާޅުވީ، ތުއްތު ލޮބުވެތި ދަރިވަރުން އެ ސްކޫލަށް ދަތިވެފައިވާ ކަންކަން ފާހަގަކޮށް، އެހާ ޝައުޤުވެރިކަމާއެކީ އެކަންކަން ފާހަގަކޮށްދިނީތީ، ފުރަތަމަ ވެސް ބޭނުންވަނީ އަންނަ އަހަރު އެ ސްކޫލްގައި ތިޔަ ލޮބުވެތި ތުއްތު ކުދިންގެ މާމައިންނާއި ކާފައިންނަށް ފަސޭހައިން ވަދެވޭގޮތަށް ބިންމަތީގައި ހުންނަ ހޯލެއް ހަދައިދޭނެ ކަމުގެ ޔަޤީންކަންދޭން ކަމަށެވެ.

" ފުރަތަމަ ވެސް ޔަޤީންކަން ދޭން ބޭނުންވަނީ ތިޔަ ލޮބުވެތި ތުއްތު ކުދިންގެ މާމައިންނާއި ކާފައިންނަށް ފަސޭހައިން ވަދެވޭގޮތަށް ބިންމަތީގައި ހުންނަ ހޯލެއް ހަދައިދޭނެ ކަމުގެ" ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

އަދި އެމަނިކުފާނު މާފަންނު މަދަރުސާގެ ކުރިއެރުމަށްޓަކައި ކޮށްދޭން ހުރި އަދި ކޮށްދެވޭނެ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

" ސްކޫލުން ބޭނުންވާ އިތުރު ކަންކަމުގައިވެސް ސްކޫލްގެ ފަރާތުން ސަރުކާރުގައި، އެޑިޔުކޭޝަން މިނިސްޓްރީގައި އެދިވަޑައިގެންފައިވާނަމަ، އަދި އެދިވަޑައިގެންފިނަމަ، ކުރިއަށް އޮތް ތަނުގައި އެކަންކަން އަޅުގަނޑުމެން ކޮށްދޭނަން. ކައުންސިލުގެ ކިބައިންވެސް އަޅުގަނޑު އެދެން ބޭނުންވަނީ، ސްކޫލުން އެދޭ ކަންކަމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން ގެންދިޔުމަށް. ބެލެނިވެރިންނާއި ޓީޗަރުން އެދިވަޑައިގަންނަވާ ގޮތަށް ޕްރިންސިޕަލް ފާހަގަކުރައްވާފައިވާ ގޮތަށް، މި ސްކޫލްގެ ކުރިއެރުމަށްޓަކައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަންތައްތައް ކޮށްދޭނަން"

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގެ ވަރުގަދަ ޢަޤީދާގެ މަތީގައި ތިބި، ދިވެހި ޤައުމު ދެކެ ލޯބިވާ، ޤައުމިއްޔަތުގެ ރޫޙު ފުރިހަމައަށް އަށަގަނެފައިވާ ދިވެހި ލޮބުވެތި ދަރިންތަކެއް ޤައުމުގެ މުސްތަޤްބަލާ ހަވާލުވެވޭނެ ފަދަ ޒިންމާދާރު ދަރިންތަކެއް ބިނާކުރުމުގައި އަޅުގަނޑުމެން އެންމެން އެކުގައި، އެއް ރޫޙެއްގައި ޤައުމީ ވިސްނުމެއްގައި މަސައްކަތް ކުރުމަށް މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ކޮމިއުނިޓީ ކޮންސެޕްޓްގައި ސްކޫލްތައް ހިންގުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލާ ހަވާލުކުރެވިފައިވާ ކަމަށާއި ސަރުކާރުން ފުރިހަމަ އެއްބާރުލުންދީ، އަދި ސަރުކާރުން މި ފުލް ކޮންސެޕްޓްގައި ސްކޫލް ހިންގުމުގައި، ކުރިއަށް އޮތް ތަނުގައި ދެވޭނެ ފުރިހަމަ އެއްބާރުލުން ދީގެން، މިހާރަށްވުރެ ރަނގަޅަށް ކަންތައްތައް ގެންދިޔުމަކީ، މާލޭގައި ދެންހުރި މިފަދަ ސްކޫލްތައްވެސް ޝާމިލްވާހެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސެން ޓީޗަރުން ތަމްރީނު ކުރުމުގެ އާ ޕްރޮގްރާމެއް މިހާރުވެސް އެޑިޔުކޭޝަން މިނިސްޓްރީން ފެށުމުގެ މަރުޙަލާގައިވާ ކަމަށާއި އާ ކޮންސެޕްޓެއްގައި އިންކްލޫސިވް ގޮތެއްގައި ހުރިހާ ޓީޗަރުންނަކީވެސް އެ ދާއިރާއިން ތަމްރީނު ލިބިފައިވާ ޓީޗަރުންނަށް ހެދުމާއި، އެ ދާއިރާގެ ޓީޗަރުން އުފެއްދުން ހިމެނޭ ކަމަށެވެ. މި ދެ ކަންތައް ކުރުމުގެ މަސައްކަތްތަކެއް ފެށިގެން ދާއިރު އެ ކަމުގައި ޝައުޤުވެރިކަން ފާޅުކުރާ ހުރިހާ ފަރާތްތަކަކަށް ފުރުޞަތުދީގެން، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް ގޮތެއްގައި ހަމަ އެއްވެސް ތަފާތެއް ނުގެނެސް، ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގައި އެ ސިޔާސަތު ތަންފީޛު ކުރުމަކީ އެންމެ ބޭނުންވާ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

" އެގޮތަށް އެކަންތައް އިރާދަކުރެއްވިއްޔާ ކޮށްދެވޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން"

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި އެ ސުކޫލަށް ޚިދުމަތް ކުރައްވާފައިވާ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕަރިންސިޕަލުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *