ދ. އަތޮޅު މަދަރުސާގެ ކުލާސްރޫމް ތަކުގައި އޭސީތައް ހަރުކުރީ ދަރިވަރުން

ދ. މީދުގައި ހުންނަ އެ އަތޮޅު މަދަރުސާގެ ކުލާސްރޫމްތައް އޭސީ ކޮށްފިއެވެ. އެ މަދަރުސާގެ 14 ކުލާސްރޫމަށް ބޭނުންވާ އޭސީތައް ފޯރުކޮށް ދިނީ އެ ރަށުގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނެވެ. އޭސީތައް ހަރުކުރުމުގެ މަސައްކަތް ކުރީ މަތީ ގުރޭޑް ތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން އަމިއްލައަށެވެ.

ދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އިސްމާއިލް ޝާނިމް ދަރިވަރު ނޫހަށް މިއަދު ވިދާޅުވި ގޮތުގައި، އެ ސްކޫލުގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް އޮކްޓޯބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދިޔައީ މީދޫގެ ވިޔަފާރިވެރިންގެ ދީލަތި އެހީތެރިކަމާ އެކު ކަމަށެވެ. އެ ސްކޫލަށް ބޭނުންވި 28 އޭސީ ހަދިޔާ ކުރެއްވީ އެރަށުގެ 28 ވިޔަފާރިވެރިންނެވެ.

"އެބޭފުޅުން އިސްކޮށް މަސައްކަތް ކުރައްވައިގެން، ކޮންމެ ބޭފުޅަކު އޭސީއެއް ހަދިޔާ ކުރެއްވީ" ޝާނިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "ކޫލް ސްކޫލް" އަކަށް އެ ސްކޫލް ބަދަލު ކުރުމުގެ މަސައްކަތް ނިންމާލީ ބަޖެޓުން އެއްވެސް ޚަރަދެއް ނުހިނގާގޮތަށް ކަމަށާއި، އޭސީ ހަރުކުރުމުގެ މަސައްކަތް ކުރީ އެ ސްކޫލުގެ މަތީ ގުރޭޑް ތަކުގެ ދަރިވަރުން ކަމަށެވެ.

"އޭސީ ހަރުކުރުމަކީ އެއީ ކުޑަ މަސައްކަތެއް ނޫން. އެކަމަށް ބޮޑު ޚަރަދެއް ހިންގާ"

ޝާނިމް ވިދާޅުވީ، އެރަށު ރައްޔިތުންނަށް ޓިވެޓުން ހިންގި ތިން މަހުގެ އެއަރކޯން އެންޑް ރެފްރިޖަރޭޝަން ކޯހުގައި އެ ސްކޫލުގެ ފަސް ދަރިވަރުން ބައިވެރިވި ކަމަށާއި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރީ އެ ދަރިވަރުން އިސްވެ ތިބެ، އެ ސްކޫލުގެ އައިޓީ ޓެކްނީޝަނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

"އޭސީ ހަރުކުރުމުގެ މަސައްކަތް ދަރިވަރުން ކުރިއަށް ގެންދިޔަ ނަމަވެސް އައިޓީ ޓެކްނީޝަނުގެ ބެލުމުގެ ދަށުން ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ. އެއީ އެ މަސައްކަތް އެކީ ދަރިވަރުންނަށް ދޫކޮށް ނުލެވޭނެތީ" ޝާނިމް ވިދާޅުވިއެވެ.

ޝަނިމް ވިދާޅުވީ، އެ ދަރިވަރުން މަސައްކަތް ކުރިއަށް ގެންދިޔައިރު މިޑްލް ސްކޫލުގެ ދަރިވަރުން ވެސް އެ ދަރިވަރުންނާއެކު އެ ދަރިވަރުންގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތުގައި ބައިވެރިވި ކަމަށެވެ.

އޭސީ ހަރުކުރުމަށްފަހު ސާވިސް ކުރާނެ ބަޔަކު ވެސް ބޭނުންވާ ކަމަށާއި އެ މަސައްކަތް ކުރުމުގައި ވެސް ދަރިވަރުން ބައިވެރިކޮށް، ދޭން ޖެހޭ ތަމްރީނުތައް ދީ، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ އިންތިޒާމެއް ވެސް ހަމަޖެއްސުމުގެ ވިސްނުން އެ ސްކޫލުން ގެންގުޅޭ ކަމަށް ޝާނިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 12އަށް ކިޔަވައިދޭ އެ ސްކޫލުގެ ދަރިވަރުންނަކީ ހުނަރުވެރި މަސައްކަތްތެރި ކުދި ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ސްކޫލުގައި އަލަށް ހެދި ޕާކިން އޭރިޔާގެ ހުރިހާ މަސައްކަތެއް ކުރީ ވެސް ދަރިވަރުން އަމިއްލައަށެވެ. އެތަން ހެދުމަށް ސިމެންތި ގަށައިގެން ގާއެޅުމުގެ މަސައްކަތް ކުރީ ވެސް ދަރިވަރުން އަމިއްލައަށެވެ.

" އަޅުގަނޑުމެންގެ ހުރިހާ ކަމެއް ވެސް ރާވަނީ ދަރިވަރުން ބައިވެރިކޮށްގެން އެ ކުދިން ލައްވައި އިތުރު ކަންތައްތަކެއް ދަސްކޮށްދެވޭ ގޮތަށް. އެގޮތަށް އެކަން ކުރަން ފެށީމާ ދަރިވަރުންގެ ހުނަރާއި ޤާބިލިއްޔަތާއި ޒިންމާދާރު ދަރިވަރަކު އުފެއްދުމަށް މަގުފަހިކޮށް ދެވެނީ" ޝާނިމް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *