50 އިންސައްތަ ކޮންޓްރޯލްޑް އެސެސްމެންޓްގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވާން ލާޒިމް ކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަންނަނީ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށް މާކުރިއްސުރެ މިފަދަ އުޞޫލެއް އެކުލަވާލައި އެއަށް އަމަލުކުރަމުން

މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުން ފާސްވުމަށް އިމްތިހާނުންތަކުން 50 އިންސައްތަ ކޮންޓްރޯލްޑް އެސެސްމެންޓްގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވާން ލާޒިމްކޮށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެކްރިޑޭޝަން އުޞޫލަށް ބަދަލު ގެނެސް ގެޒެޓްގައި ޝާއިއުކޮށްފިއެވެ.

ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނަށް އިއްޔެ ގެނައި ބަދަލުގެ ސަބަބުން ދަރިވަރުން ހަދަން ޖެހޭ އެސައިމަންޓްތައް އެހެން މީހުން ލައްވާ ހަދަމުންދާ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވިއެވެ.

" ވަރަށް ދިގު ޕްރޮސަސްއެއްގެ ތެރެއިން އެ ބަދަލު ގެނެސް ގެޒެޓްކޮށް، އަމަލުކުރަން އިއްޔެ މި ފެށީ" ފިޒާނާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނަށް ގެނައި އިސްލާހުގައިވާ ގޮތުން އެ ގައިޑްލައިނުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކާއި ޔުނިޓްތަކަށް ބޭނުންކުރާ އެސެސްމަންޓް ގޮތްތަކާ ބެހޭ މަޢުލޫމާތު ޚުލާސާކޮށް ހުށަހަޅަން އެ އޮތޯރިޓީއަށް ހުށައަޅަން ޖެހެއެވެ. ޕްރޮގްރާމްގެ ކޮންމެ މޮޑިއުލް/ޔުނިޓަކަށް އެސެސްމަންޓްގެ ބޭނުންވާ މިންގަނޑުތައް ސާފުކޮށް ބަޔާންކުރަން ޖެހޭއިރު، އެސެސްމަންޓްތައް ވާންވާނީ ޕްރޮގްރާމް ކުރިއަށްގެންދާ ގޮތާ އެކަށީގެންވާ ގޮތަކަށެވެ.
ދަރިވަރުންގެ އަމިއްލަ ޤާބިލުކަން ވަޒަންކުރެވޭނެ މަދުވެގެން އެއް މަސައްކަތް (ލިޔުމުން ނުވަތަ އެހެން ގޮތަކުން) ދަރިވަރުން އުފައްދަން ޖެހޭއިރު، ލެވެލް 1 އިން ލެވެލް 9 އަށް ހުރި ހުރިހާ ޕްރޮގްރާމްތަކުގެ މޮޑިއުލްތަކުގައި (ރިސަރޗް މާސްޓަރސް ފިޔަވައި) ޕްރޮގްރާމް ކުރިއަށްގެންދާ ގޮތަކާ ނުލައި، މައިގަނޑު ގޮތެއްގައި އިމްތިހާނުތައް – ސުޕަވައިޒްކޮށް، ވަގުތު ކަނޑައަޅައި، އަދި ކޮންޓްރޯލްކޮށްގެން ކުރާ އެސެސްމަންޓްތަކުގެ ޖުމްލަ މާކްސްގެ މަދުވެގެން 50އިންސައްތަ އާ އެއްވަރުގެ އެސެސްމަންޓް ހިމަނަންވާނެ ކަމަށް އެ ގައިޑްލައިނުގައި ވަނީ ބުނެފައެވެ.

މޮޑިއުލްއެއްގެ ޖުމްލަ އެސެސްމަންޓްގެ 50 އިންސައްތަ އަކީ ކޮންޓްރޯލްކުރެވޭ (އެހީތެރިކަމެއް ނެތި) އެސެސްމަންޓްތަކަށް ވާންޖެހޭއިރު، ހުރިހާ ދަރިވަރުންވެސް މޮޑިއުލްގެ ޖުމްލަ އެސެސްމަންޓްގެ 50އިންސައްތަ އަށް ގުނޭ ކޮންމެ ކޮންޓްރޯލްކުރެވޭ އެސެސްމަންޓަކުން ފާސް ވެސް ވާން ޖެހޭނެ ކަމަށް ލާޒިމް ކޮށްފައިވެއެވެ.
އިމްތިހާނުތައް ކުރިއަށް ގެންދަންވާނީ އޭގެ ސަލާމަތްތެރިކަމަށް އުނިކަމެއް ނާންނާނެ ގޮތަށް ކަމަށް ގައިޑްލައިނުގައި ބުނެފައިވާއިރު، އެސެސްމަންޓްގައި ހިމެނިދާނެ ކަންތައްތައް ވެސް ފާހަގަކޮށްފައިވެއެވެ.

އެއީ، ކުރިން ނުފެންނަ ލިޔުމުން ހަދާ އިމްތިހާނުތަކާއި ފޮތް/ނޯޓްސް ބޭނުންކޮށްގެން ލިޔުމުން ހަދާ އިމްތިހާނުތަކާއި ރޭވިފައިވާ ގޮތަށް ހުންނަ ގިނަ ޖަވާބު ހުރި ސުވާލުތަކާއި ކްލާހުގައި އަނގަބަހުން ދޭ ޕްރެޒެންޓޭޝަންތަކާއި އަނގަބަހުން ހަދާ އިމްތިހާނުތަކާއި ސުޕަވައިޒަރުންނާއެކު ރޭވިފައިވާ ބައްދަލުވުންތަކާއި ޑެމޮންސްޓްރޭޝަންތަކާއި ލެބޯޓަރީ މަސައްކަތް ތަކުގެ އިތުރުން ކްލާހުގައި ހަދާ ކުއިޒްތައް، ފަދަ ކަންތައްތައް ހިމެނެއެވެ.
އާންމު ގޮތެއްގައި، އެސައިންމަންޓް ތައްޔާރުކުރުމުގައި ތިންވަނަ ފަރާތެއްގެ އެހީތެރިކަން ނުވަތަ ބައިވެރިވުން މަދުކުރުމަށްޓަކައި، އެއްވެސް މޮޑިއުލްއެއްގައި ހުރިހާ އެސައިންމަންޓަކީ ގޭގައި ލިޔާ އެސައިންމަންޓް ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް އެ ގައިޑްލައިނުގައި ވަނީ ބުނެފައެވެ.

މަތީ ތައުލީމު ދޭ އިންސްޓިޓިއުޝަންތަކުން ދަރިވަރުންގެ ފެންވަރު ކަނޑައަޅަނީ އިމްތިޙާނުންނާއި އެސައިމަންޓް ތަކުންނެވެ. އެ ސައިމަންޓްތަކަށް 40 އިންސައްތައާއި 70 އިންސައްތަ ލިބޭ ގޮތަށް ބައެއް ތަންތަނުން ކަނޑައަޅާފައި ހުރެއެވެ.

" 50 އިންސައްތަ ފާސްވެގެން ނޫންގޮތެއްގައި އެ ކޯހަކުން ފާސް ނުވެވޭގޮތް ހެދުމުން އެސައިމަންޓް ގަތުން އެއްކޮށް ނުހުއްޓުނަސް މަދުކުރެވޭނެ" ފިޒާނާ މީގެ ކުރިން ދަރިވަރު ނޫހަށް ވިދާޅުވެފައި ވެއެވެ.

އެހެން މީހުން ލައްވައި އެސައިމަންޓް ހެދިކަން ސާބިތުވެއްޖެ ނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ. އަދި އޭގެ އިތުރުން އެ ކިޔަވާ އިންސްޓިޓިއުޓަކުން އިތުރު ފިޔަވަޅު ވެސް އެޅޭނެ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އަދި އަގަށް އެ މަސައްކަތް ކޮށްދޭ މީހުން 10،000 ރުފިޔާ އިން ޖޫރިމަނާ ކުރެވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *