މަންހަޖު ތަންފީޒު ކުރެވޭތޯ ބަލައި، ކޮންޓެންޓް ޑިޖިޓަލައިޒް ކުރަނީ

އެޑިޔުކޭޝަން މިނިސްޓްރީން އަންނަ އަހަރު ކުރަން ނިންމާފައިވާ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޤައުމީ މަންހަޖު އެކަށީގެންވާ ގޮތުގައި ތަންފީޒު ކުރެވޭތޯ ބެލުމާއި ކޮންޓެންޓް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. އަބްދުލް ލަތީފު މުޙައްމަދު ވިދާޅުވީ، ނޮލެޖް ބޭސްޑް ކަރިކިއުލަމުން ކޮމްޕިޓެންސީ ބޭސްޑް ކަރިކިއުލަމަކަށް 2015 ވަނަ އަހަރު ބަދަލުވެ، އެ މަންހަޖެއް ތަންފީޒު ކުރަމުންދާއިރު، އެ މަންހަޖު ތަންފީޒު ކުރެވޭތޯ ކަށަވަރު ކުރުމަށް ކޮލިޓީ އިޝުއަރެންސް ފްރޭމްވޯކަށް ބަދަލުތަކެއް ގެންނަން ރާވާފައިވާ ކަމަށެވެ. އަދި މަންހަޖު އުފައްދައި، އެ ތަންފީޒު ކުރުމަށް މަސްއޫލިއްޔަތު މިހާރު އަދާ ކުރައްވާ ބޭފުޅުންނާއި ޓީޗަރުންގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް އިތުރު ތަމްރީނުދީ އަހުލުވެރި ކުރުވުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ފުޅާކުރައްވާނެ ކަމަށެވެ.

ޖިޑިޓަލައިޒޭޝަންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާއެކު، ކޮންޓެންޓް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޑރ. އަބްދުލް ލަތީފު ރޭ ވަނީ ވިދާޅުވެފައެވެ.

"އިންޓަރެކްޓިވް ކޮންޓެންޓްތަކެއް އުފައްދާނަން. އޭގެތެރޭގައި ޓެކްސްޓް ބޭސްޑް ކޮންޓެންޓް ހުންނާނެ. އޭގެތެރޭގައި ވީޑިއޯ އާއި އޯޑިއޯ ކޮންޓެންޓް ހުންނާނެ" ޑރ. އަބްދުއްލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ހުރިހާ މަސައްކަތެއްގެ މައިގަނޑު އަމާޒަކީ ޝާމިލުގޮތެއްގައި ހުރިހާ ދަރިވަރުންނަށް ފައިދާ ވާނެ ގޮތަކަށް މައުލޫމާތު ތައްޔާރު ކުރެވި އެ މައުލޫމާތު އުނގަންނައި ދިނުމުގެ ތެރެއިން ދަރިވަރުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

" އެއީ ހުރިހާ ފަންތިއެއްގެ ހުރިހާ ހާލަތެއްގައި ތިބި ދަރިވަރުން ޝާމިލުވާނެ ގޮތަށް ހަމަހަމަ ކަމާ އެކީގައި ދަރިވަރުންނާ ހަމައަށް ގެނެސްދިނުން"

ޑރ. އަބްދުއްލަތީފު ވިދާޅުވީ، ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ޕޮލިސީގެ ތެރެއިން ލާޒިމު ކުރާ، އިންޑިވިޖުއަލް ލަރނިންގ ޕްލޭން (އައިއެލްޕީ) އިތުރަށް ރިވައިސްކޮށް ހަރުދަނާކުރުމާއެކު އެ ތަންފީޒު ކުރަން ބާރުއެޅުއްވުމަކީ ވެސް އަންނަ އަހަރުގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމެވެ.

މުދައްރިސުންނަށް ދެވޭ ތަމްރީނު ތަކާއި އުނގަންނައިދިނުން އިތުރަށް ފުޅާކުރުމުގެ މަސައްކަތަކީ ވެސް އެޑކިޔުކޭޝަން މިނިސްޓްރީން ޚާއްޞަ އިސްކަމެއް ދޭނެ އެއް ދާއިރާއެވެ. ހިދުމަތުގައި ތިއްބެވި މުދައްރިސުންނަށް ތަމްރީނު ދިނުމާއެކު މުދައްރިސުން ތަމްރީނު ކުރުމުގައި މިހާރު ގެންގުޅޭ ޕްރޮގްރާމްތަކަށް ބަދަލު ގެނައުމަކީ ވެސް އަންނަ އަހަރުގެ ތެރޭގައި އެ މިނިސްޓްރީން ފަށާނެ މުހިންމު މަސައްކަތެއް ކަމަށް އަބްދުލްލަތީފު ވަނީ ރޭ ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، މުދައްރިސުން ތަމްރީނު ކުރާ ޔުނިވަރސިޓީގައި އާއި ކޮލެޖްތަކާއި އިންސްޓިޓިއުޝަންތަކާ ގުޅިގެން އެ ބޭފުޅުން ގެންގުޅުއްވާ ޕްރޮގްރާމްތައް ރިވައިސްކޮށް މިހާރު ތަންފީޒު ކުރަމުންދާ މަންހަޖަށް ގުޅޭ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *