ކުޅިވަރު ތަރައްޤީ ކުރުމުގައި ސްކޫލްތަކުގެ ދައުރު ފުޅާކުރަނީ

ސްކޫލްތަކުގައި ކުޅިވަރު ޙަރަކާތްތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމާއި، ކުޅިވަރު ތަރައްޤީ ކުރުމުގައި ސްކޫލްތަކުގެ ދައުރު ފުޅާކުރަން ކުޅިވަރުގެ ޤާނޫނަށް ގެންނަ އިސްލާހުގައި ހިމަނައިފިއެވެ. ސްކޫލުގައި ހިންގާ ވާދަވެރި ކުޅިވަރު ޙަރަކާތްތަކުގެ ފެންވަރު މަތިކުރުމަށް ބާރުއެޅުމަށް ހިމަނާފައިވާ މި ބިލުގެ މަސައްކަތް މިހާރު ދަނީ ރައްޔިތުންގެ މަޖިލީހުން ކުރަމުންނެވެ.

މިހާރު އަމަލުކުރަން ދާ ކުޅިވަރުގެ ޤާނޫނުގެ ހަތަރު ވަނަ މާއްދާއަށް އިތުރު ކުރި ބައިގައި ބުނެފައިވާ ގޮތުން ދިވެހި ރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑުގެ މަޤްޞަދު ހާޞިލް ކުރުމަށްޓަކައި އެންމެ ހަގު ޢުމުރުން ފެށިގެން ކުޅުންތެރިންގެ ހުނަރު ފާހަގަކޮށް އެ ކުޅުންތެރިންގެ ހުނަރު ކުރިއެރުވުމުގެ ޙަރަކާތްތައް ކަނޑައެޅޭ މަންހަޖެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި  ހިންގަން ޖެހެއެވެ. އަދި ސްކޫލް ކުޅިވަރު ދައުރު ނިމި، ޤައުމީ ކުޅިވަރު ފެށުމާ ދެމެދު ހިންގާ މުއްދަތު ހަރުދަނާ ނިޒާމެއްގެ ދަށުން ގުޅުވާލަން ބާރުއަޅާފައިވެއެވެ.

ކުޅިވަރު ޤާނޫނަށް ގެންނަ އިސްލާހުތަކާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ޓީވީއެމްގެ ޕްރޮގްރާމެއްގައި ދާދި ފަހުން ވިދާޅުވީ، ކުޅިވަރު ތަރައްޤީ ކުރުމަށް ސްކޫލް ތަކުގެ ދައުރު ފުޅާ ކުރުމުގެ ގޮތުން ސްކޫލް ސްޕޯޓްސް އޮތޯރިޓީ އުފައްދަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ސްކޫލް ކުދިންގެ ކުޅިވަރު ހަރަކާތްތައް އަހަރު ތެރޭގައި ވަރަށް ގިނަކަން ފާހަގަކުރެވޭ ކަމަށާއި އެ މުބާރާތްތައް ރަނގަޅަށް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސްކޫލު ކަލަންޑަރަށް ފުށު ނާރާ ގޮތަށް ރީޖަނަލް މުބާރާތްތަކެއް ބާއްވަން ޖެހޭ ކަމަށް އެ ޕްރޮގްރާމުގައި މިނިސްޓަރު ރާފިއު ވިދާޅުވެފައިވެއެވެ.

އެސޯސިއޭޝަން ތަކުން ބާއްވާ މުބާރާތްތަކުގައި މިހާރު ވެސް ސްކޫލްތަކުން އަންނަނީ ދަރިވަރުން ބައިވެރިކުރަމުންނެވެ. ކޮންމެ އަހަރަކު ވެސް އެތައް މުބާރާތެއް ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވައެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ ރީޖަނަލް މުބާރާތްތަކުން ފާހަގަ ކުރެވޭ ކުދިންނަށް އިތުރު ތަމްރީނުދީ މެޑަލް ހޯދުމަށް ޓާގެޓްކޮށް އެ ކުދިންނަށް ކުޅިވަރު ފަންޑުން ހަރަދު ކުރާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *