ރާއްޖޭގައި ޑޮކްޓަރީކަން ކިޔަވަން ބޭރު ޤައުމަކުން 500 ރިކްއެސްޓް ލިބުނު: ހަޔަރ އެޑިޔުކޭޝަން

ރާއްޖޭގައި ޑޮކްޓަރީކަން ކިޔަވަން، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ގާއިމް ކޮށްފައިވާ މެޑިކަލް ސްކޫލަށް ބޭރު ގައުމަކުން 500 ރިކުއެސްޓް ލިބުނު ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ހަވީރު ދަރިވަރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ލިބުނު އެ ރިކްއެސްޓަށް އިޖާބާދޭން ބަލާއިރު، ރާއްޖޭގައި ތިބިގެން ޑޮކްޓަރީކަން ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ވެސް މި ވަގުތު ޖާގަ ދެވެން ނެތް ކަމަށެވެ.

ރާއްޖޭގައި ޑޮކްޓަރީކަން ކިޔަވަން ރިކްއެސްޓް ކުރީ ކޮން ޤައުމަކުންކަން އޭނާ ވިދާޅެއް ނުވެއެވެ.

"ދިވެހި ކުދިންނަށް ވެސް މި ދެވެނީ އަހަރެއްގެ މައްޗަށް 40 އެއްހާ ޖާގަ. ޖާގައިގެ ދަތިކަން އިންތިހާއަށް އޮތުމާއެކު ބޭރުގެ ދަރިވަރުންނަށް އެހާ ގިނަ އަދަދެއްގެ ފުރުޞަތު މި ވަގުތު ދެވެން ނެތީ" ޑރ. ނަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުޅުމާލޭގައި ޤައުމީ ޔުނިވަރސިޓީން އަޅާ ޓީޗިންގ ހޮސްޕިޓަލާއެކު 500 އެއްހާ ދަރިވަރުންނަށް ޖާގަ ދެވޭނެ ކަމަށެވެ. އޭރުން ރާއްޖޭން ބޭރުގެ ދަރިވަރުންނަށް ވެސް ފުރުޞަތު ފަހިވެގެން ދާނެ ކަމަށް ޑރ. ނަޒީރު ފާހަގަކުރެއްވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލުގައި މިހާރުވެސް 200 އެއްހާ ދަރިވަރުން ޑޮކްޓަރީކަން ކިޔަވަމުން ގެންދެއެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ދަރިވަރުންތަކެއް ވެސް ހިމެނެއެވެ. މެޑިކަލް ސްކޫލުން ޑޮކްޓަރީކަން ކިޔެވި 21 ދަރިވަރުން ދަސްވެނިވީ މިދިޔަ މަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *