އޭލެވެލްގައި ފުރަތަމަ ފަހަރަށް މެރިން ސައިންސް ކިޔަވައިދޭން ފަށައިފިއެވެ. ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގައި މެރިން ސައިންސް ކިޔަވައި ދޭން ފެށުން ކުލަގަދަކޮށް ފާހަގަކުރަން ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އޭލެވެލްގައި މެރިން ސައިންސް ކިޔެވުން ފެށުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ، މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުގެ މެރިން ބަޔޮލޮޖިސްޓް ޑރ. އަހުމަދު ރިޔާޒް ޖައުހަރީއެވެ.
މަތީ ސާނަވީގެ ކިޔެވުން މި އަހަރު ފެށުމާއެކު 22 ދަރިވަރުން އަންނަނީ މެރިން ސައިންސް ކިޔަވަމުންނެވެ. އެއީ ސީއެޗްއެސްއީ މާލޭގައި ކިޔަވަމުންދާ 16 ދަރިވަރުންނާއި ސީއެޗްއެސްއީ ހުޅުމާލޭގައި ކިޔަވަމުންދާ ހަ ދަރިވަރުންނެވެ.
ރާއްޖޭގައި މެރިން ސައިންސް ކިޔަވައިދޭން ފެށީ އޯ ލެވެލްގައި ފިޝަރީޒް ސައިންސް ކިޔަވައިދޭން ފެށިތާ 40 އަހަރަށް ފަހުއެވެ.
ސީއެޗްއެސްއީ މާލެ ސްކޫލުގެ މެރިން ސައިންސް ޓީޗަރު، މިލްނާ ޚާލިދު ވިދާޅުވީ، އޭލެވެލްގައި މެރިން ސައިންސް ކިޔަވައިދޭން ފެށުމުން އޭލެވެލް ނިންމާފައި އެ ދާއިރާއިން ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު އެމްއެންޔޫގެ ފިޝަރީޒް އެންޑް މެރިން ސައިންސް ފެކަލްޓީގައި ހުޅުވިފައިވާ ކަމަށެވެ. އެއީ މިދާއިރާއިން ސީދާ ގޮތެއްގައި ކުރިއަށް ދިއުމަށް ހުޅުވުނު ފުރުޞަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
" އޭލެވެލްގައި މެރިން ސައިންސް ކިޔަވައި ނުދޭތީ ސީދާ ޑިގްރީއަށް ދެވެން އޮތްނަ ފުރުޞަތު ކުރިން މި އޮތީ ހަނިވެފައި. މިހާރު ފުރުޞަތު ހުޅުވިގެން ދިއުމުން ގިނަ ދަރިވަރުންގެ ޝައުޤުވެރިކަން މެރިން ސައިންސްގެ ދާއިރާއަށް އިތުރުވެގެން ދާނެކަމަށް ބެލެވޭ" މިލްނާ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ހަރަކާތް ކުރިއަށް ގެންދިޔައީ ވެސް އޯލެވެލްގައި މެރިން ސައިންސް ކިޔަވާ ދަރިވަރުން ވެސް ބައިވެރިކޮށްގެންނެވެ. އަދި ކެރިއަރ ގައިޑެންސް ދިނުން ވެސް އިއްޔެގެ ބޭއްވި ހަރަކާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހިޔާލު