އެންމެ މޮޅު ފޮތްކިޔުންތެރިޔާ ލަންދޫ ސްކޫލުން ހޮވަނީ

ދިވެހި ފޮތް ކިޔަން ދަރިވަރުން އަހުލުވެރި ކުރުވަން "އެންމެ މޮޅު ފޮތްކިޔުންތެރިޔާ" ހޮވަން ނ. ލަންދޫ ސްކޫލުން ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.

"ފޮތްތެރިޔާ" ގެ ނަމުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ، ދަރިވަރުންގެ ކިޔުންތެރިކަން އިތުރުކޮށް، ދިވެހި ކިޔުންފަރިތަކޮށް، ފޮތްތެރިކަމަށް ޝައުޤުވެރިކުރުވުމާއި އެކު ފޮތަށް އޮންނަ ލޯބި އިތުރުކުރުމަށްޓަކައި މަރުހަލާތަކަކަށް ބަހާލައިގެންނެވެ.

އެ ސްކޫލުގެ ގުރޭޑް 1ން 10 ގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް "ފޮތްތެރިޔާ" ކިޔުމުގެ ޕްރޮގުރާމު ކުރިއަށް ގެންދަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާއަކީ "ބުރޯންޒު ސްޓާރ"އެވެ. ދެވަނަ މަރުހަލާއަކީ "ސިލްވާރ ސަޓާރ" އެވެ. ތިންވަނަ މަރުހަލާއަކީ "ގޯލްޑް ސްޓަރ"އެވެ. ހުރިހާ ގޮތަކުން އެންމެ މޮޅު ކިޔުންތެރިޔާ" ހޮވަނީ އެންމެފަހުގެ މަރުހަލާގައެވެ.

ފުރަތަމަ ތިން މަރުހަލާގައި ވެސް ވަކި އަދަދަކަށް ފޮތް ކިޔުމަށްފަހު، އެ ފޮތްތަކުން ކަނޑައަޅާފައިވާ ސުވާލުތަކަށް ޖަވާބު ދޭން ޖެހެއެވެ.

ފުރަތަމަ މަރުހަލާގައި 10 ފޮތް، ކިޔުމަށްފަހު، ކޮންމެ ފޮތަކުން ކަނޑައަޅާފައިވާ ފަސް ސުވާލަށް ޖަވާބު ދޭން ޖެހެއެވެ. ދެވަނަ މަރުހަލާގައި 20 ފޮތް ކިޔަން ޖެހެއެވެ. މި ވިހި ފޮތުގެ ތެރެއިން ދިހަ ފޮތުން ނަގާފައިވާ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭއިރު، އަނެއް ދިހަ ފޮތަށް ބުކުރިވިއުއެއް ލިޔަން ޖެހެއެވެ.

ތިން ވަނަ މަރުހަލާގައި 30 ފޮތް ކިޔައި އޭގެ ތެރެއިން 15 ފޮތުން ދޭ ސުވާލުތަކަށް ޖަވާބު ދީ، 15 ފޮތަށް ބުކުރިވިއުއެއް ލިޔަން ޖެހެއެވެ.

ލަންދޫ ސްކޫލުން ބުނީ، "ފޮތްތެރިޔާ"ގެ މަރުހަލާތައް ކުރިއަށް ގެންދާއިރު، ދަރިވަރުން ފޮތްތައް ކިޔަައި އެ ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ގޮތް އެނގޭނެ ޗާޓެއް ކުލާހުގައި ބަހެއްޓިފައި ހުންނާނެ ކަމަށެވެ. އަދި އެންމެ ގިނަ ފޮތް ކިޔައި ކުދިން ހޮވުމުގެ ގޮތުން ސްޓޭޖުތައް ވަކިންނާއި އަދި މުޅި ސްކޫލުން ވަނަތައް ހޮވާނެ ކަމަށެވެ.

މިގޮތުން މުޅި ސްކޫލުން އެންމެ މޮޅު ދަރިވަރަކު ހޮވުމުގައި، ދަރިވަރުންނަށް ތައްޔާރުކުރެވިފައިވާ ފޮތްތައް ގެންގުޅެފައިވާ ގޮތަށާއި، ދީފައިވާ ޖަވާބު ތަކަށާއި، މަސައްކަތް ކޮށްފައިވާ ސާފުތާހިރުކަމާއި ލިޔެފައިވާ ބުކުރިވިއުތަކަށް ބަލާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

ފޮތްކިޔުންތެރިޔާ ހޮވަނީ ކީ-ސްޓޭޖު 2 ން ފެށިގެން 4 ގެ ދަރިވަރުންނަށް އިސްކަން ދީގެންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *