ނޫނު އަތޮޅު ޤުރުއާން މުބާރާތް: އެއްވަނަ ސުކޫލުގެ މަޤާމު މާފަރު ސުކޫލުން ދިފާޢު ކޮށްފި

ނ. އަތޮޅު ޤުރުއާން ފެސްޓިވަލް 2024ގެ 1ވަނަ ސުކޫލުގެ މަޤާމު މިފަހަރުވެސް މާފަރު ސުކޫލުން ކާމިޔާބުކޮށްފިއެވެ. މިދިޔަ އަހަރު، 2023ވަނަ އަހަރުގެ ނ.އަތޮޅު ޤުރުއާން މުބާރާތުގެ 1ވަނަ ސުކޫލަކަށް ހޮވިފައިވަނީ ވެސް މާފަރު ސުކޫލެވެ. މާފަރު ސުކޫލުން ވަނީ 2017، 2018، 2019 އަދި 2022ވަނަ އަހަރުގެ އަތޮޅު ޤުރުއާން މުބާރާތުން 2ވަނަ ސުކޫލުގެ މަޤާމު ހާސިލުކޮށްފައެވެ.

މި އަހަރުގެ މުބާރާތުގައި މާފަރު ސުކޫލުން ޖުމުލަ 14 ދަރިވަރުން ވާދަކޮށްފައި ވެއެވެ. އޭގެތެރެއިން 6 ދަރިވަރަކު ވަނީ ޤައުމީ މުބާރާތަށް ހޮވިފައެވެ.

މި މުބާރާތުން ދެވަނަ ހޯދީ ނ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ތިން ވަނަ ހޯދީ ކެނދިކުޅުދޫ ސްކޫލުންނެވެ.

މުޅި މުބާރާތުން ނުބަލައި ކިޔުވުމުން އެއްވަނައާއި ބަލައިގެން ކިޔުމުން ތިން ވަނަ ހޯދީ ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. އެ މަރުކަޒުގެ ޢާއިޝަތު އަނުމް އަހުސަމް ނުބަލައި ކިޔުމުން މުޅި މުބާރާތުން އެއްވަނަ ހޯދިއެވެ. އަދި އޭނާ ވަނީ ނުބަލައި ކިޔެވުމުން ކީ ސްޓޭޖް 3ން ވެސް އެއް ވަނަ ހޯދާފައެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުން ތިން ވަނަ ހޯދީ އަލީ މާޒް ބިން މުޙައްމަދެވެ. އޭނާ ވަނީ ކީ ސްޓޭޖް 2 އިން ބަލައިގެން ކިޔެވުމުން އެއްވަނަ ހޯދާފައެވެ.

ނުބަލައި ކިޔެވުމުން ދެވަނަ ހޯދީ މޭނާ ސްކޫލުގެ މުޙައްމަދު ޒައިކް ޒަރީރެވެ. ތިން ވަނަ ހޯދީ މާފަރު ސްކޫލުގެ ހިންދު އިސްމާޢިލެވެ.

ބަލައިގެން ކިޔެވުމުން އެއްވަނަ ހޯދީ ނ. އަތޮޅު މަދަރުސާގެ މުޙައްމަދު ޒަކުވާން ޙަސަނެވެ. ދެވަނަ ހޯދީ މޭނާ ސްކޫލުގެ ޛައިކް މުޙައްމަދު އާމިރެވެ.

މި މުބާރާތުގައި ނ. އަތޮޅުގެ 13ރަށަކުން 13 177 ދަރިވަރުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *