ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ވިޝުއަލް އާޓްގެ ދަރިވަރުންގެ "ރެދަން" އާޓް އެގްޒިބިޝަން ނެޝަނަލް އާޓް ގެލެރީގައި ހުޅުވައިފިއެވެ. އެމްއެންޔޫގެ ިޝުއަލް އާޓްސް ކިޔަވަމުންދާ ދަރިވަރުންގެ ކުރެހުމުގެ ހުނަރު ދައްކައިދޭ މި މައުރަޒު ހުޅުވައިދެއްވީ މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ.
މާދަމާގެ ރޭ 10:00އާ ހަމައަށް މި މައުރަޒު ކުރިއަށް ގެންދާނެއެވެ.
މައުރަޒު ހުޅުވައިދެއްވައި ޑރ. މާރިޔާ ވިދާޅުވީ، ރަދަންގައި އެކުލެވެނީ ފަންނުވެރިކަމުގެ ހަގީގީ ރޫހު ކަމަށާއި އެންމެ އަނދިރި ދަނޑިވަޅުތަކުގައި ވެސް ފަންނުވެރިކަމުގެ އަލިކަމުން ދިރިއުޅުމަށް ބާރެއް ގެނެސްދޭ ކަމަށެވެ. އަދި ފަންނުވެރިކަމަކީ އެންމެން ގުޅުވައިދޭ ވަސީލަތެއް ކަމަށާއި އިހުސާސްތައް އުފައްދައި، އިޖުތިމާއީ ވިސްނުންތައް ބަދަލުކުރުމަށް މަގުފަހިކޮށްދޭ ޒަރިއްޔާއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރެދަން އެގްޒެބިޝަންގެ މަޤްޞަދަކީ އުނގެނުމަށާއި ކުރިއެރުމަށް އަމާޒުކޮށްފައިވާ ފަންނާނުންނަށް އިލްހާމު ލިބޭފަދަ މާޙައުލެއް ޤާއިމުކުރުމެވެ. މި މުހިންމު މަސައްކަތަކީ ފަންނުވެރި ތަޢުލީމުގެ މުހިންމުކަން ފާހަގަކުރުމާއެކު ދަރިވަރުންގެ އަގުހުރި ހުނަރުތައް ދައްކުވައިދިނުމަށް ފަރުމާކުރެވިފައިވާ މަސައްކަތެކެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި، މި އެގްޒަބިޝަންގެ ސަބަބުން ދިވެހިރާއްޖޭގައި ފަންނުވެރިކަމުގެ މުހިންމުކަމާއި އަދި އެކި ވަޒީފާގެ ދާއިރާތަކުގައި ފަންނުވެރިކަން ބޭނުންކުރެވޭ ގޮތްތަކާމެދު އިތުރަށް ހޭލުންތެރިވާނެއެވެ. ދަރިވަރުން އެމީހުންގެ އުފެއްދުންތައް ދައްކުވައިދިނުމުގެ ސަބަބުން ފަންނުވެރިކަމުގެ ދުނިޔޭގައި އެ މީހުންނަށް ލިބެންހުރި ގިނަގުނަ ވަޒީފާގެ ފުރުޞަތުތަކާ ބެހޭގޮތުން އަގުހުރި ތަޖުރިބާއާއި މަޢުލޫމާތު ލިބިގެންދާނެއެވެ. މިއީ ފަންނުވެރިކަމުގެ ދާއިރާގައި ކެރިއަރއެއް ބިނާކުރަން ބޭނުންވާ މީހުންނަށް ކުރިއަށްދިއުމަށް އެޅޭ ފިޔަވަޅެކެވެ. އަދި މި ދާއިރާގައި ލިބެންހުރި ތަޢުލީމީ ފުރުޞަތުތައް ފާހަގަކޮށްދޭ ކަމެކެވެ.
ހިޔާލު