މަކުނުދޫ ސްކޫލުން އެއްވަނަ ރާޔާ އަންވަރަށް

2022-2023 ވަނަ އަހަރު ހދ. މަކުނުދޫ ސްކޫލުން އެންމެ މޮޅު ދަރިވަރަކީ ރާޔާ އަންވަރެވެ.

ފާއިތުވި އަހަރު ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ އަށް ވަނަ ރާޔާ ހޯދާފައިވާއިރު، އެ އަހަރު ގަދަ ދިހައެއްގައި މަކުނުދޫ ސްކޫލުން ހިމެނުނީ އޭނާ އެކަންޏެވެ. އޯލެވެލްގައި ރާޔާއަށް ލިބުނީ ތިން އޭ ސްޓަރ އާއި ތިން އޭގެ އިތުރުން ދެ ބީއެވެ.

ރާޔާ ވަނީ، މަކުނުދޫ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަމާއި ކެޕްޓަންކަން ކަމުގެ ޒިންމާ އަދާކޮށްފައެވެ. އަދި ޖޫނިއަރ ފްރިފެކްޓްކަމާއި ސީނިއަރ ޕްރިފެކްޓްކަން ވެސް ކޮށްފައެވެ.

އޭނާ ވަނީ ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ޤައުމީ ފެންވަރުގައި ބޭއްވި މުބާރާތްތަކުންނާއި އަތޮޅުފެންވަރުގައާއި ރަށު ފެންވަރުގައި ބޭއްވި މުބާރާތްތައް ހިމެނެއެވެ. ރަށު ފެންވަރުގައި ބޭއްވި ޤުރުއާން މުބާރާތްތަކުން ޖެހިޖެހިގެން ފަސް އަހަރު އެއްވަނަ ހޯދާފައިވާއިރު، އަތޮޅު ފެންވަރުގައި ބޭއްވި މުބާރާތްތަކުން ދެ ފަހަރު އެއްވަނަ ހޯދާފައިވެއެވެ. އަދި ޤައުމީ ޤުރުއާން މުބާރާތުން 10 ފޮތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައިވެއެވެ.

ދަރިވަރު ނޫހަށް ރާޔާ ބުނީ، ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދަން ބުރަކޮށް މަސައްކަތް ކުރި ކަމަށާއި އެއީ ކުޑައިރުއްސުރެ ކުރަމުން އައި އުއްމީދެއް ކަމަށެވެ. އެކަމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މަންމައާއި ކިޔަވައިދެއްވި ޓީޗަރުންގެ ފަރާތުން ކަމަށް ރާޔާ ބުންޏެވެ.

ރާޔާ ބުނީ، އޯލެވެލްގެ ގަދަ ތިނެއްގައި ހިމެނުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށާއި ނަމަވެސް ލިބުނީ އަށް ވަނަ ކަމަށެވެ. އެ ނަތީޖާއަށް ބަލައި އޭލެވެލްގެ ނަތީޖާ ރަނގަޅު ކުރަން ބުރަކޮށް މަސައްކަތް  ކުރަމުންދާ ކަމަށް ވެސް ރާޔާ ބުންޏެވެ.

" އޭލެވެލްގައި އުއްމީދު ކުރި ހިސާބަށް ނުދެވުނީމާ އޭލެވެލްގެ ނަތީޖާ ރަނގަޅު ކުރަން މަސައްކަތް މި ކުރަނީ. އިރާދަކުރެއްވިއްޔާ އޭލެވެލްގެ ގަދަ ތިނެއްގައި ހިމެނޭނެ ކަމުގެ އުއްމީދު އެބައޮތް" އަޙްމަދިއްޔާ ސްކޫލުގެ ގުރޭޑް 12 ގައި ކިޔަވަމުން އަންނަ ރާޔާ ބުންޏެވެ.

ރާޔާ ބުނީ، އޭއަށް ފަސޭހައީ ބާރަށް ކިޔައިގެންނާއި ލިޔެގެން އަދި ފެންނަ ހިސާބުގައި ނޯޓްސް ތަތްކޮށްގެން  ފިލާވަޅު ދަސްކުރާށެވެ. އަބަދުމެ ފެންނަ ހިސާބުގައި ނޯޓްސް ފެންނަން ހުރުމަކީ ފިލާވަޅު ދަސްކުރަން ލިބޭ ހިތްވަރެއްގެ އިތުރުން ހަނދާނުގައި ބަހައްޓަން ފަސޭހަ ގޮތެއް ކަމަށް ރާޔާ ބުންޏެވެ.

ރާޔާ ނިންމައިގެން ހުރީ ޑޮކްޓަރީކަން ކިޔަވާށެވެ.

" ޑޮކްޓަރަކަށް ވުމަކީ އެއީ އުއްމީދެއް. އެ އުއްމީދު ހާޞިލް ކުރަން ބުރަކޮށް މަސައްކަތް މި ކުރަނީ"

ކިޔަވާ ކުދިންނަށް ރާޔާ ދޭ ނަސޭހަތަކީ، ވަކިތާވަލެއް ހަދައިގެން ގަދައަޅައި މަސައްކަތް ކުރުމަށެވެ. ފިލާވަޅުތައް ދުވަހުން ދުވަހަށް ނިންމައި، ދީނީ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *