ކ. ގުޅީގައި ފާނަބަސަންދު ފެތުރެމުން ދާތީ ރައްކާތެރި ވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދީފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންދިޔައީ އެރަށު ހެލްތް ސެންޓަރުންނެވެ.
ފާނަބަސަންދުން ރައްކާތެރިވުމަށް ގުޅީގައި ފިޔަވަޅުތަކެއް އަޅައި ހޭލުންތެރިކުރުވުމުގެ މަސައްކަތް ފެށީ މި މަހުގެ ތެރޭގައި ފާނަބަސަންދު ޖެހުނު މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފައި ވަނީ މިހާތަނަށް އެގާރާ މީހަކަށް ފާނަބަސަންދު ޖެހިފައިވާކަން ގުޅިން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ އެޖެންސީން ބުނެފައި ވަނީ މިއަހަރުގެ މިހާތަނަށް ފާނަބަސަންދު ޖެހިގެން 2900 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށާއި މިއަހަރުގެ ނޮވެމްބަރު މަހާ ހަމައަށް މުޅި ރާއްޖެއިން 2977 މީހުންނަށް ފާނަބަސަންދު ޖެހިގެން ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރޭގައި 1506 ކޭސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 1471 ކޭސް ރިޕޯޓްކޮށްފައިވަނީ އަތޮޅުތަކުންނެވެ.
ފާނަބަސަންދުގެ އަލާމާތްތައް:
- ހުންއައުން
- ވަރުދެރަވުން
- ނޭފަތުން ފެންއައުން
- ހަމުގައި ބިހިތަކެއް ނެގުން
ފާނަބަސަންދު ފެތުރޭ ގޮތްގޮތް:
- ބަލިޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާ ހަދާއިރު ނޭވާލާ ނިޒާމުގެ ޒަރީއާއިން.
- ބިހި ނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުންކުރުމުން.
- ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭނެ.
ފާނަބަސަންދު ޖެހިފައިވާ މީހެއްގެ ގައިގައި ނަގާ ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވެއެވެ. އެ ބިހިތައް ނެގުމުން ވަރަށް ހިރުވާ، ފަސޭހައިން ފަޅައިގެންދެއެވެ. ދެތިން ދުވަސް ތެރޭގައި ހަނށިގަނޑުގެ އެކި ތަންތަނުގައި ފެންބިހި ނަގައެވެ.
ފާނަބަސަންދު ފެތުރޭ ދުވަސްވަރަކަށްވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމސްކުރެއެވެ.
advertisment
ހިޔާލު