މަތީ ތައުލީމުގެ މަންހަޖުގެ ތެރެއަށް، ސައިބަރ ކުށްތަކާއި ފޮރެންސިކް ހިމަނަނީ

އަދި ރާއްޖޭގައި މިވަގުތު ތަންފީޒުކުރަމުންދާ މަތީ ތައުލީމުގެ މަންހަޖުގެ ތެރެއަށް، ސައިބަރ ކުށްތަކާއި ޑިޖިޓަލް އަދި ފޮރެންސިކްގެ ދާއިރާ ފަދަ ދާއިރާތައް ހިމެނުމުގެ މަސައްކަތް މަތީ ތައުލީމާ ބެހޭ ވުޒާރާގެ ފަރާތުން ކުރައްވަމުންގެންދަވާކަމަށް މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ބައެއް ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަޒީރު ޑރ. މަރިޔަމް މާރިޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފުލުހުންނަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމަށް ތިބި ބައެއް ނޫންކަމަށާއި ގާނޫނަށް ތަބާވާ އަހުލާގު ރަނގަޅު ގާބިލު އަދި ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭކަމަށެވެ. އަދި އެކަން ކަށަވަރުކުރުމަށް މަތީ ތައުލީމާއި ތަމްރީނުގެ މުހިންމުކަމަށް ވިދާޅުވިއެވެ.

" މި ތަމްރީނުތަކަކީ ޒަމާނީ ކުށްތަކާއި، ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ އިލްމާއި ހުނަރު އޮފިސަރުންނަށް ލިބޭނެ ތަމްރީނުތަކެއް. އަދި މި ތަމްރީނުތައް ވެގެންދާނީ، މަތީ ތައުލީމުގެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އެންމެ ޒަމާނީ އުކުޅުތަކާއި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދޭ ވަސީލަތަކަށް" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ހުރިހާ ފުލުހުންނަށް ވެސް ހަމަހަމަކަމާއެކު މަތީ ތައުލީމުގެ ފުރުސަތު ފަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންހެން އޮފިސަރުންނަށާއި އަތޮޅު ތެރޭގެ ރަށްރަށުގައި ތިބި އޮފިސަރުންނަށް ވެސް މަތީ ތައުލީމުގެ ފުރުސަތު ފަހިކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ހަތަރު ކޯހަކުން 297 ދަރިވަރުން ދަސްވެނިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *