ޕޮލިސް ކޮލެޖުން 297 ދަރިވަރުން ދަސްވެނިވެއްޖެ

ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ބައެއް ކޯސްތަކުން 297 ދަރިވަރުން ދަސްވެނިވެއްޖެއެވެ. އިސްކަންދަރު ބިލްޑިންގގައި ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން އަދި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިން ބައިވެވަޑައިގެންނެވިއެވެ.
ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ހަތަރު ކޯހަކުން ދަރިވަރުން ދަސްވެނިވިއެވެ. އެއީ:
• ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯސް: 208 ދަރިވަރުން
• ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކު މެނޭޖްމަންޓް ކޯސް: 27 ދަރިވަރުން
• މާސްޓާސް އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް (ޕޮލިސިންގ އެންޑް ސެކިއުރިޓީ) ކޯސް: 37 ދަރިވަރުން
• ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން ކޯސް: 25 ދަރިވަރުން

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، އެކި ދާއިރާތަކުން ތަމްރީނު އުނގެނުމުގެ ފުރުސަތު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓުން މިހާރު ފަހިވެފައިވާކަމަށެވެ. އަދި ގްރޭޑު 10 ނިންމައި ފުލުހުންގެ ޚިދުމަތާ ގުޅުމަށްފަހު މާސްޓާސް ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކޮށްފައިވާ އެތައް އޮފިސަރުންނެއް މިހާރުވެސް ފުލުހުންގެ ޚިދުމަތުގައި ތިބިކަން ފާހަގަކުރެއްވިއެވެ.

"ދިވެހި ޒުވާނުންނަށް ދަންނަވާލަންއޮތީ، ކޮލެޖް އޮފް ޕޮލިސިންގެ ކުރިއަށް އޮތް އިންޓޭކަށް ހުޅުވާލުމުން އެފުރުސަތުގެ ބޭނުން ހިފާށޭ. ފުލުހުންގެ ޚިދުމަތުގެ ތެރެއިން ތިޔަ ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ހޯދާށޭ. ފޮރެންސިކް އެކްސްޕާޓަކަށް ނުވަތަ ކުޅަދާނަ އިންވެސްޓިގޭޝަން އޮފިސަރަކަށްވާން ބޭނުންވާ ކުދިންނަށް އެފުރުސަތު ލިބިގެންދާނެ" ކޮމިޝަނަރ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *