މަތީ ސާނަވީގައި ބިޒްނަސް ކިޔަވާ ކުދިންގެ ވިޔަފާރީގެ ހުނަރުތައް ދައްކައިދޭން އައިޔޫއެމްއިން "ދަ ޕިޗް" މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ބާއްވާ މި މުބާރާތުގައި ފަސް ސްކޫލަކުން 42 ދަރިވަރުން ބައިވެރިވެއެވެ. ކޮންމެ ސްކޫލަކަށް ދެ ޓީމު ބައިވެރިކުރުމުގެ ފުރުޞަތު ދީފައިވާއިރު ދެ ޓީމު ބައިވެރިކޮށްފައި ވަނީ ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުންނާއި ހިންނަވަރުގައި ހުންނަ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.
ދަ ޕިޗްގައި ބައިވެރިވި ސްކޫލްތައް:
- ޖަލާލުއްދީން ސްކޫލް
- ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
- އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
- ސީއެޗްއެސްއީ މާލެ
- ސީއެޗްއެސްއީ ހުޅުމާލެ
މި މުބާރާތުގައި ހުށައަޅާ އެންމެ މޮޅު ހުށައެޅުންތަކަށް ފައިސާގެ އިނާމާއި ޓްރޮފީ ދޭން ވަނީ ނިންމާފައެވެ.
އައިޔޫއެމްގެ ސެންޓަރ ފޯރ ޕޯސްޓް ގުރެޖުއޭޓް ސްޓަޑީޒްގެ ޑީން ޑރ ފާތިމަތު މުނާ، ޓީވީއެމްގެ ހެނދުނުހެނދުނާ ޕްރޮގްރާމުގައި ވިދާޅުވީ، އެ ޔުނިވަރސިޓީން ހޯދައި ދެނީ، ވިޔަފާރިއެއް ފަށަން ބޭނުންވާ ދަރިވަރުންގެ ޚިޔާލާއި ހުނަރު ހުށައަޅައި ދޭނެ ޕްލެޓްފޯމެއް ކަމަށެވެ. އެ ޕްލެޓް ފޯމުގައި ތަޖުރިބާކާރު ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، "ޕިޗްގައި، ދަރިވަރުންގެ އުފެއްދުންތެރި ޚިޔާލުތައް ހިމެނޭ ޕްރޮޕޯސަލް ހުށައެޅުމާއި އެޗްއާރު ދާއިރާއިން ޕެނަލްޑިސްކަޝަންތަކާއި ވިޔަފާރިވެރިން އެބޭފުޅުންގެ ކާމިޔާބީގެ ވާހަކަތައް ހިއްސާ ކުރައްވާނެ" ކަމަށެވެ.
ޑރ. މުނާ ވިދާޅުވީ، އިންޑަސްޓްރީގެ ބޭފުޅުން ވަޑައިގެން، ވަޒީފާގެ ބާޒާރަށް ދަރިވަރުން ނުކުންނައިރު ހުރި ފުރުޞަތު ތަކަކީ ކޮބާތޯއާއި ވަޒީފާ ދޭއިރު ބަލާ ސިފަތަކާއި ހުނަރުތަކަކީ ކޮބައިކަން ދަރިވަރުންނާ ހިއްސާކުރައްވާނެ ކުރާނެ ކަމަށެވެ. އަދި ވިޔަފާރީގައި އުޅޭއިރު ޢަމަލުތައް ބަހައްޓާނެ ގޮތާއި ރިސްކްނަގަން ޖެހެނޭ ހާލަތުގައި ރިސްކު ނެގުމާއި މާކެޓް އޮތް މިންވަރާއި އެކަން ދެނެގަންނާނެ ގޮތް ވެސް ތަޖުރިބާގެ އަލީގައި ހުށައަޅުއްވާނެ ކަމަށެވެ.
ޕިޗްގެ ޖަޖުންގެ ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާނީ ލޯން ދޫކުރާ އިންސްޓިޓިއުޝަންތައް ކަމަށްވާ އެމްއައިބީއާއި ދިވެހި ބޭންކާއި އެޗްޑީއެފްސީގެ ބޭފުޅުން ކަމަށާއި، ދަރިވަރުންގެ ހުށައެޅުންތަކަށް ޖަޖުންގެ ފަރާތުން ފީޑްބެކް ވެސް ދެއްވާނެ ކަމަށް ޑރ. މުނާ ވިދާޅުވިއެވެ.
advertisment
ހިޔާލު