މާލެއަތޮޅު ކައުސިލުން އެ އަތޮޅުގެ ކޮންމެ ސްކޫލަކަށް 50،000 ރުފިޔާގެ މާލީ އެހީއެއް ވެދީފިއެވެ.
މާލެއަތޮޅު ކައުންސިލުން ބުނީ، ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ، އަތޮޅު ޤުރުއާން މުބާރާތް ކުރިއަށް ދިޔައިރު، ޕްރިންސިޕަލުންނާ ކައުންސިލުން ބައްދަލުކުރި ކަމަށާއި އެ ބައްދަލުވުމުގައި ޕްރިންސިޕަލުން ދެއްކެވި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ސްކޫލްތަކަށް އެންމެ ދަތިވާ ކަންތައްތައް ހައްލުކޮށްދިނުމުގެ ގޮތުންނެވެ.

" ސްކޫލްތަކަށް އެންމެ ދަތިވާ ކަންތައްތައް ފާހަގަކޮށް ސްކޫލްތަކުން ހުށައެޅި ޕްރޮޕޯސަލަތަކަށް ބިނާކޮށް، ކޮންމެ ސްކޫލަކަށް 50،000 ރުފިޔާގެ މާލީ އެހީތެރިކަމެއް ދެނީ" މާލެއަތޮޅު ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާލީ އެހީ ދެމުން ގެންދަނީ އަތޮޅު ކައުންސިލުގެ ރައީސް އަތޮޅުގެ ރަށްތަކަށް މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން ކަމަށެވެ.
މާލެއަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ރިސޯސް ޓީޗަރުންގެ ގޮތުގައ ގެންނަ ޓީޗަރުންގެ ފީ ވެސް އެ ކައުންސިލުން އަންނަނީ ދައްކައި ދެމުންނެވެ.

50،000 ރުފިޔާގެ މާލީ އެހީތެރިކަން މިހާތަނަށް ހަ ރަށަކަށް ވަނީ ހަވާލުކޮށްފައެވެ. އެހީތެރިކަން ހަވާލު ނުކުރެވި ހުރި ސްކޫލްތަކަށް މި ފެށޭ ހަފްތާގައި ހަވާލުކޮށް ނިންމާނެ ކަމަށް މާލެއަތޮޅު ކައުންސިލުން ބުނެއެވެ.

ކައުންސިލުން ދޭ އެހީތެރިކަން ބޭނުން ކުރަން ގާފަރު ސްކޫލުން ނިންމާފައި ވަނީ އެ ސްކޫލްގެ ލައިބްރަރީއަށް ބައެއް އިތުރުކުރުމަށެވެ. ކ. އަތޮޅު މަދަރުސާއިން އެ ފައިސާ ހޭދަކުރަނީ އެ މަދަރުސާގައި "ލިޓްރަސީ އެންޑް ގޭމިންގ ޕާކް” ގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ. ކ. އޭއީސީން އެ ފައިސާ ބޭނުން ކުރަނީ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުމަށެވެ. މާފުށީ ސްކޫލުން އެ ފައިސާ ބޭނުން ކުރަނީ ކްލާސްރޫމްތަކުގައި ކަބަޑުޖެހުމަށެވެ. ކައުންސިލުގެ މާލީ އެހީތެރިކަން ގުރައިދޫ ސްކޫލުން ބޭނުން ކުރަނީ މީޓިންގ ރޫމް ތަރައްޤީ ކުރުމަށެވެ. ގުޅީ ސްކޫލުން މާލީ އެހީތެރިކަން ބޭނުން ކުރަނީ ސެން ކްލާސް ތަރައްޤީކުރުމަށެވެ.


advertisment
ހިޔާލު