އެންޔޫ ސްޓޯލްތަކަށް ޒިޔާރަތްކުރާ ކޮންމެ 100 ވަނަ ފަރާތަށް ޚާއްޞަ ހަދިޔާއެއް
މިނިސްޓުރީ ހަޔަރ އޮފް އެޑިއުކޭޝަނުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހުޅުވާ ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ (ދާލަން އެކްސްޕޯ) ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކިއެކި ފެކަލްޓީ ތަކުގެ ސްޓޯލްތަކުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
މި އެކްސްޕޯ ކުރިއަށް ގެންދަނީ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4:00 ން 6:00 އަދި ރޭގަނޑު 8:00 ން 10:00 އަށެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި، ދާލަން އެކްސްޕޯގައި އެ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށާއި ދަރިވަރުންނަށް ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުން ވެސް ކުރިއަށް ގެންދާނެއެވެ. މި އިވެންޓްގައި ޤައުމީ ޔުނިވަރސިޓީ ސުޓޯލް އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ 100ވަނަ ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދޭން ވަނީ ނިންމާފައެވެ. އަދި، އެކި ފެކަލްޓީ ތަކުގެ ސުޓޯލްތަކުން ރާވައިގެން ކުރިއައް ގެންދާ ހަރަކާތްތަކާއި، ކުޅިވަރުތަކުގައި ބައިވެރިވެގެން އިނާމް ހޯދުމުގެ ފުރަސަތު ވެސް ލިބިގެންދާނެއެވެ. އަދި އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓަރލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ހުނަރުވެރި ދަރިވަރުންނާއި މުވައްޒަފުން ހުނަރު ދައްކާލައި، ތާޒާ ބުއިންތަކާއި މީރު ތަފާތު ކެއުންތަކުގެ ރަހަ ބަލައި ލުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރަރުންނާ އެކު ތަފާތު އެތައް ދާއިރާ ތަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތަކާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެއެވެ.
މި އިވެންޓުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނީއަރިންގ ދާއިރާ، ޞިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، ދަނޑުވެރިކަން އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ.
ހިޔާލު