އެމްއެންޔޫގެ އެގުރިކަލްޗަރ ފެކަލްޓީ އަޅަން ތޮއްޑޫން 80،000 އަކަފޫޓްގެ ބިމެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެގިރިކަލްޗަރ އެންޑް ފުޑް ސައިންސަސް ފެކަލްޓީ އަޅަން 80،000 އަކަފޫޓުގެ ބިމެއް އދ. ތޮއްޑޫން ހަމަޖައްސައިދީފިއެވެ. ބިން ހަމަޖައްސައި ދިނުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒެވެ. ތޮއްޑޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަޙްމަދު ކަރަމެވެ.

އެގުރިކަލްޗަރ ފެކަލްޓީ ޤާއިމް ކުރުމަށް ބިމެއް ހަމަޖައްސައިދެއްވި ކަމަށްޓަކައި ތޮއްޑޫ ކައުންސިލަށް ޝުކުރު އަދާކުރައްވައި ޑރ. ޝެހެނާޒު ވިދާޅޫވީ، އެ ފެކަލްޓީގެ ސަބަބުން ތޮއްޑޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން މަތީ ތައުލީމު ހާޞިލްކުރެވި އެރަށުގެ ދަނޑުވެރުކަން ތަރައްޤީ ކުރެވިގެންދާނެ ކަމަށެވެ.

އެގުރިކަލްޗަރ ފެކަލްޓީ ތަރައްޤީ ކުރާއިރު ހަތަރު ޑިޕާޓްމަންޓެއް ޤާއިމް ކުރަން ވަނީ ނިންމާފައެވެ. އެއީ:
1.ޑިޕާޓްމަންޓް އޮފް ހޯޓިކަލްޗަރ
2.ޑިޕާޓްމަންޓް އޮފް ޕްލާންޓް ޕްރޮޓެކްޝަން
3.ޑިޕާޓްމަންޓް އޮފް ސޮއިލް އެންޑް ވޯޓަރ މެނޭޖްމަންޓް
4.ޑިޕާޓްމަންޓް އޮފް ފުޑް ސައިންސަސް އެންޑް ޓެކްނޮލޮޖީ

ޑރ. ޝެހެނާޒު ވިދާޅުވީ، ދަނޑުވެރިކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް ކަމަށާއި އަޅުގަނޑުމެންގެ ކެއުމާއި ބުއިމާއި ތިމާވެއްޓަށް ދަނޑުވެރުކަމުގެ އަސަރުކުރާ ކަމަށެވެ. ރަނގަޅަށް ފަރުމާކުރެވިފައިވާ ޑިގްރީ ޕްރޮގްރާމެއްގެ ތެރެއިން މިހާރު ދިމާވެފައިވާ މައްސަލަތަކަށް ޓެކްނޮލޮޖީގެ އެހީގައި ހައްލު ހޯދޭނެ ކަމަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

" ލިބެން ހުރި ބިމާއި ފެނުގެ ވަޞީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރެވިދާނެ. ތަރުކާރީއާއި މޭވާ ފަދަ ދުވަހުން ދުވަހަށް ބޭނުންކުރާ ތަކެތިން އަމިއްލަ ފުދުންތެރިކަން ހާޞިލް ކުރެވުމަކީ އިމްޕޯޓަށް ކުރާ ޚަރަދު ކުޑަކުރުމަށް ލިބޭ ކުރިއެރުމެއް. އަދި އެއާއެކު ދަނޑުވެރިކަމަށް ބޭނުން ކުރާ ތަރުކާރީއާއި މޭވާ ބޭނުންކޮށްގެން ނިއުޓްރިޝަނަލް ވެލިޔު ހުންނަ ތަފާތު ބާއްވަތްތައް އުފެއްދުމަށް މަގުފަހިވެގެންދާނެ" މިއަދު ހަވީރު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

" މި ފެކަލްޓީއާއެކު ރާއްޖޭގެ ދަނޑުވެރިކަމަށް އާ އުއްމީދުތަކެއް ގެނެސްދޭނެ. ދިވެހި ޒުވާނުންނަށް ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބި ޤައުމުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަގުފަހިވެގެންދާނެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން އާ ޓެޖްނޮލޮޖީތަކާއި އުފެއްދުންތެރި ޚިޔާލުތައް އުފެދި މިހާރު ތަހުލީލުކުރަން ބޭރަށް ފޮނުވާ ތަކެތި އެ ތަނުގައި ތަހުލީލު ކުރެވޭނެ. އަދި ބޭރުގެ ދަރިވަރުންނާއި ދިރާސާވެރިން އަޅުގަނޑުމެންނާ ގުޅި ދިރާސާތައް ކުރުމަށް މަގުފަހިވާނެ" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ޝެހެނާޒު ވިދާޅުވީ، އެގުރިކަލްޗަރ ފެކަލްޓީ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅުގައި ފަށާނެ ކަމަށާއި އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ޝައުޤުވެރިކަން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވާ ކަމަށެވެ.

" އަޅުގަނޑުމެން އުއްމީދު ކުރަނީ މަސައްކަތް ފަށާތާ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް" ދަރިވަރު ނޫހަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *