އިފްތިތާޙުގެ ދަރިވަރުންނަށް ސޮފްޓް ޓޯއީސް ހަދާނެ ގޮތުގެ ހުނަރު

ނައިފަރު ކައުންސިލުން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން އެ ސްކޫލުގެ 33 ދަރިވަރުން، 10 ވައްތަރެއްގެ ސޮފޮޓް ޓޯއީސް ތައްޔާރު ކުރާނެގޮތް ދަސްކުރި.

ޅ. ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާޙުގެ ދަރިވަރުންނަށް ސޮފްޓް ޓޯއީސް ހަދަން ދަސްކޮށް ދިނުމަށް ކުރު މުއްދަތުގެ ކޯހެއް ހިންގައިފިއެވެ. ދެ ބުރަކަށް ބަހާލައިގެން 12 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޯހުގައި ކިޔަވައި ދިނީ ގިފްޓް ބާސްކެޓްގެ ފައުންޑަރ ޔުމްނާ ރަޝީދެވެ.

ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމަށް ނައިފަރު ކައުންސިލުން ކުރިއަށް ގެންދިޔަ މި ކޯހުގައި މަދަރަސަތުލް އިފްތިތާހުގެ ގުރޭޑް 8ން 12އިގެ 33 ދަރިވަރުން ބައިވެރިވިއެވެ.

ނައިފަރު ކައުންސިލުގެ ސީނިއަރ ކައުންސިލް އޮފިސަރު، ސިމާނަތު ރަޝީދާ ދަރިވަރު ނޫހަށް ވިދާޅުވީ، އެ ކައުންސިލުން ފުރަތަމަ ނިންމީ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯހުގައި 20 ކުދިން ބައިވެރިކުރަން ކަމަށާއި ދަރިވަރުންގެ ތަރުޚީބު ބޮޑުވުމުން އެ އަދަދު 33 އަށް އިތުރުކޮށް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދަން ޖެހުނީ ކަމަށެވެ. މި ކޯހުން 10 ވައްތަރެއްގެ ސޮފޮޓް ޓޯއީސް ހަދަން ދަސްކޮށްދީފައިވާ ކަމަށް ސިމާނަތު ވިދާޅުވިއެވެ.

" މި ކޯހަށް ދަރިވަރުންގެ އިތުރުން ބެލެނިވެރިންގެ ސަމާލުކަން ވަރަށް ބޮޑު. ކުރުމުއްދަތެއްގެ ތެރޭގައި ދަރިވަރުން ކުރީ ބަރަށް ބުރަ އެހާމެ ޝައުޤުވެރި މަސައްކަތެއް" ސިމާނަތު ވިދާޅުވިއެވެ.

" މިއީ ވަރަށް ކާމިޔާބު ކަމާއެކު އަޅުގަނޑުމެންނަށް ގެންދެވުނު ކުރުމުއްދަތުގެ ކޯހެއް. މިފަދަ އިތުރު ކޯސްތައް ކުރިއަށް ގެންދިއުމުގެ ވިސްނުން އަޅުގަނޑުމެންގެ އެބަހުރި. ނިންމުމުގެ ރަސްމިއްޔާތުގައި ކައުންސިލުގެ ރައީސް ވެސް ވަނީ އެކަން ފާހަގަކުރައްވާފައި"

ސިމާނަތު ވިދާޅުވީ، ކޯހުގައި ބައިވެރިވި ދަރިވަރުންގެ ތެރޭގައި އަތުން ފަހަން ވެސް ނޭނގޭ ދަރިވަރުން ތިބި ކަމަށާއި ކޯސް ނިމިގެން ދިޔައިރު ދަރިވަރުންގެ އެ ހުނަރުވެސް ތަރައްޤީ ވެފައިވާ ކަމަށެވެ.

ނައިފަރު ކައުންސިލުން ބޭނުންވަނީ ކޯހުގައި ދަސްކުރި އެއްޗެއްގެ ބޭނުން ހިފައި ވިޔަފާރީގެ އުޞޫލުން ނަމަވެސް އެ ދަރިވަރުން އެ މަސައްކަތް ކުރުން ކަމަަށް ސިމާނަތު ވިދާޅުވިއެވެ.

 

ކޯސް ނިންމާލުމުގެ ގޮތުން ދަރިވަރުން ތައްޔާރު ކުރި ސްފޮޓް ޓޯއީސްތައް އާންމުކޮށް ވަނީ ދައްކާލާފައެވެ.

ކިޔަވައިދިން ޔުންމާ ވަނީ ކޯހުގައި ބައިވެރިވި ދަރިވަރުންގެ ހުނަރާއި އުފެއްދުންތެރި ޚިޔާލުތަކަށް ތައުރީފު ކޮށްފައެވެ. މިއީ ގިފްޓް ބާސްކެޓުން މިހާ ގިނަ ދަރިވަރުންނަށް މިފަދަ ކޯހެއް ހިންގި ފުރަތަމަ ފަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *