ދިރާސީ އާ އަހަރާއެކު ތަޢުލީމުގެ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ.
ތަޢުލީމާބެހޭ އެންމެހައި ކަންތައްތައް ކަނޑައަޅާފައިވާ މި ބިލަށް އަމަލުކުރަން ފެށުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. ތައުލީމުގެ ބިލަށް އަމަލުކުރަން ފަށާނީ އެ ބިލް ތަސްދީގު ކުރުމަށްފަހު، އެންމެ އަވަހަށް ފަށާ ދިރާސީ އާ އަހަރާއެކުގައި ކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ.

ތައުލީމުގެ ބިލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމުކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި، މުދައްރިސުންނަށް ލިބިދޭ ޙައްޤުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތަޢުލީމު ދިނުމާގުޅޭ އެނޫންވެސް ޢާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، އިސްލާމް ދީނަށާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އެނޫންވެސް ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކޮށް، އުނގެނުމުގެ ޙައްޤު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ، މުދައްރިސުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމެވެ. އަދި އުނގެނުމުގެ ޙައްޤު ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމުގައި ދައުލަތާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި އެ ފަރާތްތަކުން ޒިންމާ އަދާނުކޮށްފިނަމަ ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމެވެ. ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކުރުމެވެ.
އިސްލާމީ އަޤީދާއާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ، އަދި އިސްލާމީ ޝަރީޢަތާއި އަޤީދާއާ ފުށުނާރާނެހެން އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމަށާއި، ޢާންމުކޮށް އެންމެންގެ މެދުގައި ޞުލްޙަމަސަލަސްކަމާއި ރަޙުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދޭ، އެކަންކަމަށް ބާރުއަޅާ ތަޢުލީމީ ނިޒާމެއް ޤާއިމުކުރުމެވެ. ޤައުމީ ވާޖިބުތަކަށް އަހުލުވެރި، މުޖުތަމަޢުގައި ޒިންމާދާރު ދައުރެއް އަދާކުރެވޭނެ އުފެއްދުންތެރި އަދި ޤާބިލު ދަރިވަރުން ބިނާކުރުމަށް މަގުފަހިކުރުމެވެ.
މި ގާނޫނުގައި ބުނެފައިވާ ގޮތުން އުނގެނުމުގެ ޙައްޤަކީ، އެއްވެސް ބާވަތެއްގެ ތަފާތު ކުރުމެއްނެތި ވަކި ޢުމުރަކަށް ނުވަތަ ވަކި ޖިންސެއްގެ ބަޔަކަށް ބެލުމެއްނެތި، ޢުމުރުދުވަހަށް ދެމިގެންދާ ޙައްޤެކެވެ.

އުނގެނުމުގެ ޙައްޤަކީ، ޢުމުރުދުވަހަށް ދެމިގެންދާ ޙައްޤެއްކަމުގައިވީ ހިނދު، ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ތަޢުލީމު ހާސިލުކޮށް ނިމުމަށް ފަހުގައިވެސް، އުނގެނުމުގެ ފުރުޞަތުތައް ހުރިހާ ޢުމުރެއްގެ މީހުންނަށް ލިބިދެވޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުވެފައި އޮންނަންވާނެ ކަމަށް ވެސް މި ޤާނޫނުގައި ބުނެފައިވެއެވެ.
ތަޢުލީމުގެ ބިލުގައި ކަށަވަރުކޮށްދީފައި ވަނީ އުމުރުން ހަތަރު އަހަރުން ފެށިގެން 18 އަހަރު ފުރުމާ ހަމައަށް ހިލޭ ތައުލީމް ފޯރުކޮށް ދިނުމަކީ ދައުލަތުގެ ޒިއްމާއެއް ކަމަށެވެ. އަދި ދަރިވަރުން ކިޔަވަން ފޮނުވުމަކީ ބެލެނިވެރިޔާގެ ޒިއްމާއެއް ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމަލުކުރަން ފެށި މަ ޤާނޫނުގައި ވަނީ ދައުލަތާއި ސްކޫލާއި މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލްތަކުގެ އެންމެ އިސްވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައަޅާފައެވެ.
އަދި އެހެންމެ މި ގަނޫނުގައި ބުނެފައިވާ ގޮތުން ތައުލީމު ފޯރުކޮށް ދޭންޖެހެނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންނެވެ. އަދި ތައުލީމު ފޯރުކޮށް ދިނުމަށް ކިޔަވައިދޭ މުދައްރިސުން ވެސް ރަޖިސްޓްރީވެ ޚާއްޞަ ލައިސަންސެއް ނަގަންޖެހެއެވެ.
advertisment
ހިޔާލު