ދިރާސީ އައު އަހަރާއެކު އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމުން ނ. ޅޮހީ ސްކޫލުން ދެކެމުން އައި ޒަމާންވީ ހުވަފެނުގައި ކުލަ ޖެހިއްޖެއެވެ.
" މިއީ ޒަމާންވީ ހުވަފެނެއްގައި ކުލަޖެހުން ކަހަލަ ކަމެއް" އެއް ދަންފަޅިއަށް ކިޔެވުން ފެށުން ސިފަކުރައްވައި، ޕްރިންސިޕަލް އަލީ ޒާހިރު ވިދާޅުވިއެވެ.
މީގެ ކުރިން ޖާގައިގެ ދަތިކަން ޅޮހީ ސްކޫލަށް އިންތިހާއަށް ބޮޑެވެ. ރަސްމީ ތައުލީމުގެ ތެރޭގައި ޕްރީ ސްކޫލް ހިމެނުމާއެކު ތިން ދަންފަޅިއަށް ކިޔަވައިދޭން މަޖުބޫރުވިއެވެ. ހެނދުނު ހައެއް ޖަހާއިރު، ފަށާގޮތަށް ހުއްޓުމެއްނެތި އިރުއޮއްސުމާ ހަމައަށް ހުރިހާ ކުލާހެއް ބޭނުން ކުރަނީ ކިޔަވައި ދިނުމަށެވެ. އިތުރު ހަރަކާތެއް ހިންގާނެ ތަނެއް ނެތެވެ.

" އޭރު މަސައްކަތްތައް ރޭވިފައި އޮތީ ހަޔަކުން ހަޔަކަށް. ހެނދުނު ފަށާގޮތަށް ނޭވާވެސް ލެވޭނީ ހަވީރު ހައެއް ޖަހާ ފަހުން" އަލީ ޒާހިރު ވިދާޅުވިއެވެ. "ތިން ދަންފަޅިއަށް ހިންގަން ޖެހުމުން ކުލާސްތައް ޝެއަރކުރަން ޖެހުމުގެ ޝަކުވާބޮޑު. ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުން ބޭނުންކުރާ ކުލާސްތައް މަތީގުރޭޑްތަކުގެ ކުދިން ބޭނުން ކުރުމުގައި ވެސް ދަތިތަކެއް ދިމާވި"
ޅޮހީ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވީ ހަ ކުލާސްރޫމް ހިމެނޭ ދެ ބުރީގެ އިމާރާތުގެ މަސައްކަތް ނިމި ދިރާސީ އައު އަހަރާއެކު އެ އިމާރާތް ބޭނުން ކުރަން ފެށުމުންނެވެ.

އަލީ ޒާހިރު ވިދާޅުވީ އާ އިމާރާތާއެކު ކޯ ކަރިކިއުލަމްގައި ހިމެނޭ ހަރަކާތްތައް ހިންގުމަށް ޖާގަ ތަނަވަސްވުމުގެ އިތުރުން ކިޔެވުމަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ގާބިލު މުދައްރިސުންނަށް ވަގުތު ލިބިގެންދާނެ ކަމަށެވެ.
ޕްރީ ސްކޫލޫން ފެށިގެން ގުރޭޑް 10އާ ހަމައަށް 161 ދަރިވަރުން އެ ސްކޫލްގައި ކިޔަވަމުން ގެންދެއެވެ.
އަލީ ޒާހިރު ވިދާޅުވީ އާ އިމާރާތާއެކު މިހާރު އެންމެ ބޭނުން ވަނީ އެ ކުލާސްރޫމްތައް ޖިޖިޓަލްކުރަން ކަމަށާއި އެ މަސައްކަތް ވެސް ލަހެއްނުވެ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
advertisment
ހިޔާލު