ސާނަވީން ހޯދި އެއްވަނަ އާއެކު މަތީ ސާނަވީއަށް ދިޔައިރު ވެސް އައްޑޫ ހައި ސްކޫލްގެ ފާތިމަތު ނަބާހާ ހުސައިން އޮތީ ވަކި ޓާގެޓެއް ކަނޑައަޅާފައެވެ. އެއީ ސަރުކާރުން ދޭ ސްކޮލާޝިޕް ހޯދައިގެން ޑަކްޓަރީކަން ކިޔަވަން ރާއްޖެއިން ބޭރަށް ދިއުމެވެ. އެކަން ކުރަން އޭނާ ނިންމީ، މަންމަމެން ލައްވައި މަތީ ތަޢުލީމަށް ޚަރަދު ކުރަން ބޭނުން ނުވެގެންނެވެ.
ދުވަހުން ދުވަހަށް ދެވޭ ފިލާވަޅުތަކާއި މަސައްކަތްތައް ނިންމަން ޚާއްޞަ ސަމާލުކަމެއް އޭނާ ދިނީ އެހެންވެއެވެ. މީހާގެ ވިސްނުމާއި ފިކުރު ހުސްކުރީ ވެސް އެކަމަށެވެ.
" އޭލެވެލް ކިޔެވިއިރު އަބަދުވެސް ޓާގެޓަކީ ސްކޮލާޝިޕް ހޯދުން. އެހެންވެ ފަސް މާއްދާއިން އޭ ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރިން. އިމްތިޙާނު ނިމުނުއިރު ވެސް އެކަން ޙާސިލުވާނެ ކަމުގެ ޔަގީންކަން ކޮންމެ ވެސް ވަރަކަށް އޮތް. އެކަމަކު ރައީސްގެ ސްކޮލާޝިޕަށް އުންމީދެއް ނުކުރަން" ނަބާހާ ބުންޏެވެ.
ޝަރަފުއްދީން ސްކޫލުގެ ވެސް އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވި ނަބާހާ ވަނީ އަށް އޭ ސްޓަރ އާއެކު ސާނަވީން އެއްވަނަ ހޯދާފައެވެ. މަތީ ސާނަވީން އެއް ވަނަ ހޯދީ ހަތް މާއްދާގެ ތެރެއިން ފަސް މާއްދާއިން އޭ ސްޓަރ ހޯދައި، އަނެއް ދެ މާއްދާއިން އޭ ހޯދައިގެންނެވެ. ނަބާހާ ވަނީ ބަޔޮލޮޖީއިން ދުނިޔެއިން ދެވަނަ ވެސް ހޯދާފައެވެ. މި ނަތީޖާއާއެކު ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ނަބާހާއަށް ކަށަވަރު ވިއެވެ.

ނަބާހާ ބުނީ، އޭލެވެލްގެ ސިލަބަސް އޯލެވެލް އަށް ވުރެ ބޮޑުވެފައި ކޮންޓެންޓު ގިނަވުމުން، ސުވާލުތަކަށް ޖަވާބު ދޭން ޖެހޭ ގޮތް ވެސް ވަރަށް ބޮޑަށް ތަފާތު ވާ ކަމަށެވެ. އަދި އޯލެވެލްއާ ޚިލާފަށް އޭލެވެލްގައި ސުވާލަށް "ސްޕެސިފިކް" ކޮށް ޖަވާބު ލިޔުމަށް ވަރަށް ބޮޑަށް ބާރުއަޅާ ކަމަށް ނަބާހާ ބުންޏެވެ.
" އެހެންވެ އެގޮތަށް ޖަވާބު ލިޔާނެ ގޮތާއި މުދައްރިސް ކިޔަވައި ދެއްވާ ގަޑީގައި ރަފް ނޯޓްސް ނަގަން ދަސްކުރިން. ފުރަތަމަ ސެމިސްޓަރގައި އުނދަގޫވި. ފަހުން ހޭނި އޯލެވެލްއަށް ވުރެ އޭލެވެލްގެ ސައިންސް މާއްދާތައް ދެނެގަންނަން ފަސޭހަކަން ފާހަގަވި"
ނަބާހާއަށް ކިޔަވަން ފަސޭހައީ ރޭގަނޑުއެވެ. ކިޔަވަންޖެހޭ ގޮތް އެކި މާއްދާތަކަށް ތަފާތެވެ. އިސްލާމް އާއި ބަޔޮލޮޖީ ބޮޑަށް ދަސްކުރީ ނޯޓްސްތައް އެކިފަހަރު މަތިން ކިޔައިގެންނެވެ. ކެމިސްޓްރީ ފިޒިކްސް އަދި ހިސާބު ދަސްކުރަން ފަސޭހައީ ސުވާލުތައް ވީހާވެސް ގިނައިން ހަދައި، ކްލާހުގައި ނަގާ "ނޯޓްސް"ތައް އިތުރަށް ފުރިހަމަކޮށް އެހެން ފޮތެއްގައި ލިޔެގެންނެވެ.
" ކުލާހުގައި ފިލާވަޅު ބުނެދެއްވާ ވަގުތު ނޯޓްސް ނަގައި އަދި ކޮންމެ ދުވަހަކު ގެއަށް ދިއުމުގެ ކުރިން އޮޅުން ނުފިލާ ބައިތައް މުދައްރިސާ ސުވާލުކޮށް އޮޅުން ފިލުވިން."
ނަބާހާ ބުނީ ކްލާހުގައި ލިބޭ ހުސް ވަގުތުތަކުގައި ނުނިމި ހުންނަ މަސައްކަތްތައް ނިންމައި ގޭގައި ހޯމްވޯކް ހަދަން ހޭދަކުރަންޖެހޭ ވަގުތު މަދުކުރަން މަސައްކަތް ކުރާ ކަމަށެވެ.
" އާ ފިލާވަޅެއް ނަގައިގަންނަން އެންމެ ފަސޭހައީ މުދައްރިސް އެންމެ ފުރަތަމަ ބުނެއްދެއްވާ ގަޑީގައި އަޑުއަހައިގެން. އެހެންވެ ކުރިހާ ކުލާހަކަށް ދިއުމަށް ޚާއްޞަ ސަމާލުކަމެއް ދިނިން. އެއާއެކު މުދައްރިސުން ދެއްވާ ވޯކް ޝީޓްތަކާއި ރިވިޝަން މަސައްކަތްތައް ހެދީ"
ނަބާއަށް އެންމެ ދަތިވީ، ފުރަބަންދުގެ ޙާލަތުގައި އޮންލައިންކޮށް ކިޔަވަން ޖެހުމުންނެވެ. އޮންލައިން ކްލާސްތައް އުނދަގޫވި މައިގަނޑު ސަބަބަކީ މުދައްރިސުންނާއި މުޢާމަލާތުކޮށް ނޭނގޭ އެއްޗެއް އޮޅުންފިލުވަން ދަތިވުމުންނެވެ.

ނަބާހާ ބުނީ، ކިޔެވުމުގައި އެންމެ ފަސޭހަވީ ހުރިހާ މާއްދާއަކުން ވެސް ޤާބިލު އަދި ވަރަށް ރަނގަޅު މުދައްރިސުން ކިޔަވާ ދެއްވީތީއެވެ.
" އަޅުގަނޑުގެ ކްލާހުގައި އެކަކު އަނެކަކަށް އެހީތެރިވެ ކިޔެވުމަށް ބާރުއަޅާ މާޙައުލެއް އޮތުމުން އަޅުގަނޑަށް ހިތްވަރު ލިބުނު. އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ނަސީބެއް"
އޭލެވެލްއާ ހިސާބަށް ނަބާހާ ކިޔެވީ އެއްވެސް ޓިއުޝަނެއް ނުނަގައެވެ. އެކަމަކު އެޑެކްސެލް އިމްތިޙާނު ފެށުމުގެ އެއް މަސް ކުރިން ސްކޫލްގައި ހިސާބު އަދި ފިޒިކްސް ކިޔަވައި ދެއްވި މުދައްރިސުންގެ ކައިރިން ޓިއުޝަން ނެގިއެވެ. އެއީ ގޭގައި އެ ދެ މާއްދާއަށް އެކަށީގެންވާ މިންވަރަށް ވަގުތު ނުދެވޭކަން އިޙްސާސް ކުރެވިގެންނެވެ.
ކްލާހުގައި އެހެން ކުދިންނާއި މަޝްވަރާކޮށް، މަސައްކަތްތައް ނިންމުމަކީ ވަރަށް ފައިދާ ހުރި ކަމެއް ކަމަށް ނަބާހާ ދެކެއެވެ. އެއީ އެގޮތަށް ކުރާ މަޝްވަރާގެ ތެރެއިން ނުބައިކޮށް ދަސްވެފައި ހުންނަ އެއްޗެހި ދެނެގަނެވި ރަނގަޅު ކުރެވޭތީއެވެ. އަދި އެހެން ކުދިންނަށް ތިމާއަށް އެނގޭ އެއްޗެހި ބުނެދިނުމުން ހަނދާނުގައި ހަރުލައްވަން ފަސޭހަވަ ވާތީއެވެ.
އޭލެވެލްގައި ކިޔެވި ގާތް އެކުވެރިންނަކީ އޭނާގެ ކާމިޔާބީގައި މުހިންމު ރޯލެއް އަދާ ކުރި ބައެއް ކަމަށް ނަބާހާ ދެކެއެވެ.
" އެކަކު އަނެކަކަށް ނޭނގޭ އެއްޗެހި އޮޅުންފިލުވައިދީ އެއްވެސް ވާދަވެރިކަމެއް ނެތި އެއް ލަނޑުދަނޑިއަކާ ދިމާލަށް އަޅުގަނޑުމެން މަސައްކަތް ކުރީ. އަދި އަޅުގަނޑުގެ އަމިއްލަ ޤާބިލުކަމާ މެދު ޝައްކު އުފެދި ހިތްވަރު އެލޭ ކޮންމެ ފަހަރަކު އަޅުގަނޑަށް އެކަން ވާނެކަމުގެ ޔަގީންކަންދީ ހިތްވަރު ދިން ބައެއް އަޅުގަނޑުގެ އެކުވެރިންނަކީ"
ނަބާހާ ބުނީ، މަންމައާއި ބައްޕަގެ ފަރާތުން ކިޔެވުމުގެ ހުރިހާ ކަމަކަށް ފުރިހަމަ ސަޕޯޓް ލިބުނު ކަމަށާއި ބޭނުންވާ އެއްޗެހި ހަމަކޮށްދީ، ސްކޫލަށް ގަޑިއަށް ގެންގޮސްދީ، ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށް އިތުބާރުކޮށް އެންމެ ބޮޑަށް ހިތްވަރު ދިން ބަޔަކީ މައިންބަފައިންގެ އިތުރުން މާމަ އާއި މާފަ ކަމަށެވެ.
" ކިޔެވުމުގައި މޮޅުވުމަށް ވުރެ އަޚްލާޤް ރަނގަޅު މީހެއްގެ ގޮތުގައި ބޮޑުވުން މުހިންމު ކަމަށް ބުނެ އަބަދުވެސް ނަސޭހަތް ދެއްވާ. އަދި އަޅުގަނޑުގެ ކޮއްކޮމެންނާއި ޢާއިލާގެ އެހެންމީހުންގެ ފަރާތުން ވެސް އެހީތެރިކަން ލިބުނު"
ނަބާހާ ބުނީ، ނަމާދަށް ފަހު، ކިޔެވުމުގައި ކާމިޔާބު ދެއްވުމަށް އެދި ދުޢާ ކުރިކަމަށެވެ. މައިންބަފައިންނާއި މުދައްރިސުން ފަދަ ހެޔޮ އެދޭ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން އޭނޭ ފާހަގަކުރަނީ ޝުކުރުވެރިކަމާ އެކުގައެވެ.
advertisment
ހިޔާލު