ޔަންގް ލީޑާސް އޮފް މާލެ އޯޕަން ކޮމްޕެނީގެ އިސްނެގުމާއެކު އުމުރުން ދުވަސްވީ މީހުންނަށް "ކާމިނީ"ގެ ނަމުގައި ޑިޖިޓަލް ޕްލެޓްފޯމެއް

ޢާއިޝަތު މައިހާ މާހިރު

މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުގެ 'ޔަންގް ލީޑާސް އޮފް މާލެ އޯޕަން ކޮމްޕެނީ' ގެ ޒުވާނުން އިސްނަގައިގެން، އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ 'ކާމިނީ' މަޝްރޫއު ކުރިއެރުވުމަށްޓަކައި ޖަވާބު އަދި މެސެޖްއައުލްއާއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ. މި އެމްއޯޔޫގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ ނޮވެމްބަރު މަހުގެ 18 ވީ ބުދަ ދުވަހުއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެ ޒުވާނެއްގެ މެދުގައި ދެކެވުނު ވާހަކައަކުން ފެށިގެން އައި މި ޚިޔާލު ހަގީގަތަކަށް ހަދައި، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަރުގަދަ ޕާޓްނަޝިޕްތަކެއް ގާއިމުކުރުމެވެ. އެގޮތުން، ޖަވާބު ކުންފުނީގެ އިޖުތިމާއީ ޒިންމާ (ސީ.އެސް.އާރް) ގެ ދަށުން ވަނީ 'ކާމިނީ' ވެބްސައިޓް އެއްކޮށް ފަރުމާކޮށްދީފައެވެ.

އަދި ހަމައެފަދައިން، މެސެޖްއައުލް އިން ވެސް އެ ކުންފުނީގެ ސީ.އެސް.އާރްގެ ދަށުން ވަނީ މި ޕްލެޓްފޯމަށް ބޭނުންވާ އެސް.އެމް.އެސް މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. މީގެ ސަބަބުން މުހިންމު ނޮޓިފިކޭޝަންތަކާއި މައުލޫމާތުތައް ބޭނުންކުރާ ފަރާތްތަކަށް އަވަހަށް ފޯރުކޮށްދެވޭނެއެވެ.

"ކާމިނީ" މަޝްރޫއަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޑިޖިޓަލް ދުނިޔޭގައި އެއްވެސް އުމުރުން ދުވަސްވީ މީހަކީ ބާކީވެފައިވާ މީހެއް ކަމަށް އިހުސާސް ނުކުރެވޭނެ ފަދަ މާހައުލެއް ބިނާކުރުމަށް ފެށި މަސައްކަތެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އުމުރުން ދުވަސްވީ ފަރާތްތަކުގެ ދިރިއުޅުމުގެ އެކި ބޭނުންތަކަށް ބޭނުންވާ އެހީތެރިކަން ފަސޭހައިން ހޯދައިދެވޭނެ މަގު ފަހިވެގެންދާއިރު، އާއިލާތަކަށް އެބޭފުޅުންގެ އުމުރުން ދުވަސްވީ މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ބޭނުންވާ އިތުރު އަޅާލުން އެއް ފުރާޅެއްގެ ދަށުން ހޯދައިދިނުމުގެ ހިތްހަމަޖެހުން ލިބިގެންދާނެއެވެ. މީގެއިތުރުން، މުޖުތަމައަށް ޚިދުމަތްކުރަން ބޭނުންވާ ވޮލަންޓިއަރުންނަށް ވެސް ހިލޭސާބަހަށް މަސައްކަތްކުރުމުގެ މާނަހުރި އަދި އިންތިޒާމުވެފައިވާ ފުރުސަތުތަކެއް މި ނިޒާމުގެ ތެރެއިން ހުޅުވިގެންދާނެއެވެ.

މި ތިން ގްރޫޕް އެއް ޕްލެޓްފޯމަކުން ގުޅުވައިދިނުމަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތައް ބައްދަލުކުރުވުމުގައި ހުރި ދަތިތައް ނައްތާލައި، ޖީލުތައް ގުޅުވައިދޭ ވަރުގަދަ ފާލަމަކަށް މި މަޝްރޫއު ވެގެންދާނެ ކަމެކެވެ. މިއީ ޒުވާނުން އިސްނަގައިގެން ހިންގާ ހަރަކާތްތަކާއި އަމިއްލަ މުއައްސަސާތައް ގުޅިގެން މުޖުތަމައަށް ހެޔޮ ބަދަލެއް ގެނެވިދާނެކަމުގެ ފުރިހަމަ މިސާލެކެވެ.

"ކާމިނީ" ޓީމުން ފާހަގަކުރި ގޮތުގައި، މި ދަތުރުގެ އެންމެ ފަޚުރުވެރި އަދި އުފާވެރި ވަގުތަކީ، އެތައް މަހެއްގެ ބުރަ މަސައްކަތާއި ގޮންޖެހުންތަކަށްފަހު، 21 ނޮވެމްބަރު 2026 ގައި ބޭއްވި "ގައިޑިންގ ޖެނެރޭޝަން ފެސްޓް" ގައި މި ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށް އާންމުންނަށް ހުޅުވާލެވުނު ވަގުތެވެ.

މިއީ ހަމައެކަނި ވެބްސައިޓެއް ތައާރަފުކުރުން ނޫން ކަމަށާއި، މިއީ އަޅުގަނޑުމެންގެ މުޅި ހަޔާތް ބިނާކޮށްދިނުމަށްޓަކައި ގުރުބާންވި އަގުހުރި ޖީލަށް، ލޯތްބާއި އޯގާތެރިކަމާއެކު އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށް އެ ފަރާތުން ބުންޏެވެ. އަދި މިއީ ޖީލުތައް ގުޅުވައިދީ، އުމުރުން ދުވަސްވީ ބޭފުޅުންނަށް އަޅާލުމުގެ އައު ބާބެއް ހުޅުވައިދިން "’ކާމިނީ" މަޝްރޫއުގެ އުއްމީދީ ފެށުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *