ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން، ޖިނާއީ ޢަދާލަތުގެ ދާއިރާއިން މުޅިން އައު ޑިގްރީ ޕްރޮގްރާމެއް ކަމަށްވާ ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް ތަޢާރަފުކޮށްފިއެވެ. ތިން އަހަރުގެ މި ޕްރޮގްރާމަކީ، މި ދާއިރާގެ އެކި ވަޒީފާތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. 2027 ވަނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް، މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
މި ޕްރޮގްރާމް ތަޢާރަފުކުރުމާ ގުޅިގެން ވާހަކަދައްކަވަމުން، ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. ޢަލީ ނަޖީބު ވިދާޅުވީ: "ރައްކާތެރި އަދި ޢަދުލުވެރި މުޖުތަމަޢެއް ބިނާކުރުމުގައި، ޖިނާއީ ޢަދާލަތުގެ ނިޒާމުގެ ދައުރު ވަރަށް މުހިންމު. އެ ނިޒާމު ފުރިހަމައަށް ހިނގުމަށް ބޭނުންވަނީ، ޢިލްމާއި ހުނަރު ލިބިފައިވާ، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ޕްރޮފެޝަނަލުން. ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް ތަޢާރަފުކުރުމަކީ، އެފަދަ ޕްރޮފެޝަނަލުން ރާއްޖޭގައި ތަމްރީނުކުރުމަށް ވިލާ ކޮލެޖުން އަޅާ މުހިންމު ފިޔަވަޅެއް. މި ދާއިރާއަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް، މި ޕްރޮގްރާމަށް ކުރިމަތިލުމަށް އަޅުގަނޑު ދަޢުވަތު ދެން."
ޕްރޮގްރާމުގެ ތަފްޞީލު
މި ޕްރޮގްރާމުގައި، ކްރިމިނަލް ލޯ، ކްރިމިނޮލޮޖީ، ފޮރެންސިކް ސައިންސް އަދި ޑިޖިޓަލް ފޮރެންސިކްސް ފަދަ މާއްދާތަކުގެ ތިއަރީ އާއި އެކު، ޢަމަލީ ހުނަރު ވެސް ދަރިވަރުންނަށް ދަސްކޮށްދެވޭނެއެވެ. ތަޙްޤީޤުކުރުމާއި، ހެކި ހޯދުމާއި، މައްސަލަތައް ޙައްލުކުރުމުގެ ހުނަރު ކުރިއެރުވުމަކީ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒުތަކުގެ ތެރެއިން އެއް އަމާޒެވެ. ކްރިމިނަލް ޕްރޮސީޖަރ، ލޯ އޮފް އެވިޑެންސް، ޕޮލިސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ވިކްޓިމޮލޮޖީ އަދި ކްރައިމް ޕްރިވެންޝަން ސްޓްރެޓެޖީސް ފަދަ މާއްދާތައް ވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ.
ޕްރޮގްރާމުގައި އިންސާނީ ޙައްޤުތަކާއި އެތިކަލް ސްޓޭންޑަރޑްތަކަށް ޚާއްޞަ ސަމާލުކަން ދެވިގެންދާއިރު، ހިއުމަން ރައިޓްސް އެންޑް ކްރިމިނަލް ޖަސްޓިސް އަދި ލީގަލް އެތިކްސް އެންޑް ޕްރޮފެޝަނަލް ރެސްޕޮންސިބިލިޓީ ފަދަ މާއްދާތައް ވެސް ހިމެނެއެވެ. މީގެ އިތުރުން، ޔޫތު އެންޑް ޑެލިންކުއެންސީ، ސަބްސްޓެންސް އެބިއުސް އެންޑް ކްރިމިނަލް ޖަސްޓިސް، ކަރެކްޝަންސް އެންޑް ރިހެބިލިޓޭޝަން އަދި ޖެންޑަރ އެންޑް ކްރައިމް ފަދަ މާއްދާތަކުގެ ތެރެއިން، މުޖުތަމަޢާ ސީދާ ގުޅުންހުރި މައްސަލަތައް ވެސް ދަރިވަރުން ދިރާސާކުރާނެއެވެ.
ކްލާސްރޫމްގައި ކިޔަވައިދިނުމާއި، ޢަމަލީ ތަޖުރިބާއާއި، ކޮމިއުނިޓީ ހަރަކާތްތަކުގެ ތެރެއިން، ޖިނާއީ ޢަދާލަތުގެ ނިޒާމު މަސައްކަތްކުރާ ގޮތް ދަރިވަރުން ދަސްކުރާނެއެވެ. ޕްރޮގްރާމުގެ ކްރެޑިޓްގެ 70 އިންސައްތަ ފުރިހަމަކުރުމަށްފަހު، ކެޕްސްޓޯން ޕްރޮޖެކްޓެއް ނުވަތަ އިންޓާންޝިޕެއް ދަރިވަރުންނަށް އިޚްތިޔާރުކުރެވޭނެއެވެ. މި ދާއިރާގައި ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކަށް ދަރިވަރުން ތައްޔާރުކުރުމަށް، ސަސްޓެއިނަބިލިޓީ އަދި އޭ.އައި އާއި ޑޭޓާ އެނަލިޓިކްސް ވެސް ކިޔަވައިދެވޭނެއެވެ. އަދި ޖިނާއީ ޢަދާލަތުގެ ނިޒާމު އިޞްލާޙުކުރުމާ ގުޅޭ ސިޔާސަތު އެކުލަވައިލުމާއި އެޑްވޮކެސީގެ މަސައްކަތަށް ވެސް ދަރިވަރުން ތައްޔާރުކޮށްދެވޭނެއެވެ. އަދި ސްޓްރީޓް ލޯ ފަދަ އެކްސްޕީރިއެންޝަލް ލާރނިންގ (ޢަމަލީ ތަޖުރިބާގެ ތެރެއިން އުނގެނުމުގެ) މޮޑިއުލްތައް ކަރިކިއުލަމްގެ ތެރޭގައި ހިމެނިފައި ވުމުން، މި ޕްރޮގްރާމް ކިޔަވާ ދަރިވަރުންނަށް، ސްކޫލުތަކާއި މުޖުތަމަޢުގައި ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމުން ދަސްވެނިވާ ދަރިވަރުންނަށް، ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ޤާނޫނީ މުއައްސަސާތަކާއި، ކޮމިއުނިޓީ އޮރގަނައިޒޭޝަންތަކުގައި، ޢާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އޭގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ފަދަ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރެވޭނެއެވެ. މި ޕްރޮގްރާމުގެ ފަހު ސެމިސްޓަރުގައި ހިންގޭ "ގްރެޖުއޭޓް އިމްޕެކްޓް ސެމިސްޓަރ" ގެ ތެރެއިން، މުޖުތަމަޢަށް ޢަމަލީ ގޮތުން ފައިދާހުރި މަސައްކަތްތައް ކުރުމުގެ ފުރުޞަތު ވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ.
• މުއްދަތު: 3 އަހަރު
• ކިޔަވައިދޭ ގޮތް: އީ-ލާރނިންގ އަދި ފޭސް-ޓު-ފޭސް
• އިލެކްޓިވް: ޕްރޮގްރާމުގެ ކްރެޑިޓްގެ 70 އިންސައްތަ ފުރިހަމަކުރުމަށްފަހު، ކެޕްސްޓޯން ޕްރޮޖެކްޓެއް ނުވަތަ އިންޓާންޝިޕެއް
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން، އުސްތާޛާ އަސްނާ އަޙްމަދު ވިދާޅުވީ: "މި ޕްރޮގްރާމުން، ޖިނާއީ ޤާނޫނާއި ކްރިމިނޮލޮޖީގެ އިތުރުން، ތަޙްޤީޤުކުރުމާއި މައްސަލަތައް ޙައްލުކުރުމުގެ ޢަމަލީ ހުނަރު ވެސް ދަރިވަރުންނަށް ލިބިގެންދާނެ. ޑިޖިޓަލް ފޮރެންސިކްސް އާއި ޑޭޓާ އެނަލިޓިކްސް ފަދަ ދާއިރާތައް ހިމަނާފައިވަނީ، މިއަދުގެ ގޮންޖެހުންތަކަށް ދަރިވަރުން ތައްޔާރުކުރުމަށް. މިއީ، ޖިނާއީ ޢަދާލަތުގެ ދާއިރާގައި މިހާރު ޚިދުމަތްކުރާ ފަރާތްތަކަށް އެމީހުންގެ ޤާބިލުކަން އިތުރަށް ކުރިއެރުވުމަށާއި، މި ދާއިރާއިން ކެރިއަރއެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ތައްޔާރުވުމަށް ލިބޭ ރަނގަޅު ފުރުޞަތެއް."
ވަނުމަށް ބޭނުންވާ ޝަރުޠުތައް
• ޖެނެރަލް އެންޓްރީ: ޖީ.ސީ.އީ އޭ-ލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގައި 2 މާއްދާއިން ފާސްވުން (އޭ-ލެވެލްގައި E ނުވަތަ އެއަށްވުރެ މަތި، އެޗް.އެސް.ސީ ގައި C ނުވަތަ އެއަށްވުރެ މަތި)، ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން، ނުވަތަ މި ޕްރޮގްރާމަށް ވަނުމަށް ފާސްކޮށްފައިވާ ލެވެލް 4 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
• އޯލްޓަރނޭޓިވް އެންޓްރީ (1): ޢުމުރުން 20 އަހަރު ފުރި، ސާނަވީ ތަޢުލީމު ފުރިހަމަކޮށް، ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު މަސައްކަތްކޮށްފައިވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
• އޯލްޓަރނޭޓިވް އެންޓްރީ (2): ޢުމުރުން 20 އަހަރު ފުރި، ގުޅުމެއްނެތް ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވާނަމަ، އެމް.ކިއު.އޭ އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
އިތުރު މަޢުލޫމާތު
ޕްރޮގްރާމާ ބެހޭ އިތުރު މަޢުލޫމާތު، ވިލާ ކޮލެޖާ ގުޅުއްވައިގެން ލިބިވަޑައިގަންނަވާނެއެވެ.
• އެޕްލިކޭޝަން ހުށަހެޅޭނެ އެންމެ ފަހު ތާރީޚު: 26 ޑިސެމްބަރު 2026
• ވެބްސައިޓް: www.villacollege.edu.mv
• ފޯނު: 3303200
• އީމެއިލް: info@villacollege.edu.mv
advertisment
ހިޔާލު