ހުރިހާ ސްކޫލެއްގެ މުދައްރިސުންނަށް އަންނަ އަހަރު ކޮމްޕިއުޓަރު ފޯރުކޮށްދެނީ

ސަރުކާރުގެ ހުރިހާ ސްކޫލެއްގައި މަސައްކަތް ކުރާ ހުރިހާ މުދައްރިސުންނަށް އަންނަ އަހަރު ކޮމްޕިއުޓަރު ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ތައުލީމާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމް މުދައްރިސުންނަށް ފޯރުކޮށްދެނީ، މުދައްރިސުންގެ މަސައްކަތުގެ ބުރަ ކުޑަކޮށް، ކިޔަވައިދިނުމުގެ މާހައުލު ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ވަޒީރު ވިދާޅުވީ، މިދިޔަ މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒުއާ ހިއްސާކުރައްވާފައިވާނެ ކަމަށާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރުތައް ހޯއްދެވުމުގެ މަސައްކަތް ކުރިއަށް ގެންދަވަން އެމަނިކުފާނު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

"ސްކޫލުތަކުގައި ކޮންމެ މުދައްރިސަކަށް ކޮމްޕިއުޓަރެއް ޤާއިމުކުރެވިފައި ނުހުރޭ. އެހެން ދާއިރާތަކާ ޚިލާފަށް އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވިފައި އޮތް ކަމެއް އެއީ" ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ މުދައްރިސަކަށް ވެސް އެ މުދައްރިސަކު މަސައްކަތް ކުރަން ބޭނުންވާ މެޝިނަރީޒު ކޮންމެ ސްކޫލެއްގައި ޤާއިމް ކުރުމުގެ މަސައްކަތް މި އަހަރު ނިމުމާއެކު  ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ޓީޗަރުންގެ ބޮޑު އާބާދީއަކީ އަންހެނުން ކަމަށްވުމާއެކު ގޭތެރޭގެ ޒިންމާތަކާއި ދަރިން ބެލުމުގެ ކަންކަން އުފުލަންޖެހޭ މިންވަރު އިތުރުވެފައިވާއިރު، ސްކޫލުތަކުގައި މަސައްކަތް ކުރަންޖެހޭ ވަގުތު ކުޑަކުރުން މުހިންމު ކަމަށެވެ. އަދި މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ތަމްރީނުތައް ހިންގަވަމުން ގެންދަވާ ކަމަށް ވެސް ވަޒީރު ވަނީ ރޭ ވިދާޅުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *