ތިންބެއިން އެކުގައި ކިޔެވީ ގޮންޖެހުން ބޮޑު އުނދަގޫ ހާލަތެއްގައި، ތިންބެއިންގެ ވެސް ދުއާއަކަށްވީ އެމީހުންގެ ކާމިޔާބީ ދެކެން މަންމައާއި ބައްޕަ ދުނިޔޭގައި ތިބުން
އެއް އާއިލާއެއްގެ ތިންބެއިން އެކުގައި، އެއް ދާއިރާއަކުން ކިޔަވައިގެން ދަސްވެނިވުމަކީ މަދުން ނޫނީ ނުފެންނަ ވަރަށް ޚާއްޞަ އަދި އަގުހުރި ކާމިޔާބީއެކެވެ. ގޮންޖެހުންތަކާއި ދަތި އުނދަގޫތަކުން ފުރިގެންވި ހާލަތްތަކުގައި ވެސް ކެތްތެރިކަމާއެކު އެކުގައި ކިޔަވައި، ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކޮށް، ސ. މީދޫ، ރަބީޢުގެއަށް ތިންބެއިން މިވަނީ ބޮޑު އުފަލަކާއި ޝަރަފެއް ހޯދައިދީފައެވެ.
އަށް ކުދިން ތިބި އެ އާއިލާއަށް މި ފަޚުރުވެރި ކާމިޔާބީ ހޯދައިދިނީ އެގޭ ނާޒިމާ ޙަސަނާއި، ޙައްވާ ނާޞިރާ ޙަސަންގެ އިތުރުން ނާދިޔާ ޙަސަނެވެ. މި ތިންބެއިންގެ މި ކާމިޔާބީއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ، މަންމައާއި ބައްޕަގެ ހާޒިރުގައި މި އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ނަސީބު މިންވަރުވުމުންނެވެ.

"އަޅުގަނޑުމެން ތިންބެއިންގެ އަބަދުގެ ވެސް ދުޢާއަކީ، ކޯސް ނިންމައި މި ކާމިޔާބީ ފާހަގަކުރާ މަންޒަރު ދެކުމަށް ލޮބުވެތި މަންމައާއި ބައްޕަގެ އުމުރުގައި ބަރަކާތްލައްވައި ދުނިޔޭގައި ލެހެއްޓެވުން،" ނާޒިމާ ކިޔައިދިނެވެ.
ނާޒިމާ ފާހަގަކުރި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވުނު ދަސްވެނިވުމުގެ ރަސްމިއްޔާތަށް މައިންބަފައިންގެ ސިއްޙީ ހާލަތު ހުރި ގޮތުން ދެވޭގޮތެއް ނުވިއެވެ. ނަމަވެސް، ރަސްމިއްޔާތު ނިމުމާއެކު ތިންބެއިން ވަގުތުން ދިޔައީ މައިންބަފައިން ގޮވައިގެން ލޮނުޒިޔާރަތް ޕާކަށެވެ. އެތަނުގައި ފޮޓޯނަގައި، އެ ކާމިޔާބީގެ އުފާ އެންމެ ފުރިހަމަ ގޮތުގައި މަންމައާއި ބައްޕައާ ހިއްސާކުރިއެވެ.

ތަޢުލީމީ ޙަޔާތުގެ ފެށުމަށް ބަލާއިރު، އޭރުގެ ހާލަތު ހުރިގޮތުން ނާޒިމާ 54އ، އޭނާގެ ދައްތަ ނާދިޔާ 60އ، އަދި ކޮއްކޮ ނާޞިރާ 51އ، އަށް ރަށުގައި ތިބެގެން ކިޔެވުނީ އެންމެ ގްރޭޑް 7 އާ ހަމައަށެވެ. ރަށުން ބޭރަށް ގޮސް މީހުންގެ ގޭގޭގައި ހުރެގެން ކިޔެވުމުގެ ވިސްނުމަކަށް ބައްޕަ ތާއީދެއް ނުކުރިއެވެ. އެހެންކަމުން ކިޔެވުމަށް ކިތަންމެ ބޮޑު ޝައުޤުވެރިކަމެއް ހުރި ނަމަވެސް، އެ ދުވަސްވަރު އިތުރަށް ކުރިއަށްދެވޭނެ މަގު އޮތީ ބަންދުވެފައެވެ.

ފަހުން، ލިބުނު ފުރުޞަތެއްގައި ރައްޓެއްސެއްގެ އެހީތެރިކަމާއެކު ނާޒިމާ ދާރުލް ޤުރްއާން ވައްސުއްނާ ޤުރުއާން ކްލާހަކާ ގުޅުނެވެ. އެއީ ޓީވީއެމްގެ 'އަލިގަދަ ތަރި' މުބާރާތުގެ އެއްވަނަ ހޯއްދެވި ޤާރީ ޙުސައިން ޒާހިރުގެ ޤުރްއާން ކްލާހެވެ. އެ ކްލާހުން އަރަބި ބަހާއި ޤުރުއާން ދަސްކުރަމުން ދަނިކޮށް، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކިޔެވުން މެދުކެނޑުނެވެ. އޭގެ ފަހުން މާލެއަށް ކުރި ދަތުރެއްގައި، އިސްލާމީ ޔުނިވަރސިޓީން ހިންގި ކޯސްތަކުގައި ބައިވެރިވެ، ޤުރުއާން ލެވެލް 1 އިން ފެށިގެން 3 އާ ހަމައަށް ފުރިހަމަކުރިއެވެ.
އޭރު އޭނާގެ ދައްތައާއި ކޮއްކޮ ވެސް ވަނީ ލެވެލް 3 ނިންމާފައެވެ. އެހެންކަމުން ނާޒިމާގެ ބުރަ މަސައްކަތާއި ހިތްވަރުން، ތިންބެއިން އެކުގައި ލެވެލް 4 ފުރިހަމަކުރިއެވެ. ލެވެލް 4 ނިންމާފައި ކިޔެވުން ދައްތަ ހުއްޓާލި ނަމަވެސް ނާޒިމާއާއި އޭނާގެ ކޮއްކޮ 5 ވަނަ ދަރަޖަ ވެސް ނިންމިއެވެ.
ކިޔެވުމަށް އިސްކަން ދިން ތިންބެއިން އެކުގައި ކިޔެވުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ފަހިވީ އައިޔޫއެމްގެ މީދޫ ކެމްޕަހުގައި އަލަށް ފެށި ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ޕްރޮގްރާމުންނެވެ.

ނާޒިމާ ކޮންމެ ބުރާސްފަތި ދުވަހެއްގެ ހަވީރު ހިތަދޫން މީދޫއަށް ދަތުރުކޮށް، ހަފުތާ ބަންދުގައި ކިޔެވުމަށްފަހު އެނބުރި އަންނަނީ ހޮނިހިރު ދުވަހުގެ ރޭގައެވެ. ފަހުން އޭނާ މުޅިން ރަށަށް ދިރިއުޅުން ބަދަލުކުރިއެވެ.
ކިޔެވުމުގެ މުއްދަތުގައި އާއިލާއަށް ކުރިމަތިވި އެންމެ ބޮޑު އިމްތިޙާނަކީ މައިންބަފައިންގެ ބަލިހާލަތެވެ. ކޯސް ފެށުނު ދުވަހު ބައްޕަގެ ހާލުކޮޅު ސީރިއަސްވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ. ފަހުން މާލެ ގެންގޮސް ޕޭސްމޭކަރެއް ލައްވަން ޖެހުނެވެ. އޭގެ އިތުރުން މަންމައަށް ވެސް ކިޑްނީގެ މައްސަލަތަކެއް ކުރިމަތިވިއެވެ. ނަމަވެސް، ކޮއްކޮ މާލޭގައި ބައްޕަގެ ޚިދުމަތުގައި ހުރެ، ބަންދު ދުވަސްތަކުގައި ރަށަށް އައިސް ކްލާސްތަކުގައި ބައިވެރިވަމުން ދިޔައީ އާދަޔާޚިލާފު ހިތްވަރަކާއެކުގައެވެ.

ނާޒިމާ ފާހަގަކުރި ގޮތުގައި، މި ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް ތިންބެއިން އެކަކު އަނެކަކަށް ދިން އެއްބާރުލުމާއި، އޭނާގެ ފިރިމީހާގެ ފަރާތުން ލިބުނު ފުރިހަމަ އެހީތެރިކަމަކީ މި ކާމިޔާބީގެ އަސްލެވެ.
އާއިލާގެ އެންމެންނަކީ ވެސް މުޖުތަމައަށް ފައިދާހުރި ޚިދުމަތްތެރިންނެވެ. ދޮށީ ބޭބެއަކީ އިމާމެކެވެ. ދެން ހުރީ މެކޭނިކެކެވެ. އަދި ދެ ފިރިހެން ކޮއްކޮ ޚިދުމަތް ކުރަނީ ފުލުހުންގެ މުއައްސަސާގައެވެ.
މުޅި އާއިލާގެ ދިރުމަކީ ލޮބުވެތި މައިންބަފައިންކަން ފާހަގަކުރަމުން ނާޒިމާ ބުނީ، ދަތި އުނދަގޫ ހާލަތްތަކުގައި ވެސް މައިންބަފައިން އެ ދަރިންނަށް ދެއްވި އިސްލާމީ ތަރުބިއްޔަތާއި ތައުލީމަކީ، މިއަދު އެ އާއިލާއަށް ލިބިފައިވާ އެންމެ އަގުބޮޑު ނިޢުމަތް ކަމަށެވެ.
advertisment
ހިޔާލު