ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން "ރިވެލި އެވޯޑު" އަމީނިއްޔާއަށް

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާއިން "ރިވެލި އެވޯޑު" އަމީނިއްޔާ ސްކޫލަށް ލިބިއްޖެއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި މި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި، އެވޯޑު ޙާޞިލުކުރި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ.

މި ދާއިރާތަކުން ޖުމްލަ 25 ފަރާތަކުން ނަން ހުށަހަޅާފައިވާއިރު، މިއަހަރުގެ ރިވެލި އެވޯޑު ޙާޞިލުކުރީ 8 ފަރާތަކުންނެވެ. އެއީ:

1. ޢަލީ ސަމީމް، ހދ. ކުރިނބި / ރިހިވެލި (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

2. މުޙައްމަދު ނާހިލް ސަލާމް، ސ. މަރަދޫ / އަސްރުމާގެ(ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

3. ޢާއިޝަތު ޝަފީޤު، ހ. ޝަފީޤުގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

4. ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު، ށ. ބިލެތްފަހި / ހަވީރީނާޒް (އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

5. އަމީނިއްޔާ ސްކޫލް (ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)

6. ފާޠިމަތު މުޙައްމަދު، ހދ. ކުޅުދުއްފުށި / އަލްފާ (ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ)

7. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާ)

8. ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ)

މީގެއިތުރުން، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރުމާ ގުޅިގެން، އެ ތާރީޚީ ކާމިޔާބީ ފާހަގަކޮށް، އަގުވަޒަންކުރުމުގެ ގޮތުން އިސްމާޢީލް ރާހިލް ށ.ކޮމަންޑޫ, އެންދެރިމާގެއަށް މިނިސްޓްރީން ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން އެވޯޑް ލިބުނު އަމީނިއްޔާ ސްކޫލަކީ އަންހެން ދަރިވަރުންނަށް ޚާއްޞަކޮށްގެން 1944 ވަނަ އަހަރު ތަޢުލީމު ދޭން ފެށި ސްކޫލެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު މުޅި މުޖުތަމަޢު ޝާމިލުވާނޭހެން ތަޢުލީމު ފޯރުކޮށްދިނުމުގައި އަބަދުވެސް އިސް ސަފުގައި ހަރަކާތްތެރިވާ ސްކޫލެކެވެ. ވަކިން ޚާއްޞަކޮށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތަޢުލީމީ އަދި އިޖުތިމާޢީ ކުރިއެރުމަށާއި، އެ ކުދިން މުޖުތަމަޢުގައި ބައިވެރިކުރުމަށް އަމީނިއްޔާ ސްކޫލުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

އެގޮތުން، ދެޖިންސުގެ ކުދިން ހިމެނޭހެން، ނުކުޅެދުންތެރިކަން ހުންނަ 196 ދަރިވަރުން މިހާރުވެސް ދަނީ އެ ސްކޫލުގައި ތަޢުލީމު ޙާޞިލުކުރަމުންނެވެ. މި ދަރިވަރުންގެ އުނގެނުމުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށާއި، ކޮންމެ ކުއްޖެއްގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 38 މުވައްޒަފުންގެ ހީވާގި ޓީމަކުން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ގެންދެއެވެ.

ހަމައެހެންމެ، އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އެންމެ އެކަށޭނަ ތަޢުލީމެއް ފޯރުކޮށްދިނުމުގައި އަމީނިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ފިޔަވަޅު އެޅި ސްކޫލެވެ. އެގޮތުން، އިންޑިވިޖުއަލައިޒްޑް ކަރިކިއުލަމް ޕްލޭން (އައި.ސީ.ޕީ) ތައްޔާރުކޮށް، ދަރިވަރުންގެ ހުންނަ ނުކުޅެދުންތެރިކަމުގެ ބާވަތަށާއި ފެންވަރަށް ރިޢާޔަތްކޮށްގެން ތަޢުލީމު ފޯރުކޮށްދޭން ފެށި ފުރަތަމަ ސްކޫލަކީ އަމީނިއްޔާ ސްކޫލެވެ. މިއީ ރާއްޖޭގެ ޝާމިލު ތަޢުލީމީ ނިޒާމަށް ގެނެވުނު އިންގިލާބީ ބަދަލެއްކަން ޔަޤީނެވެ.

ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުމަށާއި، އެފަރާތްތަކާއި މެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޚާއްޞަ ވީޑިއޯތައް އުފައްދައި، މީސްމީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް އާންމު ކުރުމުގެ އިތުރުން، އަމީނިއްޔާ ސްކޫލުގެ މުޅި މާޙައުލަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދަ "އެކްސެސިބިލިޓީ" އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސާފައިވާ ރައްކާތެރި މާޙައުލެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަކީވެސް ތަފާތު ހުނަރުތަކުން ފުރިގެންވާ، ޤާބިލު ބައެއްކަން ސާބިތުކޮށްދިނުމަށް އަމީނިއްޔާ ސްކޫލުން އަބަދުވެސް އިސްކަންދެއެވެ. އެގޮތުން، ދަރިވަރުންގެ އަމިއްލަވަންތަކަމާއި ހުނަރުތައް ފާހަގަކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ އެކި މުބާރާތްތަކާއި ހަރަކާތްތަކުގައި އެ ދަރިވަރުން ބައިވެރިވުމުގެ ފުރުޞަތު ސްކޫލުން ފަހިކޮށްދީ އެ ދަރިވަރުންނަކީ މުސްތަޤްބަލުގައި މުޖުތަމަޢަށް ބޭނުންތެރި، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ބަޔަކަށް ވުމަށް ބާރުއަޅައިދެއެވެ.

އެއްވެސް ކުއްޖަކު ބާކީނުކޮށް، އެންމެން ޝާމިލުވާނޭހެން ކުރިއަށްދިއުމުގެ ރީތި ނަމޫނާ ދައްކަމުންދާ މި ސްކޫލަކީ، ދިވެހިރާއްޖޭގެ އެހެން ހުރިހާ ސްކޫލްތަކަށްވެސް ލާމަސީލު ނަމޫނާއެކެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *