ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ (އެސްޔޫއައިއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބައިނަލްއަޤްވާމީ "ލީޑަރޝިޕް މޮބިލިޓީ ޕްރޮގްރާމް" ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ބައިވެރިވެއްޖެއެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 25 އިން 31 ގެ ނިޔަލަށް މެލޭޝިއާގައި ކުރިއަށްދާ މި ޕްރޮގްރާމަކީ ދަރިވަރުންގެ ކިބައިގައި ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ތަޢުލީމީ އަދި ޘަޤާފީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ޖުމްލަ 5 ޔުނިވަރސިޓީއަކުން 17 ދަރިވަރުން ބައިވެރިވެއެވެ. އައިޔޫއެމްގެ 6 ދަރިވަރުންގެ އިތުރުން މި ޕްރޮގްރާމްގައި ދެން ބައިވެރިވީ، އިންޑޮނޭޝިއާގެ ހަތަރު ޔުނިވަރސިޓީއަކުން ޖުމުލައ 11 ދަރިވަރުންނެވެ. އެއީ ޔުނިވަރސިޓާސް އިސްލާމް ނެގެރީ ޝަރީފް ހިދާޔަތުﷲ ޖަކާޓާ ، ޔުނިވަރސިޓާސް އިސްލާމް ނެގެރީ ސުލްޠާން އަޖީ މުޙައްމަދު އިދްރީސް ސަމަރިންދާ ، ޔުނިވަރސިޓާސް މުޙައްމަދިއްޔާ ޖަކާޓާ އަދި ޔުނިވަރސިޓާސް މުޙައްމަދިއްޔާ ޔޮގްޔަކާޓާއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންގެ ޢިލްމީ އަދި ޢަމަލީ ޤާބިލުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ޚާއްޞަ ސެމިނާތަކާއި، ލީޑަރޝިޕް ވޯކްޝޮޕްތަކާއި، ދިރާސީ ކަރުދާސް ނުވަތަ ރިސާރޗް ޕްރޮޕޯސަލް ތައްޔާރުކުރާނެ ގޮތުގެ ތަމްރީނުތައް ހިމެނެއެވެ. އަދި އާންމުކޮށް ވާހަކަދެއްކުމުގެ (ޕަބްލިކް ސްޕީކިންގ) މުބާރާތަކާއި، މުޖުތަމަޢަށް ޚިދުމަތްކުރުމުގެ (ކޮމިއުނިޓީ ސަރވިސް) ހަރަކާތްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ކުލާސްތަކުގެ މާޙައުލު ތަޖުރިބާކުރުމާއި، އެކި ޤައުމުތަކުގެ ސަގާފަތްތައް ދެނެގަތުމަށް ބާއްވާ "ކަލްޗަރަލް އެކްސްޗޭންޖް" ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.
advertisment
ހިޔާލު