ދިވެހި ވަޠަނީ ޚިދުމަތުގެ "ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން" ޕްރޮގްރާމްގެ ހަތަރުވަނަ ބެޗު 352 ބައިވެރިންނާއެކު ފަށައިފިއެވެ. ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިކަމަށްޓަކައި ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ޚާއްޞަ މެހުމާނެއްގެ ގޮތުގައި، މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ވަޠަނީ ޚިދުމަތުގެ ހަތަރުވަނަ ބެޗުގައި، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން ބައިވެރިވެއެވެ.

ހަތަރު ވަނަ ބެޗްގެ ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާ ޢަޒުމާއެކު މަސައްކަތް ކުރުމަށް ނަޞޭޙަތްތެރިވެ ހިތްވަރު ދެއްވައިފައެވެ.
" ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު މިކުރާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވެގެންދާނީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް" ރައީސް ޑރ. މުއިއްޒު މީސްމީޑިއާގައި ލިޔުއްވާފައިވެއެވެ.
ހަތަރުވަނަ ބެޗްގެ ތަމްރީނު ކުރިއަށް ގެންދަނީ ސާދަ ހަފުތާއަށެވެ.

ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީއާއި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް މި ތަމްރީނުތަކުގެ ތެރެއިން ކިޔައިދޭނެ ކަމަށް އެމްއެންޑިއެފުން ބުނެއެވެ. މިގެ އިތުރުން ފަސްޓް އެއިޑާއި ފަޔާ ފައިޓިން އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތަކާއި އަސްކަރީ ތަމްރީނުގެ ޙަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެއެވެ.

މިހާތަނަށް ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ 3 ބެޗުން 1028 ޒުވާނުން މިހާތަނަށް ވަނީ ތަމްރީނު ކޮށްފައެވެ.
advertisment
ހިޔާލު