ފާރޫޤް ލިޔުއްވާފައިވާ 49 ފޮތެއްގެ އޯޑިއޯ އައިޔޫއެމްއިން ތައްޔާރުކުރަނީ

ޢަބްދުﷲ ފާރޫޤް ޙަސަން ލިޔުއްވާފައިވާ 49 ފޮތުގެ އޯޑިއޯ ތައްޔާރު ކުރުމުގެ ހުއްދަ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުތުބުޚާނާއަށް ދީފިއެވެ. އިސްލާމީ ޔުނިވަރސިޓީން ވަނީ މިކަން ފާހަގަ ކުރުމުގެ ގޮތުން ރަސްމިއްޔާތެއްމިއަދު އެ ޔުނިވަރސިޓީގައި ބާއްވާފައެވެ.

މި ޙަފްލާގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން ޔުނިވަރސިޓީގެ މުވައްޒަފުން، އަދި އަލްފާޟިލް ޢަބްދުﷲ ފާރޫޤް ޙަސަން އާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޔުނިވަރސިޓީގެ ދަރިވަރުންނަށް (ޚާއްޞަކޮށް ލޯފަން ދަރިވަރުންނަށް) އޯޑިއޯ ބުކްސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ލައިބްރަރީގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ. އެގޮތުން މި ޙަފްލާގައި، ޢަބްދުﷲ ފާރޫޤް ޙަސަން ވަނީ އޯޑިއޯ ފޮތް ތައްޔާރުކުރުމުގެ ހުއްދަ ރަމްޒީގޮތުން އަރުވާފައެވެ. އަދި މި އަގުހުރި ޢިލްމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، އެމަނިކުފާނަށް ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ.

ލިޔުންތެރިކަމުގެ ދާއިރާގައި 54 އަހަރު ހޭދަކުރައްވާފައިވާ އަލްފާޟިލް ޢަބްދުﷲ ފާރޫޤް ޙަސަން ވަނީ މިހާތަނަށް 62 ފޮތް ޝާއިޢުކުރައްވާފައެވެ. އަދި ޗާޕްކުރުމަށް 23 ފޮތެއް ތައްޔާރުވެފައިވާއިރު، އިތުރު 9 ފޮތެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރައްވަމުންނެވެ. އެމަނިކުފާނު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި އިސްލާމީ ތާރީޚް، ކީރިތި ރަސޫލާ صـلّى الله علـيـه وسـلّمގެ ސީރަތު، ޚަލީފާއިންނާއި ޞަޙާބީންގެ ސީރަތު، އިސްލާމީ ދުނިޔޭގެ މުހިންމު ޝަޚްޞިއްޔަތުތަކުގެ މަޢުލޫމާތު އަދި ޤުރްއާނުގެ މަތިވެރިކަމާ ގުޅޭ އަގުހުރި ފޮތްތައް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *