އިސްމާޢީލް ނަޝީދު
އިރާދަފުޅާއެކު ދިވެހިރާއްޖެ ދެމިއޮންނާނެ އެވެ. އެކަމަކު އަޅުގަނޑުގެ ނަފްސާ ކުރަމުން އަންނަ ސުވާލެއް އެބަ އޮތެވެ. އެއީ ދިވެހިރާއްޖެ އިން ދިވެހިން ފެނުމަކީ ތަދުކަމަކަށް ވެދާނެތޯ؟ އުފެދޭ މި ސުވާލެވެ. އަޅުގަނޑު މި މަޒުމޫނު ލިއުމަށް ބޭނުންވި ސަބަބަކީ، މިމަޒުމޫނުގެ ޒަރީޢާއިން އަޅުގަނޑުގެ މި ސުވާލު ތިޔަބޭފުޅުންގެ އަރިހަށް ފޮނުވުމެވެ. ހަމައެއާއެކު އަޅުގަނޑު ހިތުގައި މި ސުވާލު އުފެދެން މެދުވެރިވި ސަބަބުތައް ކޮންމެވެސް މިންވަރަކަށް ބަޔާން ކުރުމަށެވެ. މި ސުވާލުގެ ޖަވާބު ދެއްވުމަށް ޝައުޤުވެރިވާ ބޭފުޅުން ޖަވާބު ދެއްވުމަށް އަޅުގަނޑު ފުރަތަމަ އެދެނީ، އެބޭފުޅެއްގެ ނަފްސަށެވެ. އެއަށްފަހު ފެނިވަޑައިގަންނަވާ ބޭފުޅަކަށް ޖަވާބު ހިއްސާ ކުރައްވަމުން ގެންދެވީމަ ރަނގަޅުވާނެ އެވެ. ދެއްވާ ޖަވާބުގެ ރަނގަޅު ނުރަނގަޅު ކަނޑައެޅުމުގެ ބޭނުމެއް އަޅުގަނޑުގެ ނެތެވެ. މާފުކުރައްވާށެވެ. އެކަން އަޅުގަނޑު ދޫކޮށްލާނީ ތިޔަބޭފުޅުންނަށެވެ. އަޅުގަނޑު އިސްވެ މި އުފެއްދި ސުވާލުގެ ޖަވާބަށް މަގުފަހި ކުރުމަށް ފަހުގެ ފޮޅުވަތްތަކުގައި ހިސާބަކަށް ތަރުބިއްޔަތުގެ ފަންނަށާއި ދިވެހިންގެ އިހާއި މިހާރުގެ ތަރުބިއްޔަތުގެ ކަންކަން ހުރިގޮތުގެ މައްޗަށް ކުރުކޮށް ނަމަވެސް ބަލައިލާނަމެވެ.
ޝައްކެތްނެތެވެ. ދުނިޔޭގެ ވަގުތާއި ރާސްތާ އާދަޔާޚިލާފަށް މިވަނީ ކުރުވެފައެވެ. ދިވެހިންނަށްވެސް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގެ އަޑު އިވުމަށް އަދި މަންޒަރު ދުށުމަށް ނަގާ ވަގުތު ގުނަން ޖެހިފައިވަނީ ސިކުންތުންނެވެ. ދަތުރުފަތުރާއި މުއާސަލާތުގެ ވަޞީލަތްތަކަށް އައި ކުރިއެރުމާއެކު އަލަށް އުފަންވާ ދިވެހި ދަރީން ތަރުބިއްޔަތުވެ ބޮޑުވަމުންދަނީ، އިހުފަދައިން ރަށުބަންދުގައި ތިބެގެނެއް ނޫނެވެ. ދިވެހިންގެ ދިރިއުޅުމަށް ކުރަނީ ދިވެހި އަސްދަނޑީގައި ހިނގާ ދައުރުވުން ތަކުގެ އަސަރު އެކަންޏެއް ނޫނެވެ. އިމެންނެތް ގޮތުގައި، ހިފެހެއްޓުމެއް ނެތި ދުނިޔޭގައި ހިނގާހާ ކަމެއްގެ އަސަރު ދިވެހިރާއްޖޭގައި އުފަންވާ ކުދީންނަށް ކުރާނެކަމީ މިއަދުގެ ޙަޤީޤަތެވެ. ކަންމިހެން އޮަތުމުން ޚުލްޤު ހެޔޮ ދިވެއްސެއް ތަރުބިއްޔަތު ކުރެވޭތޯ އެވެ؟ މި ސުވާލު އިތުރަށް ފުރިހަމަ ކޮށްލާނަމެވެ. އާދެ، ދުނިޔެއަށް ލޯހުޅުވެފައި ހުރި ޚުލްޤު ހެޔޮ ދިވެހި ޝަހުސިއްޔަތެއް ދިވެހިރާއްޖޭގައި އުފެއްދުމަށް އަޅުގަނޑުމެން ޢާއިލާތަކަށް، ސަމާލުކަން ދެވޭތޯ އެވެ؟ މިފަދަ ސަބަބުތަކަށްޓަކައި މިއަދު ދިވެހިރާއްޖޭގައި ވެސް ދަރިއަކު ތަރުބިއްޔަތު ކުރުމަށް ފިކުރު ކުރާންޖެހޭ މިންވަރު މިވަނީ އިތުރުވެފައެވެ. ތަރުބިއްޔަތުގެ އައު އުކުޅުތަކާއި ޙިކުމަތްތައް ހޯދާ ދެނެގަތުމުގެ ބޭނުންތެރިކަން ވަނީ ބޮޑު ވެފައެވެ. ނަމަވެސް ސުވާލަކީ މިކަން ބޮޑުކަމެއްގެ ގޮތުގައި އަޅުގަނޑުމެން އާއިލާތަކަން ބެލެވޭތޯ އެވެ؟

ދުނިޔެ އަށް އުފަންވާ ކޮންމެ ކުއްޖަކީ އެ ދަރިއެއްގެ މަންމަ އާއި ބައްޕަގެ މައްޗަށް ﷲ ތަޢާލާ މަތިކުރައްވާފައިވާ އަމާނާތެކެވެ. މިފަދަ ދެވަނަ އަމާނާތެއް ދުނިޔޭގެ ދިރިއުޅުމުގައި އެއްވެސް އިންސާނަކަށް މަތިނުވާނެކަން ކަށަވަރެވެ. އެހެން ކަމުން ދަރީން ބަލާ ބޮޑުކޮށް ތަރުބިއްޔަތު ކުރުމުގެ އިސް މަސްޢޫލުވެރިންނަކީ މަންމަ އާއި ބައްޕަ އެވެ. އަދި އެއީ ދެވަނަ ފަރާތެއްގެ ޒިންމާ އެއް ނޫނެވެ. މުޖުތަމަޢު ތައް ރަށުބަންދުގައި އޮތް ޒަމާންތަކުގައި ވެސް، މައިންބަފައިން އަދި އާއިލާ ނޫނަސް ދަރިން ތަރުބިއްޔަތަށް އަސަރު ފޯރުވާ ނުފޫޒުތައް ހުރެއެވެ. މިއަދުގެ ލާމެހިފައިވާ މިދުނިޔޭގައި މި ފަދަ ނުފޫޒުތައް ގިނަ ވެފައި އޭގެ ބާރުވެސް ގަދަ އެވެ.
އަޅުގަނޑުމެން ދިވެހިންނަކީ ވެސް ދަރިންދެކެ އިންތިހާ އަށް ލޯބިވާ ބައެކެެވެ. ދަރިންގެ މައިންބަފައިންގެ އިތުރަށް ކާފަ އާއި މާމަ އަދި ބޮޑުބޭބެ މެންނާއި ބޮޑުދައިތަ މެން ފަދައިން އާއިލާ އެންމެން އެ އާއިލާގެ ކޮންމެ ކުއްޖަކަށް ނުހަނު ހެޔޮ އެދެއެވެ. އެހާމެ ލޯބިވެ އެވެ. އެކުދީންގެ ތަރުބިއްޔަތުގައި އަމަލީ ގޮތުން ޝާމިލު ވެއެވެ. ހަމައެހެންމެ، ކުޑަކުދީން ވެސް އެކުދީންގެ މާމަ، ކާފައިގެ އިތުރަށް އާއިލާގެ ދޮށީ އުމުރުގެ މީހުން ދެކެ ލޯބިވެއެވެ. އެމީހުންގެ ވާހަކަތައް އަހާހިތުން އަހާ އުޅެއެވެ. އާއިލާގެ ދޮށީ އުމުރުގެ މީހުންގެ އިތުރުން މުޖުތަމަޢުގެ ދޮށީ އުމުރުގެ މީހުންގެ ބަސް ގަބޫލުކުރެ އެވެ. އެފަދަ ބޭފުޅުންގެ ޝަހުސިއްޔަތު ނަމޫނާ އަކަށް ބަލައެވެ. އެހެންވެ އިހުގައި ދިވެހިން ފާހަގަ ވަނީ އާއިލީ ދަރިފަސްކޮޅު ދަމަހައްޓާ ބަދަހި ބޮޑު އާއިލާ އަކަށް ނިސްބަތްވުމުގެ ނަސީބުވެރިންގެ ގޮތުގައެވެ. ދިވެހިންނަށް ލިބިފައިވާ މި ނިޢުމަތުގެ ބޮޑުކަން އަޅުގަނޑަށް އިތުރަށް ވަޒަން ކުރެވިގެން ދިޔައީ 2025 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އަޅުގަނޑަށް ހުޅުމާލެ އިން އަލަށް ބައްދަލުވި ދިވެހިރާއްޖެ އާއި ދުރު ބައްރެއްގެ މީހަކާއެކު ދެކެވުނު ވާހަކަ އެއްގެ ތެރެއިންނެވެ. އޭނާގެ ތަޢާރަފުގައި އޭނާ ބުނި އެއް ވާހަކަ އަކީ ރަށުން ފުރައިގެން މިއައީ އެނބުރި ދާނޭ ތާރީޚެއް ކަނޑަ ނާޅައެވެ. އެކަމަކު ރަށަށް އެނބުރި ދާނޭ ދުވަސްވަރެއް ބުނެވިދާނެ އެވެ. އެއީ ބައްޕަ ނިޔާވުމަށްފަހުގެ ދުވަހެއް ގައެވެ. އޭނާގެ އަމިއްލަ ދަރީންނެތް ނެތެވެ. ނަމަވެސް ބައްޕަ ދުނިޔޭގައި އެބަހުުއްޓެވެ. ގޭގައި އުޅެނީ ބައްޕަ އާއި ބައްޕަގެ ޕެޓް (ކުއްތާ) އެވެ. ބައްޕަވެސް އަދި ޕެޓްވެސް ވަނީ ޢުމުރުން ދޮށީވެ ގައިބާރު ދެރަވެފައެވެ. ބައްޕަ ގެ ގެއަށް ޒިޔާރަތްކުރުމަކީ މި ދުނިޔެމަތީގައި އޭނާ އެންމެ ކުރާ ހިތްނުވާ ކަންތަކެވެ. އޭނާގެ އުމުރުން 56 އަހަރު ވީއިރު އެކްސްޓެންޑެޑް ފެމިލީ އާއެކުއުޅުމާއި ގުޅުމުގެ ތަޖުރިބާ އެއް ކުރެވިފައެއް ނުވެއެވެ. އޭނާ އަށް އެއީ ހަމަ އެކަނި ސްކޫލުގައި އުޅުނު އިރު އަޑު އިވުނު ލަފުޒެކެވެ. ނިއުކުލިއަރ ފެމިލީގެ ގޮތުގައި ސިފަކުރާ އާއިލީ މެމްބަރުންގެ ދުރުކަމުން އެކަކު އަނެކެއްގެ މައްޗަށް ރަހުމުކުރުން އޮންނަންޖެހޭ ކަމަކަށް އޭނާ އަށް ވިސްނިފައެއް ނެތެވެ. ކޮންމެ އަކަސް އަޅުގަނޑަށް ވިސްނުނު ގޮތުގައި މިއީ އޭނާ ތަރުބިއްޔަތުވި ގޮތެވެ. އާއިލީ ގުޅުންތައް އަގުވަޒަންކުރަން ދަސްވި މިންވަރެވެ. އަދި ގަބޫލުކުރާ ހަމަ އެވެ. މިއީ ތަރުބިއްޔަތު ކުރުމުގެ އުނިކަމަަކަށް ވާނަމަ، އެ އުނިކަން ނިސްބަތްވަނީ ކޮންބަޔަކަށް ހެއްޔެވެ؟

ކޮންމެ މަންމަ އަކާއި ބައްޕަ އެއްވެސް، އެމީހުންގެ ދަރީންނަށް ތަޢުލީމުދީ ތަރުބިއްޔަތު ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ހޯދާ ދުނިޔެވީ ނިޒާމަކީ މަދަރުސާ އެވެ. ދަރިފުޅުގެ އާއިލާގެ ތަރުބިއްޔަތުގެ އަމާޒާއި މަދަރުސާއިން ލިބިދޭ ޢިލްމާއި ހުނަރާއި ތަރުބިއްޔަތުގެ އަމާޒު، އެއްކީލަ ވުން މުހިއްމެވެ.ތަރުބިއްޔަތު ކުރާން ނުވަތަ އުފައްދަން އުޅޭ ޝަހުސިއްޔަތު މިދެންނެވި ދެފަރާތަށް ވަރަށް ރަނގަޅަށް ސާފުވާން ޖެހެއެވެ. ހަމަ އެއާއެކު އެ ދަރިޔަކު ނިސްބަތްވާ އާއިލާ އާއި ރަށާއި ގައުމަށް / ދައުލަތަށް ސާފުވެފައި އޮތުންވެސް ނުހަނު ބޭނުންތެރި އެވެ. މި މަގުން މިކަންކަން ސާފުނުވެ އޮވެއްޖެ ނަމަ، މަދަރުސާ ނިންމާ ނިކުންނަ ދަރިފުޅުގެ ކިބައިން ފެނިދާނެ ކަމަށް ހިތަށް ގެނައުމަށް ދަތި، ހިތަށް ތަދުވާ ގިނަ ސިފަތަކެއް ދަރިފުޅުގެ ފުށުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ދުޢާ އަކީ އެފަދަ ތަޖުރިބާ އެއް އަޅުުގަނޑުމެން އެއްވެސް ދިވެއްސަކަށް ކުރާން ނުޖެހުމެވެ.
ދަރީންނަށް ޅަފަތުގައި ދެވޭ ތަޢުލީމާއި ހުނަރާއި ތަޖުރިބާ ގެ މައްޗަށް ހުޝިޔާރުވެތިބުން ވަރަށް މުހިއްމެވެ. އަމުދުން މި މުހިއްމު ވާޖިބު އަދާކުރުމުގައި މައިންބަފައިން ހޭލާ ތިބުން ލާޒިމެވެ.އަބަދުވެސް ދެވޭ ތަޢުލީމާއި ތަރުބިއްޔަތު ވަޒަން ކޮށް އެވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަކީ ތަރުބިއްޔަތުގެ މަަަސައްކަތުގެ ބައިވެރިން އާދަވެ ކުރާކަމަކަށް ވާންވާނެ އެވެ. މިސާލަކަށް ދިވެހިންނަކީ ކޮބައިކަން ދަރިވަރުންނަށް ނޭގޭނަމަ، އެކަން އެކުދީންނަށް އެނގޭނޭ ޙަރަކާތެއް މަދަރުސާ އިސްވެ ހިންގަންވާނެ އެވެ. އާދަޔާ ޚިލާފަށް ދަރިވަރުން ދިވެހިބަހަށް ކޮށިކަން ފާހަގަ ވެއްޖެނަމަ، އެކަމަށް ޙައްލު ލިބޭނޭ ޕްރޮގްރާމެއް ފަރުމާކޮށް ތަންފީޒު ކުރަންވާނެ އެވެ.ސަބަބަކީ، ވަކި ފޮތެއްގައި ލިޔަންދެން، ވަކިފަރާތަކުން އަންގަންދެން މަޑުކޮށްގެން ތިބެން ވެއްޖެނަމަ، އެކަމުން ނިކުންނަ ނަތީޖާ ޒަހަރަކަށް ވެދާނެތީ އެވެ. އެހެނީ އިންސާނަކު ތަރުބިއްޔަތު ކުރުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތުގެ މިންވަރު، ހުނަރުގެ ފެންވަރެއް މުޤައްރަރުގައި ކަނޑައެއް ނޭޅޭނެ އެވެ.ޓެކްސްޓް ފޮތްތަކުގައި އެހުރިހާ ފިލާވަޅުތައް ހިމެނުން ފަސޭހަކަމަކަށް ނުވާނެ އެވެ.އެއްވެސް އިދާރާ އަކަށް އެހުރިހާ އިރުޝާދެއް އެ ފަރާތްތަކުން ފޮނުވާ ސަރކިއުލަރ ގައި ބަޔާން ކުރަން ދަތިވާނެ އެވެ. އެކަން އެހެންވާން ދިމާވާ ސަބަބުތައް ގިނަ ގުނައެވެ. މި ނުކުތާގެ މައްޗަށް އިތުރަށް ވިސްނާލުމަށް،އެފަދަ ބައެއް ސަބަބުތައް ހިމަނާލާނަމެވެ.އާދެ، އެއިގެ ތެރޭގައި:
- ކުދީން އުޅެބޮޑުވުމަށް މެދުވެރިވާ މާހައުލުގެ ތަފާތު ތައް.
- ދުނިޔެ ލާމެހިފައިވުމުން، ތަރުބިއްޔަތުގެ މަސައްކަތަށް ފޯރާ އަސަރުތަކުން އުފައްދާ މައްސަލަތައް ގިނަވުން.
- ގޮތް އެނގޭ އަދި ގޮތްނޭނގޭ އެތައް ކަންތައްތަކެއް ކޮންމެ ދުވަހަކު ދަރީންނަށް ތަޖުރިބާ ކުރަން ޖެހުން.
މުޖުތަމަޢު ތަކުގައި ޢާއިލާ ތަކަށް މިކަމުގައި އެހީތެރިވާ ނިޒާމު-މަދަރުސާތައް މުހިއްމު ވަނީ މި ފަދަ ސަބަބު ތަކަށްޓަކައެވެ. މަދަރުސާގެ ޕްރިންސިޕަލް ގެ ބޭނުން އާއިލާ ތަކަށް ބޮޑުވަނީ މިހެންވެގެންނެވެ. އޭނާ އަކީ ދަރިވަރުންގެ ވާހަކަތައް (އުފާވެރި/ހިތާމަވެރި/ކަންބޮޑުވުންތަކުގެ)، އާއިލާ ތަކުގެ ތަޖުރިބާ ފަރުވާތެރިކަމާއެކު އަޑު އަހާ މީހަކަށް ވާތީ އެވެ. މަދަރުސާ ނިސްބަތްވާ މުޖުތަމަޢު ކޮންމެ ދުވަހަކު ދެކޭ މީހަކަށް ވާތީ އެވެ. ދުނިޔޭގެ ދައުރުވުން ތަކަށް ލޯހުޅުވިފައި ހުންނަ މީހަކަށް ވާތީ އެވެ. އަދި އަމުދުން ތަރުބިއްޔަތުގެ ފަންނަށް ފަރިތަ، ތަރުބިއްޔަތު ކުރަން ތަސައްވުރު ކުރާ ޝަހުސިއްޔަތު މާ ސާފުކޮށް ފެންނަ މީހަކަށް އޭނާ ވާތީ އެވެ. ތަރުބިއްޔަތުގެ މަގަށް ހުށަހެޅޭ މައްސަލަތަކަށް އަވަސް އަދި ފައިދާ ބޮޑު ހައްލު ހޯދާދޭނޭ މީހާ އަކީ އޭނާ ކަމަށް ޤަބޫލުކުރެވޭތީ އެވެ. އެއީ ދައުލަތުގެ މަތީ އިދާރާތަކުން ބާރުލިބިގެން، އާއިލާތަކުގެ ކައިރީގައި ހުންނަ ތަރުބިއްޔަތުގެ ބާރުވެރި ފަރާތަށް ވާތީ އެވެ. އާދެ، އެއީ ހަމަ އެކަނި އޭނާ ކޮންމެ ދުވަހަކު ވަދެނިކުންނަ މަދަރުސާ ގެ އިންސްޓްރަކްޝަނަލް ލީޑަރަށް ވުމުގެ އިތުރަށް މުޅި ރަށުގެ ނުވަތަ މުޖުތަމަޢުގެ އިންސްޓަރަކްޝަނަލް ލީޑަރެވެ.

ޕްރިންސިޕަލްގެ މަސްޢޫލިއްޔަތު އަދާ ކުރުމުގައި، ޕްރިންސިޕަލް އާއެކު މަސަައްކަތް ކުރާ މުދައްރިސުންގެ ދައުރަކީ އެ ފަދަ ދެވަނައެއް ނެތް ދައުރެކެވެ. ވަރަށް ބުރަކޮށް ހަތަރުދަމު ޢަމަލީ މަސައްކަތުގައި އެފިކުރުގައި ހޭދަކުރާ ފަންނުވެރިންނެވެ. ޕްރިންސިޕަލް އާއި މުދައްރިސުން އަދި އެހެނިހެން ބައިވެރިން ގުޅިގެން ހިންގަވާ މަދަރުސާ، ކާމިޔާބު ނަމަ، ދަރިވަރުންގެ ފުށުން ފެންނާނެ އަލާމަތްތަކެއް ހުރެއެވެ.އަޅުގަނޑުގެ ނަޒަރުން މުހިއްމު ދެ އަލާމާތެއް، ފަހަތުން އެމުނިގެންދާ ދެތިން ޖުމްލާގައި، ފާހަގަކޮށްލާނަމެވެ. އެއީ ދަރިވަރުންގެ ފުށުން، ކިޔަވާ ހިތްޖެހިފައިވާތަން ފެންނާނެވެ. އަދި ކިޔަވަން ދަސްވެފައިވާ ކަން ފާހަގަ ވާނެ އެވެ. މި ނަތީޖާ ޙާޞިލުވަނީ މުދައްރިސަށް ލިބޭ ތަމްރީނު އޭނާގެ މަސައްކަތަށް ފާގަތި ނަމައެވެ. އަދި ކިޔަވާ ދެއްވާ ކޮންމެ ދަރިވަރެއްގެ ޖުމްލަ ތަރައްޤީ އަށް މުދައްރިސް ރަނގަޅަށް ނިސްބަތްވާނަމަ އެވެ.
އިސްވެ އަޅުގަނޑު ކުޅަ ސުވާލަކީ، "ދިވެހިރާއްޖެ އިން ދިވެހިން ފެނުން ތަދުވެދާނެތޯ؟" އެވެ. މި މައުޟޫއު އަޅުގަނޑު ބުއްދިއަށް ތިލަވީ ކޮން ސަބަބަކާހުރެތޯ ވެސް ދަންނަވާލާނަމެވެ. އާދެ، އަޅުގަނޑުމެންގެ ޅަދަރީންގެ ތަރުބިއްޔަތާމެދު ފިކުރުކުރެވޭތީ އެވެ. ލޯމަތިން ކޮންމެ ދުވަހަކު ފެންނަ މަންޒަރުތަކުގެ ސަބަބުންނެވެ. ރަށުތެރެއިން އިވޭ ޚަބަރުތަކުން ހިތަށްކުރާ އަސަރުންނެވެ. ފަހަރެއްގައިވެސް، ބިދޭސީ ބަޔަކާ ގުޅުވާ ދެކެވޭ ވާހަކަ އަކުން ނުވަތަ އެނޫންވެސް އެފަދަ ކަމަކާހެދި އެއް ނޫނެވެ. އާއިލީ ވެށިންނާއި މަދަަރުސާގެ މާޙައުލުން ތަރުބިއްޔަތަށް ކުރާނޭ އަސަރުތަކާމެދު ހިސާބަކަށް ވިސްނާއުޅެވޭ މީހަކަށް ވީތީ އެވެ. އަދި ތަރުބިއްޔަތުގެ މަސްޢޫލުވެރިންގެ ގޮތުގައި މީސްތަކުން ދެކޭ އެ ދެފަރާތުގެ މަސައްކަތަށް މުޖުތަމަޢުން ހުށަހެޅޭ ގޮންޖެހުންތަށް ކޮންމެވެސް މިންވަރަކަށް ވަޒަންކުރެވޭތީ އެވެ.މަދަރުސާ ހިންގަވާ ފަރާތްތަކުން، މާއްދީ ތަރައްޤީ އަށް އިންވެސްޓް ކުރައްވާ މިންވަރު މަދުވެގެން އުފެދޭ ނުތަނަވަސް ކަމެއް އޮވެގެނެއްވެސް ނޫނެވެ.މަދަރުސާ ހިންގާ ފަރާތްތަކަށާއި މުދައްރިސުންނަށް،މާނަހުރި ތަމްރީނު ލިބުމުގެ ބޭނުންތެރިކަން ހިތަށް ވަންނަވަރުންނެވެ. ހަމައެއާއެކު، އަޅުގަނޑުމެން ދިވެހީން، ދިވެހި ދަރީންނަށް ދެވޭ ތަރުބިއްޔަތާމެދު މާބޮޑަށްވެސް ފަރުވާތެރި ވާންވެއްޖެ ކަމަށް ގަބޫލުކުރެވިގެންނެވެ. އަޅުގަނޑުމެން އެންމެންގެ ހެވަތަށްޓަކައެވެ.
އަޅުގަނޑު އިޚުތިޔާރު ކުޅަ މި މައުޟޫ، ތިޔަ ކިޔުންތެރިން ހިތްބަރުކަމެއް ނެތި، އިތުރަށް އިންސާފު ކޮށްދެއްވާށެވެ.
ދަރީންގެ ފުށުން މައިންނަށާއި އާއިލާ އަށް ފިނިކަން ލިބުން އެދި ތިޔަކުރައްވާ ދުއާ ގައި އަޅުގަނޑު ބައިވެރިވަމެވެ.
advertisment
ހިޔާލު